މާލޭ ގެއެއްްގައި ހިނގި ގޭސް ލީކުވުމުގެ ހާދިސާއާ ގުޅިގެން ހާލު ސީރިއަސްވެ ފަރުވާދެމުންދާ 19 އަހަރުގެ އަންހެންކުއްޖާގެ ހާލު މިވަގުތައް ރަނގަޅުކަމަށް އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ހިނގި މިހާދިސާގައި 51 އަހަރުގެ އަންހެނަކު ނިޔާވެފައިވާއިރު 19 އަހަރުގެ ޒުވާނާއަށް ދިޔައީ ފަރުވާދެމުންނެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވީ އޭނާއަށް ފަރުވާދެމުންދަނީ އައިސީޔޫގައިކަމަށާއި، މިވަގުތަށް ހާލު ރަނގަޅުކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި 51 އަހަރުގެ އަންހެންމީހާ އާއި ހާލުދެރަވި 19 އަހަރުގެ ޒުވާނާއަކީ ދެމައިންނެވެ.
ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވަނީ މި ހާދިސާގައި ނިޔާވި، ދަފްތަރު ނަންބަރު ރސ 6210 / މާލެ، ޒާހިދާ ތައުފީޤު އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ.
މިއަދު ހެންދުނު 10:34 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކުރި މި ހާދިސާ ހިނގަން މެދުވެރި ސަބަބު ދެނެގަތުމުގެ މަސައްކަތް ކަމާގުޅޭ ފަރާތްތަކުން ދަނީ ކުރަމުުންނެވެ.