އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ ޔަހޫދީ ސިފައިންގެ ބަޓާލިއަންތަކުގެ އަދަދު 26 އަށް އިތުރުކޮށް، ސަރަޙައްދީ އަސްކަރީ ބާރު ވަރުގަދަކޮށްފިއެވެ.
އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ ޔަހޫދީ ސިފައިންގެ ބާރުތައް އިތުރަށް ވަރުގަދަކޮށް، ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ ބަޓާލިއަންތަކުގެ އަދަދު 26 އަށް އިތުރުކޮށްފައިވާ ކަމަށް، ޔަހޫދީ ޗެނަލް 12 ހިމެނޭ ގޮތަށް ތަފާތު ނޫސްތަކުން ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފިއެވެ. ނަމަވެސް، ބާރުތައް ވަރުގަދަކުރި ސަބަބާއި އިތުރު ތަފްސީލުތަކެއް ހާމަކޮށްފައެއް ނުވެއެވެ.
މިއާ ގުޅިގެން، ފަލަސްޠީނުގެ ވޯލް އެންޑް ސެޓްލްމަންޓް ރެސިސްޓެންސް އިދާރާއިން ހާމަކުރި ގޮތުގައި، ޔަހޫދީ ސަރުކާރުން ވަނީ ހުޅަނގު އައްސޭރީގެ އަލްބީރާ ސިޓީއަށް ނިސްބަތްވާ 1.5 ހެކްޓަރު ގެ ބިން ބާރުގެ ބޭނުންކޮށް ފޭރިގެންފައެވެ. ގެންދިޔަ ބިންތަކަކީ، އެ ސިޓީގެ އިރުމަތީ ސަރަޙައްދުގައި ޣައިރުޤާނޫނީ ގޮތުން ބިނާކޮށްފައިވާ ވަޒަންވެރިންގެ ޖަގަހައެއް ވަށައިގެން 4,000 މީޓަރު ދިގު "ސަލާމަތީ މަގެއް" ގާއިމުކުރުމުގެ ނަމުގައި ހިންގި ޣައިރުޤާނޫނީ ޢަމަލެއްގެ ދަށުން ފޭރިގަތް ބިންތަކެކެވެ.
ކޮމިޝަނުން ހާމަކުރި ގޮތުގައި، މި މަގުގެ ސަބަބުން ޖަގަހައިގެ ވަށައިގެން އާ "ބަފަރ ޒޯނެއް" ތަޢާރަފުވެ، ޖަގަހައާއި ހަދާ މަގާ ދެމެދުގައިވާ ފަލަސްޠީނު ރައްޔިތުންގެ ބިންތަކަށް ވާސިލުވުމަށް އުނދަގޫވެ، ހިޞާރު ވެގެންދާނެއެވެ. ތައްޔާރުކޮށްފައިވާ ޗާޓުތަކާ ހަވާލާދީ އެ އިދާރާއިން ބުނި ގޮތުގައި، ސީދާ ގޮތުން ފޭރިގަތް 1.5 ހެކްޓަރުގެ ބިމުގެ އިތުރަށް، ޖަގަހައިގެ ޢިމާރާތްތަކާއި ހެދި މަގާ ދެމެދުގައިވާ 38 ހެކްޓަރު ގެ ބިމަށް ވާސިލްވުމަށްވެސް ފަލަސްޠީނު ރައްޔިތުންނަށް ދަތިވާނުކަމަށް ލަފާކުރެވެއެވެ.
އދގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރު ފެށުނީއްސުރެ މިހާތަނަށް 1,430 އަށްވުރެ ގިނަ ޙަމަލާ ވަނީ ރެކޯޑުކުރެވިފައެވެ. މި އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން 3,800 އެއްހާ ފަލަސްޠީނު މީހުންގެ ގެދޮރު ގެއްލިފައިވާއިރު، އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.