ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާއާގައި ނޭޕާލުގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް އަސަރުކޮށްފައި ނުވާކަން ދެނެގަނެވާފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ނޭޕާލުގެ ހިމާލިޔާ ފަރުބަދަތަކުގެ ސަރަޙައްދުގައި ކޯރެއް ބަންޑުންވުމުގެ ސަބަބުން ގިނަ އަވަށްތަކެއްގައި ފެންބޮޑުވެ، ކާރިސާއެއް ވަނީ ކުރިމަތިވެފައެވެ. މި ކާރިސާގައި މަގުތަކާއި، ބްރިޖުތަކުގެ އިތުރުން އިންޖީނުގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ކާރިސާ ދިމާވި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމަކަށް އެ ވުޒާރާއަށް އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވާ ކަމަށެވެ. އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލުގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިކާރިސާގައި އަސަރުކޮށްފައި ނުވާކަން ދެނެގަނެވާފައިވާ ކަމަށްވެސް ވުޒާރާއިން ވިދާޅުވިއެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ، މި ކާރިސާއާ ގުޅިގެން ނޭޕާލްގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް ދިވެއްސަކު އެހީތެރިކަމެއް ބޭނުންވާނަމަ، ނުވަތަ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ވުޒާރާގެ ހޮޓްލައިން ނަންބަރަ 9607983400+ ގުޅުމަށް ނުވަތަ ކޮންސިއުލަރ އީމެއިލް [email protected] އީމެއިލް ކުރެއްވުމަށް ވަނީ އެދިފައެވެ.
ނޭޕާލުގެ ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، އެ ޤައުމުން އެކަނިވެސް މަދުވެގެން 270 މީހުން މަރުވެ، 826 މީހުން ވަނީ ގެއްލިފައެވެ. ނޭޕާލްގެ ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރާ ޙަވާލާދީ އޭޕީ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގެއްލުނު މީހުންގެ ތެރޭގައި އެ ޤައުމުގެ 113 ފަތުރުވެރިންނާއި، ސަލާމަތީ ބާރުތަކުގެ 85 އޮފިސަރުންގެ އިތުރުން ރަސުވާ ޑިސްޓްރިކްޓްގެ 161 މީހަކާއި ނުވާކޯޓް ޑިސްޓްރިކްޓްގެ މީހުން ހިމެނެއެވެ.
ނޭޕާލުގެ ރަސުވާ ސަރަޙައްދުގައި ފެންގަނޑު އާދަޔާ ޚިލާފަށް ބޮޑުވެފައިވާތީ، މީހުން ސަލާމަތްކުރުމަށް ހެލިކޮޕްޓަރު ޖެއްސުމުގައި ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އެ ސަރަޙައްދުގެ އެޑްމިނިސްޓްރޭޓަރު ނަރެންދުރަ ޕަރިޔާރު ވިދާޅުވީ، މަރުވި މީހުންގެ ޢަދަދު އަދިވެސް އިތުރުވުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. އަދި ބޯޓޭ ކޯޝީ ކޯރުގެ އައްސޭރީގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި އުސް ސަރަޙައްދުތަކަށް ބަދަލުވުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.