ޚަބަރު

ރެއާލަށް ކުޅުނު ރޮޑްރިގޭޒް އޮޑިއަށް


  • ރެއާލާއެކު ރޮޑްރިގޭޒް ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައި

  • އަންނަ ހަފުތާގައި ރޮޑްރިގޭޒް އޮޑިއަށް ސޮއި ކުރާނެ

  • ބްރެޒިލް ކުޅުންތެރިއަކު ގެންނަންވެސް އޮޑިން އަންނަނީ މަސައްކަތް ކުރަމުން

ރެއާލް މެޑްރިޑަށް ކުޅުނު ސްޕެއިންގެ މިޑްފިލްޑަރު ހޯސޭ ރޮޑްރިގޭޒް ރާއްޖޭގެ އޮޑި ސްޕޯޓްސް ކްލަބާ ގުޅެން ރާއްޖެ އައިސްފިއެވެ.

އޮޑި ސްޕޯޓްސް ކްލަބުގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި ޕޯސްޓެއްގައި ބުނީ ރޮޑްރިގޭޒް އޮޑި ސްޕޯޓްސް ކްލަބާ ގުޅެން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި ރޮޑްރިގޭޒް ވަނީ މީގެ ކުރިން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި އޮޑިއަށް ގުޅެން އުޅޭކަމުގެ އިޝާރާތެއް ދީފައެވެ.

"ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން އޮޑި ސްޕޯޓްސް ކްލަބްގެ އޮފިޝަލަކު ބުނީ ރޮޑްރިގޭޒް އޮޑިއާ ގުޅެން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މިހާރު ސޮއިކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި، އަންނަ އާދީއްތަ ނޫނީ ހޯމަ ދުވަހު ރޮޑްރިގޭޒް އޮޑިއަށް ސޮއިކުރާނެ ކަމަށެވެ. މީގެ އިތުރުން ރޮޑްރިގޭޒް އޮޑިއާ ގުޅޭނީ މި ސީޒަނުގެ ނިޔަލަށް ކަމަށް އޮޑި ސްޕޯޓްސް ކްލަބްގެ އޮފިޝަލު ބުންޏެވެ.

ރޮޑްރިގޭޒް ވަނީ ރެއާލްގެ ސްކޮޑުގައި ހިމެނިގެން ޔުއެފާ ޗެމްޕިއަންސް ލީގުގެ އިތުރުން ސްޕެނިޝް ލީގުވެސް ކާމިޔާބުކޮށްފައެވެ. އެކަމަކު އެ ދެ މުބާރާތުގައި ވެސް ރޮޑްރިގޭޒް ފެނިގެންދިޔައީ ބެންޗުންނެވެ. ރޮޑްރިގޭޒް އެންމެ ފުރަތަމަ ޗެމްޕިއަންސް ލީގުގެ މެޗެއް ކުޅެން ފުރުސަތު ދީފައިވަނީ 2012 ވަނަ އަހަރު އޭރުގެ ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯއެވެ. އެއާއެކު އޭރު އުމުރުން 17 އަހަރުގެ ރޮޑްރިގޭޒް ވެގެންދިޔައީ، ޗެމްޕިއަންސް ލީގު މެޗެއް ރެއާލްގެ ޖާޒީގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގު ފަށަން ތައްޔާރުވެފައިވާއިރު، އޮޑި ސްޕޯޓްސް ކްލަބާ ބިދޭސީ ދެ ކުޅުންތެރިން މިހާރު ވަނީ ގުޅިފައެވެ. އޭގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި ބްރެޒިލް ކުޅުންތެރިއެއް އޮޑިއާ ގުޅޭނެ ކަމަށް މައުލޫމާތު ލިބެއެވެ.