ޚަބަރު

ބޮސްނިޔާގައި ގަތުލްއާއްމު ހިންގި ރެޓްކޯ މްލަޑިޗް މަރުވެެއްޖެ


ބޮސްނިއާގެ މުސްލިމުން ނަސްލުހޭދުކުރުމަށް 1995 އަހަރު ހިންގި ޢުދުވާނުގެ މޭސްތިރިޔާ، ރެޓްކޯ މްލަޑިޗް މަރުވެެއްޖެއެވެ. އޭނާ މަރުވީ އދގެ ބެލުމުގެ ދަށުގައި ހުއްޓައެވެ. އޭނާ މަރުވި ސީދާ ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ބޮސްނިއާ ހަނގުރާމައިގެ ދުވަސްވަރު މްލަޑިޗްގެ ސަރބިޔާގެ ފައުޖުތަކުން ވަނީ ބޮސްނިޔާގެ ވެރިރަށް، ސަރަޔޭވޯ ހިޞާރުކޮށް، ވަރުގަދަ ހަތިޔާރުތައް ބޭނުންކޮށްގެން ހަމަލާތައް ދީ، 10،000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ. ހަނގުރާމައަށް ތިން އަހަރު ފުރުނު ފަހުން 1995ވަނަ އަހަރު ބޮސްނިއާގެ އިރުމަތީ ސަރަޙައްދެއް ކަމަށްވާ ސްރެބެނީޓްސާއަށް މްލަޑިޗް އިސްވެ ހުރެ ސަރބިޔާގެ ފައުޖުތަކުން ވަދެގަނެ އެ ރަށް ހިޞާރު ކުރިއެވެ. އަދި އެ އަވަށުގެ 8،000އަށްވުރެ ގިނަ މުސްލިން ފިރިހެނުންނާއި ފިރިހެން ކުދިން ވަނީ އަނިޔާވެރިކަމާއެކު ޝަހީދުކޮށްލައިފައެވެ. އދން ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ބޮސްނިޔާގެ ސަރަޙައްދެއްގައި އެހާގިނަ ޢަދަދެއްގެ މުސްލިމުން ޝަހީދުކޮށްލި ކޮށްލުމަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ވިލާތުގައި ހިނގާފައިވާ އެންމެ ރަހުމުކުޑަ ހާދިސާއެވެ.

ސްރެބެނީޓްސާގެ ޤަތުލްޢާންމަށްފަހު ސާބިޔާއިން ވަނީ އެ އަވަށުގައި މާސިންގާ ވަޅުތައް ކޮނެ، ޝަހީދުވި މީހުންގެ ހަށިތައް ހަތަރު ދުވަހުގެ ތެރޭގައި އެ ވަޅުގަނޑުތަކަށް އަޅައި ފޮރުވައިފައެވެ. ބައެއް ވަޅުތަކުން ހަށިތައް ފަހުން ނަގާ ފަރުބަދަމަތީ ސަރަޙައްދުތަކަށް ވެސް ބަދަލުކޮށްފައިވެއެވެ. އެއީ އެ ޤަތުލްޢާންމު ހިންގި ކަމުގެ ހެކި ފޮރުވުމަށްޓަކައެވެ.

ކުރީގެ ޔޫގޮސްލޭވިޔާގައި ހިންގާފައިވާ ބޮޑެތި ކުށްތައް ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް 1993ވަނަ އަހަރު ޤާއިމްކުރި އދގެ ބައިނަލްއަޤްވާމީ ޖިނާޢީ ޓްރައިބިއުނަލް، އައިސީޓީވައި އިން ވަނީ ސްރެބެނީޓްސާގައި ހިންގި ޤަތުލްޢާންމަކީ ބަޔަކު ނަސްލުހޭދުކުރުމުގެ މަޤްޞަދުގައި ދީފައިވާ ހަމަލާތަކެއް ކަމަށް ކަނޑައަޅައިފައެވެ. މްލަޑިޗްގެ އިރުޝާދާ އެއްގޮތަށް ސަރބިޔާއިން މަސައްކަތް ކުރީ ބޮސްނިޔާގެ މުސްލިމުންނާއި، ކްރޮއޭޝިޔާގެ ރައްޔިތުންނާއި، ސަރބިޔާ ނޫން ޤަެއުމުތަކަށް ނިސްބަތްވާ މީހުން ބޮސްނިޔާގެ ބިންތަކުން ފުހެލުމަށެވެ.

އައިސީޓީވައިއިން ވަނީ އެ ރޭވުމަކީ މްލަޑިޗްއާއި ސަރބިޔާގެ ކުރީގެ ރައީސް ސްލޮބޮޑާން މިލޮޝެވިޗްގެ އިތުރުން ބޮސްނިޔާއާއި ސަރބިޔާއަށް ނިސްބަތްވާ ސިޔާސީ ލީޑަރެއް ކަމަށްވާ ރަޑޮވާން ކެރަޔިޗް އަޑީގައި ތިބެގެން ރާވައި ތަންފީޒު ކުރަމުން ދިޔަ ރޭވުމެއް ކަމަށް ކަށަވަރުކޮށްފައެވެ. އަދި 2017ވަނަ އަހަރުގެ ތެރޭގައި ލަޑަކް އުމުރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ. އޭނާ މަރުވުމުގެ ކުރިން ވޭތުވި މަސްތައް ހޭދަކޮށްފައި ވަނީ ދަ ހޭގުގައި ހުންނަ އދގެ ޑިޓެންޝަން ސެންޓަރެއްގެ ހަސްފަތާލު ވޯޑެއްގައެވެ.