މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީން ބ. އަތޮޅުގެ 3 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ. މި އޭޓީއެމްތަކުން 24 ގަޑިއިރު ޚިދުމަތްލިބޭނެކަމަށް އެމްއައިބީން ވަނީ ބުނެފައެވެ. އެމްއައިބީން އޭޓީއެމްގެ ޚިދުމަތް އަލަށް ފަށާފައިވަނީ ބ. ކެންދޫ، ގޮއިދޫ އަދި ތުޅާދޫގައެވެ.
އަލަށް ގާއިމުކުރެވުނު އޭޓީއެމްތައް މެދުވެރިކޮށް 24 ގަޑިއިރު މާލީ އަސާސީ ޚިދުމަތްތައް ބ. އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ. އެގޮތުން ކޮންމެ ވަގުތެއްގައިވެސް ދިވެހި ރުފިޔާ ޖަމާކުރުމާއި ފައިސާ ނެގުމުގެ ހިދުމަތް ލިބިގެންދާނެކަމަށް އެމްއައިބީން ބުނެއެވެ.
މި ރަށްރަށުގައި އޭޓީއެމް ހިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރެވެ. މި ރަސްމިއްޔާތުތަކުގައި އެ ރަށްރަށުގެ ކައުންސިލްތަކުގެ މެންބަރުންނާއި، އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާ، ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލް އަދި ޗީފް އެކްސްޕީރިއަންސް އޮފިސަރު ނީރައިން ޖަލީލު ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއައިބީން ބުނީ ބ. އަތޮޅުގައި އޭޓީއެމް ނެޓްވޯކް ފުޅާކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކުގެ ހިދުމަތްތައް ވަރުގަދަކޮށް، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އަސާސީ ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.
މީގެއިތުރުން އެމްއައިބީން ވަނީ ބ. އޭދަފުށީގައި އެ ބޭންކުގެ އައު ބްރާންޗެއް ހުޅުވާފައެވެ. މި ހުޅުވުނު އާ ބްރާންޗަކީ މީގެ ކުރިން އޭދަފުށީގައި ހިންގަމުން އައި އެމްއައިބީގެ ސޭލްސް ސެންޓަރު އަޕްގްރޭޑްކޮށް، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ ފުރިހަމަ ބޭންކިން ހިދުމަތްތަކާއި، އެކައުންޓް ހުޅުވުމާއި، ފައިނޭންސިން ހައްލުތަކުގެ އިތުރުން އެހެނިހެން އަސާސީ ބޭންކިން ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެހެން ތަރައްގީކޮށްފައިވާ ބްރާންޗެއްކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.