ޚަބަރު

ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް 2 ރަށަކަށް އައު ޖެންސެޓް


  • އައު ޖެންސެޓް ގެންގޮސްފައިވަނީ ޅޮހީ އަދި ހުޅުދެއްޔަށް

  • ދެރަށަށް ވެސް ގެންގޮސްފައިވަނީ 400 ކިލޯ ވޮޓުގެ ޖެންސެޓް

  • ކަރަންޓު ކެނޑުމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ވިދާޅުވި

ނ. ޅޮހީ އަދި ދ. ހުޅުދެލީގައި ދެމުންގެންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އައު ޖެންސެޓް ގެންގޮސް މަސައްކަތްތައް ފަށައިފިއެވެ.

ނ. ޅޮހީގައި ދެމުންގެންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ގެންދެވުނު 400 ކިލޯވޮޓްގެ އައު ޖެންސެޓާއެކު އެ ރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

މި އައު ޖެންސެޓް ގެނައުމުގެ ކުރިން ޅޮހީ އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީއަކީ 860 ކިލޯވޮޓެވެ. ނަމަވެސް، އަލަށް ގެނެވުނު ޖެންސެޓާއެކު މި ގެނެވުނު ބަދަލުން، އެ ރަށުގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން 1،260 ކިލޯވޮޓަށް މަތިވެގެންދާނެއެވެ.

މީގެއިތުރުން، ދ. ހުޅުދެއްޔަށް ވެސް ވަނީ 400 ކިލޯވޮޓުގެ އައު ޖެންސެޓެއް ގެންގޮސްފައެވެ. އަދި އެ ރަށަށް ގެންދެވުނު ޖެންސެޓް އިންސްޓޯލްކޮށް، ވީއެންމެ އަވަހަކަށް ބޭނުންކުރަން ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ.

ފެނަކައިން މަޢުލޫމާތު ދެއްވާ ގޮތުގައި މި އައު ޖެންސެޓްތައް އިންސްޓޯލްކޮށް، ޚިދުމަތް ދޭން ފެށުމުން ހުޅުދެލީގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމާ ގުޅިގެން ދިމާވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން ރައްޔިތުންނަށް އިތުބާރާއެކު މެދުކެނޑުމެއްނެތި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ވެސް އެ ކުންފުނިން ވިދާޅުވެއެވެ.

ރާއްޖޭގެ ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލު ކުރުމަށް ފެނަކައިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޚާއްސަކޮށް، ރާއްޖޭގެ ކުދި އާބާދީތައް ހިމެނޭ ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ ދަތިތައް ހައްލުކުރުމަށް ސަރުކާރުން މިހާރު ދަނީ ޚާއްސަ އިސްކަމެއް ދީގެން ފިޔަވަޅުތައް އަޅަމުންނެވެ.