ގައުމު ބިނާކުރުމުގެ ވިސްނުމާއި އެކަމުގެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމަށާއި، އެކަމަށް އަންހެނުންނަށް މަގުތައް ފަހިވާނެ ޕްރޮގްރާމުތައް ހިންގަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ "ވިލުންތެރި ކަނބަލުން" ޕްރޮގްރާމު ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، އަންހެނުންނަކީ ގައުމެއްގެ އިޖުތިމާއީ ހަށިގަނޑާއި ތަރުބަވީ މަދަރުސާގެ މުހިންމު ބަހާއެއް ކަމަށެވެ. އަދި އަންހެނުންނަކީ ގައުމެއް އާރާސްތުކުުރުމުގެ ހިތްމަތާއި މިންނަތާއި ޖޯޝާއި ވިންދު ކަމަށާއި، ގައުމެއް ބިނާކޮށް ތަރައްގީކުރުމުގައި އަންހެނުންގެ ދައުރަކީ ތަރައްގީގެ ބިންގާ އަދި އާއިލާތަކާއި މުޖުތަމައުގެ އުފާވެރިކަމުގެ އަސްލުގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ވިލުންތެރިކަމަކީ ކޮންމެ މީހަކަށްވެސް ދަސްކޮށްދެންޖެހޭ ވަރަށް މުހިންމު ސިފައަކާއި ހުނަރެއް ކަމަށް ވިދާޅުވިއެވެ. އަދި މި ހުނަރު އަންހެންނަށް ދަސްކޮށްދިނުމަކީ އޭގެ ސަބަބުން އިޖުތިމާއީ ގޮތުންނާއި އިގުތިޞާދީ ގޮތުންވެސް ގައުމަށް އެތައް މަންފާއެއް ކުރާނެ ކަމެއް ކަމަށް އެކަމަަނާ ވިދާޅުވިއެވެ.
ވިލުންތެރި ޕްރޮގްރާމުގެ މަގުސަދުތަކަށް އަލިއަޅުއްވާލައްވާ މެޑަމް ސާޖިދާ ވިދާޅުވީ، މި ޕްރޮގްރާމުން އަންހެނުންނަށް އަމަލީ އެތައް ކަމަކާއި، އިލްމީ އެތައް މައުލޫމާތެއްގެ އިތުރުން ފިކުރީ އަދި އަމަލީ އެތައް ގާބިލުކަމެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.
"މި ޕްރޮގްރާމުން އަމަލީ އެތައްކަމެއް އަންހެނުންނަށް ލިބިވަޑައިގެންފި. ހަމައެއާއެކު އިލްމީ އެތައް މައުލޫމާތުތަކެއް ހާސިލްކޮށްފި. ފިކުރީ އަމަލީ އެތައް ގާބިލުކަމެއް ހޯއްދަވައިފި. މިކަންކަމުގެ ނަތީޖާއަކަށްވާނީ ރަނގަޅު މަންފާހުރި އެތައް ކަމެއް. އޭގެ ތެރޭގައި ގޭތެރޭގައި ދިމާވާ އެކިއެކި ކަންކަމަށް ހައްލު ހޯދުން. ކަންކަމުގައި އީޖާދީ ވިސްނުން އިތުރުވުން. އަދި އިޖުތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން އަންހެނުންނަށް ހައްގުވާ ބާރުވެރިކަން އުފެދިގެން އައުން." ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
ރާއްޖޭގެ ތާރީހާއި އެހެން ބައެއް މުޖުތަމައުތަކުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ދިވެހި އަންހެނުންނަކީ ތާރީހަށް ބަލާއިރު ވަރަށް ނަސީބުވެރި ބައެއް ކަމަށެވެ. އެގޮތުން ބައެއް މުޖުތަމައުތަކުގައި އެމީހުންގެ ދީނާއި ސަގާފަތުގެ ސަބަބުން އަންހެނުންނާމެދު ބޭއިންސާފުން ކަންތައްތައް ކުރެވި، ތައުލީމު ލިބުމާއި ކަންކަމުގައި ބަސް ބުނުމާއި އެކި މަސައްކަތްތަކުން މަހުރޫމުވެފައި ހުރިކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ދިވެހީންނަކީ މުސްލިމުން ކަމަށާއި، އިސްލާމްދީން ވަނީ އަންހެނުންނާއި ފިރިހެނުންގެ މެދުގައި އަދުލުވެރިކަން ގާއިމްކޮށްދީފައި ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އިސްލާމީ ތާރީހު އަންހެނުންނަށް ގޮވާލަނީ އުންމަތް ބާރުވެރިކުރުވާ، މުޖުތަމައު ގަދަރުވެރިކުރުވާ، މުރާލި ހީވާގި، ހުނަރުވެރި އަދި ހުލްގު ހެޔޮ ބަޔަކަށްވުމަށް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.