ޚަބަރު

ތިލަފުށި ޕޯޓް އިމާރާތާއި ވަސީލަތްތައް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަނީ


  • ޝައުގުވެރިވާ ފަރާތްތަކުން 10 ސެޕްޓެންބަރުގެ ކުރިން ހުށައެޅޭނެ

  • ވަކިވަކި ކުންފުނިތަކަށާއި، ޖޮއިންޓް ވެންޗަރތަކަށްވެސް ވަނީ ފުރުސަތު ހުޅުވާލާފައި

ތިލަފުށި ޕޯޓް އިމާރާތް ތަރައްޤީކޮށް އެތަނަށް ބޭނުންވާނެ ވަސީލަތްތައް ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ. މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް މިސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި އަންނަ އަހަރުގެ ނޮވެމްންބަރ މަހުގެ 11ވަނަ ދުވަހުގެ ކުރިން ޕޯޓް ތިލަފުއްޓަށް ބަދަލުވާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މިކަމަށް ބޭނުންވާ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

ތިލަފުށި ޕޯޓް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ދަށުން އެތަނަށް ބޭނުންވާ ޕޯޓް އިމާރާތާއި ވަސީލަތްތައް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމްޕީއެލްއިން މިހާރު ވަނީ އިއުލާންކޮށްފައެވެ. މިމަޝްރޫޢުގެ ދަށުން ތިލަފުށީގައި އަލަށް ތަރައްގީކުރާ ބަނދަރަށް ބޭނުންވާ އޮޕަރޭޝަނަލް، އެޑްމިނިސްޓްރޭޓިވް، ކާގޯ ހޭންޑްލިންގ، ވެއަރހައުސިންގ، ޔޫޓިލިޓީ، ސޭފްޓީ، ވެލްފެއާ އަދި ލޮޖިސްޓިކްސް ވަސީލަތްތައް ތަރައްޤީކުރުން ހިމެނެއެވެ.

މި ބަނދަރުގައި ޒަމާނީ ކޮންޓެއިނަރ ޓާމިނަލަކާއި، މަލްޓި-ޕާޕަސް ޓާމިނަލްތަކުގެ އިތުރުން، އަވަހަށް ހަލާކުވާ ފަދަ މުދާ ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖްތަކާއި ބޮންޑެޑް ވެއަރހައުސްތައް ޤާއިމްކުރާނެއެވެ. އަދި 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތް ދެވޭނެ ފުރިހަމަ ލޮޖިސްޓިކްސް ނިޒާމެއް މިތަނުގައި އޮންނާނެއެވެ.

އެމްޕީއެލްއިން ވިދާޅުވީ ތިލަފުށި ޕޯޓް އިމާރާތާއި އެތަނަށް ބޭނުންވާނެ ވަސީލަތްތައް ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ސެޕްޓެންބަރުގެ މެންދުރުފަހު 2:00ގެ ކުރިން އެކަމަށް އެދި ހުށައަޅަން ޖެހޭނެކަމަށެވެ.

މިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަކިވަކި ކުންފުނިތަކަށާއި، ޖޮއިންޓް ވެންޗަރތަކަށްވެސް ވަނީ ހުޅުވާލާފައެވެ. ޖޮއިންޓް ވެންޗަރއެއްގެ ގޮތުގައި ހުށަހަޅާނަމަ، އެ ފަރާތްތަކުގެ ތެރެއިން އެއް މެންބަރަކީ "ލީޑް ޕާޓްނަރު"ގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތަކަށް ވާންޖެހޭނެކަމަށް ވަނީ ވިދާޅުވެފައެވެ. މިފަދަ ހުށަހެޅުންތައް ވަޒަންކުރުމުގައި، ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ ތަޖުރިބާއާއި، ފަންނީ ގާބިލުކަން އަދި މާލީ ތަނަވަސްކަމަށް ބަލާނެކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވަޢުދުފުޅެކެވެ. މި މަޝްރޫޢަކީ މިހާރުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައި، ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ފަރުމާކުރެވިފައިވާ މަޝްރޫޢެކެވެ. ތިލަފުށީގައި ތަރައްޤީކުރާ ބަނދަރު ވާނީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ، އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ޒަމާނީ ވަޞީލަތްތައް ހިމެނޭ "ސްޓޭޓް އޮފް ދި އާޓް" މަލްޓި-ޕަރޕަސް ބަނދަރަކަށެވެ.