ފަލަސްޠީނުގެ ޙައްޤުތަކަށް ވަކާލާތުކުރާ 'ޕަލަސްޓައިން އެކްޝަން' ޖަމާޢަތަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި އެމެރިކާ ސަރުކާރުން ކަނޑައެޅުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ޢަމަލެއްގެ ގޮތުގައި ސިފަކޮށް، އެކުވެރި ދައުލަތްތަކުގެ (އދ) އިންސާނީ ޙައްޤުތަކާ ބެހޭ އޮފީހުން އެ ކަން ކުށްވެރިކޮށްފިއެވެ. ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެންމެ ފަހުން އަޅާފައިވާ މި ފިޔަވަޅަކީ، ޞުލްޙަވެރިކަމާއެކު އެއްވެއުޅުމާއި މަދަނީ ކަންކަމުގައި ބައިވެރިވުމުގެ ޙައްޤަށް ހުރަސް އެޅުން ކަމުގައި އދ ގެ އިންސާނީ ޙައްޤުތަކާ ބެހޭ ސަފީރު ފޮލްކަރ ތުރްކުގެ އޮފީހުން ބުނެއެވެ. އަދި، ނިރުބަވެރިކަމުގެ މާނަ ނަހަމަ ގޮތުގައި ފުޅާކުރުމަކީ މަދަނީ ޙަރަކާތްތަކަށް ބިރުދައްކައި ޖާގަ ހަނިކުރާ ކަމެއްގެ ގޮތުގައި ވެސް އެ އޮފީހުން ސިފަކުރެއެވެ.
ވާތުފިޔައިގެ ހަރަކާތްތައް ހުއްޓުވުމަށް ޓްރަމްޕްގެ ސަރުކާރުން ފަށާފައިވާ ކެންޕޭނުގެ ދަށުން ޕަލަސްޓައިން އެކްޝަންއަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ކަނޑައެޅުމުން، ޞިހްޔޫނީންގެ ޔަހޫދީ ދައުލަތުން ވަނީ މި ނިންމުމަށް މަރުޙަބާ ކިޔާފައެވެ. މީގެ ކުރިން އިނގިރޭސިވިލާތުން ވެސް ޕަލަސްޓައިން އެކްޝަން ޖަމާޢަތުގެ ހަރަކާތްތައް މަނާކުރުމާއެކު، ދަށު ކޯޓުގެ އެ ނިންމުމުގެ އިސްތިޢުނާފު ބަލައިގަތުމަށް އެ ޤައުމުގެ ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ. ޕަލަސްޓައިން އެކްޝަންގެ ހަރަކާތްތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ އިނގިރޭސިވިލާތުގައި ހިންގާ ޔަހޫދީ ދައުލަތުގެ ކުންފުނިތަކާއި ވިޔަފާރިތަކަށެވެ. މީގެ ތެރޭގައި، ޔަހޫދީ ދައުލަތުގެ އެންމެ ބޮޑު ދިފާޢީ ކުންފުނި، އެލްބިޓް ސިސްޓަމްސް ހިމެނެއެވެ. ޕަލަސްޓައިން އެކްޝަންއިން ބުނީ، އެ ޖަމާޢަތުގެ ހަރަކާތްތަކުގެ މަޤުޞަދަކީ، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލުން ކަމުގައެވެ. އަދި، އެ ކަމަށް ވާގިވެރިވާ ފަރާތްތަކަށް ހުރަސްއެޅުން ކަމުގައެވެ.
ދެހާސް ފަންސަވީސް ވަނަ އަހަރުގެ ޖޫން މަހު ޕަލަސްޓައިން އެކްޝަން ގުރޫޕުން ހިންގި ހަރަކާތެއްގެ ތެރެއިން، އަސްކަރީ މަރުކަޒަކަށް ވަދެ، އެ ތަނުގައި އޮތް ދެ އަސްކަރީ މަތިންދާބޯޓަކަށް ގެއްލުންދީފައިވެއެވެ. މި ކަމާ ދެކޮޅަށް އިނގިރޭސިިވިލާތުގެ ސަރުކާރުން ފިޔަވަޅު އެޅުމުން އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ބިޔަ މުޒާހަރާތަކެއް ފެށިގެން ދިޔައެވެ. އެ މުޒާހަރާތައް ކޮންޓުރޯލު ކުރުމުގެ ގޮތުން އިނގިރޭސިވިލާތުގެ ފުލުހުން ވަނީ 3,000 އެއްހާ މީހުން ހައްޔަރު ކޮށްފައެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކާ ދެކޮޅަށް ޓްރަމްޕްގެ ސަރުކާރުން ވެސް ދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. މި ގޮތުން، މުޒާހަރާތަކުގައި ބައިވެރިވާ މީހުން އަނބުރާ ޤައުމަށް ފޮނުވައިލުމާއި، ޔުނިވަރސިޓީތަކަށް ދޭ މާލީ އެހީ ކަނޑައިލުމާއި، މީސްމީޑިއާގައި ޔަހޫދީންގެ ޤަތުލުޢާންމާ ދެކޮޅަށް ބަސްބުނާ ފަރާތްތައް ހޯދައި، އިމިގްރޭޝަނުން ފިޔަވަޅު އެޅުން ހިމެނެއެވެ.
އދ ގެ ޚާއްޞަ މާހިރުން ކަމުގައިވާ ބެން ސޯލް އަދި ފްރެންޗެސްކާ އަލްބެނޭޒޭ ވެސް ވަނީ އެމެރިކާގެ ނިންމުމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޣައްޒާގައި ޔަހޫދީން ހިންގަނީ ނަސްލުހޭދަކުރުމުގެ ޤަތުލުޢާންމެއް ކަމުގައި ވިދާޅުވުމުން އެމެރިކާއިން މީގެ ކުރިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އަލްބެނޭޒޭ ވިދާޅުވީ، މި ފިޔަވަޅުތަކުގެ ބޭނުމަކީ ފާޑުކިޔާ ފަރާތްތަކުގެ އަޑު ކަނޑުވައިލުން ކަމުގައެވެ. އަދި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތުކުރާ 'ފަޔަރ' ޖަމާޢަތުގެ ސޭރާ މެކްލާފްލިން ވިދާޅުވީ، ޚިޔާލުފާޅުކުރުމަށް ހުރަސްއެޅުމަށް ބޭރު ޤައުމުތަކުގައި އަޅާ ފިޔަވަޅުތައް ނަކަލުކުރުމުގެ ބަދަލުގައި، އެ ފަދަ ފިޔަވަޅުތަކާ ދެކޮޅަށް އެމެރިކާ ސަރުކާރުން ބަސްބުނަންޖެހޭ ކަމުގައެވެ.