ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދުމަކީ ޤައުމީ ފެންވަރުގައި މިއަދު އެންމެ ބޮޑު އިސްކަމެއް ދެވިފައިވާ އެއް އަމާޒެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ހާއްޞަ އިސްނެންގެވުމުގެ މަތިން ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ޑިޕާޓްމަންޓުން އަންނަނީ "ހަށިހެޔޮ ރާއްޖެ" ނަމުގައި ޤައުމީ ފެންވަރުގެ ބޮޑު ޕްރޮގްރާމެއް މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދެއްގައި ހިންގަމުންނެވެ.
މި ޕްރޮގްރާމް މިހާރު ކުރިއަށްދަނީ ގއ، ގދ ގެ އަތޮޅުތަކަށް އަމާޒުކޮށްގެން ގއ. ވިލިނގިލީގައެވެ. އެގޮތުން މި ޕްރޮގްރާމްގައި ގއ. އަދި ގދ. އަތޮޅުގެ ރަށްރަށުގެ ސްޕޯޓްސް ކައުންސެލަރުންނާއި، ވިލިނގިލީގެ އެކި މުއައްސަސާތަކުގެ މަންދޫބުން ހިމެނޭ ގޮތަށް ޖުމްލަ 40 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
ރާއްޖޭގެ ރަށްތައް އެތުރިފައި ހުންނަ ގޮތުން ކޮންމެ ރަށަކަށް ނުވަތަ ސަރަޙައްދަކަށް ކަސްރަތުގެ އެކްސްޕާޓުން ގޮސް ދާއިމީކޮށް ޕްރޮގްރާމްތައް ހިންގުމަކީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. ނަމަވެސް، "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމްގެ ތެރެއިން ކޮންމެ ރަށަކުން ސްޕޯޓްސް ކައުންސެލަރުން ތަމްރީނުކުރެވިގެން ދިއުމަކީ އެ ރަށްރަށުގައި ފަސޭހަކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކަސްރަތު ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. ކޮންމެ ރަށެއްގައި ތަމްރީނުލިބިފައިވާ މިފަދަ ސްޕޯޓްސް ކައުންސެލަރަކު ހުރުމަކީ މުޅި ރަށުގެ ރައްޔިތުންގެ ސިއްޙަތު ސަލާމަތްކޮށް ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެޅޭ ވަރަށް ވަރުގަދަ ބިންގަލެކެވެ.
ވިލިނގިލީގައި ބޭއްވި މި ސެޝަންތަކުގެ ތެރެއިން އެންމެ ޚާއްސަ އެއް ބަޔަކީ އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އެމްއޯސީ ގުޅިގެން ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ރައްކާތެރިކަމާއި ކުޅިވަރުގެ ހޭލުންތެރިކަމުގެ ބައެވެ. މިބައި ކުރިއަށް ގެންގޮސްފައިވަނީ 2022 ވަނަ އަހަރު އާކް އަދި އެމްއޯސީ ގުޅިގެން އެކުލަވައިލި "ޗައިލްޑް ސޭފްގާޑިންގ ޕޮލިސީ" ގެ މައްޗަށް ބިނާކޮށެވެ.
މި ސެޝަނުގައި ކުޅިވަރުގެ މައިދާނުގައި ކުޑަކުދިންނަށް ދިމާވެދާނެ ނުރައްކާތަކާއި ކުދިންގެ ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތައް ދެނެގަންނާނެ ގޮތްތަކާއި އެފަދަ ހާލަތްތަކުގައި ޢަމަލުކުރަންޖެހޭ ރަސްމީ އިޖުރާއަތްތަކާ ގުޅޭ މުހިންމު މައުލޫމާތުތައް ބައިވެރިންނަށް ފޯރުކޮށްދެވުނެވެ. އަދި ކުޑަކުދިންނަށް އަމާން، ރައްކާތެރި އަދި ހިތްވަރު ލިބޭނެ ފަދަ ކުޅިވަރުގެ މާހައުލެއް ޤާއިމުކުރުމުގައި ކޯޗުންނާއި މެނޭޖްމަންޓާއި، އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން އަދި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސްއޫލިއްޔަތުތަކުގެ މައްޗަށް ފުޅާ ދާއިރާއެއްގައި އަލިއަޅުވާލިއެވެ.
މި ސެޝަނަށްފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަޙްމަދު ސަޢީދު ވިދާޅުވީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ސްޕޯޓްސް ކައުންސެލަރުންނާއި ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކީ ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ. އެގޮތުން 18 އަހަރުން ދަށުގެ ކުޑަކުދިންނާއި އެތުލީޓުންގެ އިތުރުން މި ދާއިރާގައި މަސައްކަތްކުރާ ކޯޗުންނާއި އިދާރީ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އޭނާ އަލިއަޅުއްވާލެއްވިއެވެ. މީގެއިތުރުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ހަށިހެޔޮ" ޕްރޮގްރާމްގެ ތެރެއިން ތަމްރީނުވާ ސްޕޯޓްސް ކައުންސެލަރުންނަށް މިފަދަ މުހިންމު މަޢުލޫމާތުތައް އެނގިފައި އޮތުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން ވެސް ތަމޫހު ފާހަގަކުރެއްވިއެވެ.
"މި ސެޝަންގައި އަލިއަޅުވާލީ ހަމައެކަނި އެތްލެޓިކްނޫކަން ރައްކާތެރިކުރުވަދެނީ. އޮފިޝަލުންވެސް މީގެ ތެރޭގައި ހިމެނޭކަން. އެހެންވީމައި ފަށައި ގަންނައިރު އަޅުގަނޑު ގަބޫލްކުރަނީ މުޅި ރާއްޖެއަށް ފެތުރިގެންދާ ހަށިހެޔޮ ރާއްޖެ ޕްރޮގްރާމްގައި ކައުންސިލަރުންނަށް މިކަންކަން އެނގިގެން ފަށައިގަނެގެން ދިޔުމަކީ މިހިންމު ކަމެއް. ދާންވީ މިސްރާބު އެބައިނގޭ، އެ މިސްރާބައް ދާން ބިނގަލެއް މި އެޅުނީ" ތަމޫހު ވިދާޅުވިއެވެ.
މީގެ އިތުރުން މި ޕްރޮގްރާމްގެ ތެރެއިން ޢާންމު ދުޅަހެޔޮކަމާއި ގުޅޭ މުހިންމު އެތައް ދާއިރާއަކުން މަޢުލޫމާތު ދެވި އަމަލީ ކަސްރަތު ހަރަކާތްތައްވެސް ވަނީ ހިންގާފައެވެ. އެގޮތުން ދިރިއުޅުމުގެ ވައްޓަފާޅީގައި މިންހެޔޮ ކާނާ ބޭނުންކުރާނެ ރަނގަޅު ގޮތްތަކާއި، ހަށިގަނޑުގެ ބަރުދަން އެކަށީގެންވާ މިންވަރެއްގައި ލުއިކޮށް ދުޅަހެޔޮ މިންގަނޑެއްގައި ހިފެހެއްޓުމަށް ބޭނުންވާ މުހިންމު އިރުޝާދުތައް ބައިވެރިންނަށް ފޯރުކޮށްދެވުނެވެ.