ރާއްޖޭގައި ދެމެހެއްޓެނި މާލީ ހިސާބުތަކުގެ ރިޕޯޓިން މިންގަނޑު ތަންފީޒު ކުރުމަށް ކުރާ މަސައްކަތް ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެފައިވާ ކަމަށް ސީއޭ މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ. އައިއެފްއާރްއެސް ފޯރަމް ފެށުމަށް ބޭއްވި ރަސްމީއްޔާތުގައި ސީއޭ މޯލްޑިވްސްގެ ރައީސް މުޙައްމަދު ޙަލީމް އަބްދުﷲ މާލީ ރިޕޯޓިން އެކައުންޓިން ދައިރާގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ.
އިންޓަނޭޝަނަލް ފައިނޭންޝިއަލް ރިޕޯޓިން ސްޓޭޑަޑްސް، އައިއެފްއާރްއެސް ފޯރަމަކީ މާލީ ދައިރާގައި ބޭނުންކުރާ ބައިނަލްއަޤްވާމީ ރިޕޯޓިން މިންގަނޑާއި ގުޅޭގޮތުން ބާއްވާ ފޯރަމެކެވެ. ސީއޭ މޯލްޑިވްސްއިން އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ފޯރަމްގައި، އެކައުންޓެންޓުންނާއި ފައިނޭންސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އައިއެފްއާރްއެސްއާ ބެހޭ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދޭނެއެވެ. މިއަހަރުގެ ފޯރަމް ބާއްވާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ޝަހީދު ޢަލީ ސްކޫލުގެ އޮޑިޓޯރިއަމްގައިއެެވެ.
މިއަހަރުގެ ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު އަހުމަދެވެ. އޭނާގެ ވަނީ މިފޯރަމް ބޭއްވިިގެން ދަނީ ޓެކްނޮލޮޖީއާއެކު ދުނިޔޭގެ މާލީ ދައިރާގެ ރިޕޯޓު ކުރާ އުސޫލްތަކާއި މިންގަނޑުތަކަށް ބަދަލު އަންނަމުންދާ ދަނޑިވަޅެއްގައި ކަން ފާހަގަކުރައްވާފައެވެ. އަދި ދެމެހެއްޓެނި ރިޕޯޓިން މިންގަނޑުތައް ރާއްޖޭގައިވެސް ތަންފީޒުވަމުން އަންނަ އިރު މިއީ ރާއްޖެ ފަދަ ޤައުމެއްގެ އިޤްތިޞާދަށް މުހިންމު މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ދެމެހެއްޓެނި ރިޕޯޓިން މިހާރު އިންވެސްޓަރުންނަށާއި ކެޕިޓަލް މާކެޓް ދައިރާއަށްވެސް ދަނީ މުހިންމު ވަމުން. ރާއްޖެއަށް ކަހަލަ ޤައުމަކަށް ދެމެހެއްޓެނިވިކަން މުހިންމުވަނީ އެކަން އަޅުގަނޑުމެން އިޤްތިޞާދުގެ ވިލުންތެރިކަމާއި ދުރުރާސްތާގެ ތަރައްޤީއާއި ގުޅިފައިވާތީ." ސީއެމްޑީއޭގެ ސީއީއޯ މުޙައްމަދު އަހުމަދު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ސީއޭ މޯލްޑިވްސްގެ ރައީސް މުޙައްމަދު ހަލީމް އަބްދުﷲ ވަނީ ރާއްޖޭގެ އެކައުންޓިން ދައިރާ ކުރިއެރުވުމަށް ކުރަމުންދާ މުހިންމު މަސައްކަތްތައް ފާހަގަކޮށްފައެވެ. އެގޮތުން އަންނަ އަހަރު ޢަމަލުކުރަން ފަށާ އައިއެފްއާރްއެސް 18 މިންގަނޑުތައް ތަންފީޒު ކުރަން ކުރެވޭ މަސައްކަތުގެ އިތުރުން، އައިއެފްއާރްސްއެސް-އެސް 1 އަދި އައިއެފްއާރްސްއެސް-އެސް 2 މިންގަނޑުތައް ރާއްޖޭގައި މިހާރު ތަންފީޒުވާން ފެށުން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ މިމަސައްކަތް މިހާރުވެސް ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެފައިވާއިރު، މިކަމުން މި މަސައްކަތް ކުރިއަށް ގެންދަން ހިއްވަރު ލިބޭ. އަދި ކުދި ޖަޒީރާ ޤައުމެއްގެ އިޤްތިޞާދު ދެމެހެއްޓެނި ރިޕޯޓިން މިންގަނޑުތައް ތަންފީޒު ކުރުމުގައި އިސްދައުރެއް އަދާކުރާނީ ކިހިނެތްކަން ދައްކުވައި ދެވިދާނެ. " ސީއޭ މޯލްޑިވްސްގެ ރައީސް ހަލީމް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގެ ތެރެއިން އެކައުންޓެންޓްސް އިން ބިޒްނަސް ނުވަތަ ދިވެހިރާއްޖޭގެ ވިޔަފާރިތަކުގައި ހަރަކާތްތެރިވާ އެކައުންޓެންޓުނާއި މާލީ ދައިރާގެ މުވައްޒަފުން ދަފްތަރު ކުރުމަށް ކުރިއަށް ގެންދާ އޭއައިބީ ކެމްޕެއިން ވަނީ އިފްތިތާޙްކޮށްފައެވެ. މި ކެމްޕެއިން އިފްތިތާޙްކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު އަހުމަދެވެ.
އެއް ދުވަހުގެ މުއްދަތަށް ބާއްވާ މިއަހަރުގެ އައިއެފްއާރްއެސް ފޯރަމްގެ ތެރެއިން މައުލޫމާތު ދިނުމަށް ކުރިއަށް ގެންދެވޭ ސެޝަންތަކުގެ ތެރޭގައި އަންނަ އަހަރު ޢަމަލުކުރާ އައިއެފްއާރްއެސް 18 މިންގަނޑާއި ގުޅޭގޮތުން މައުލޫމާތު ދޭނެއެވެ. މީގެ އިތުރުން މި މިންގަޑާއި އެކު އެސްއެމްއީތަކުގެ މާލީ ހިސާބުތައް ރިޕޯޓް ކުރުމަށް އަންނަނޭ ބަދަލުތަކާއި ގުޅޭ ސެޝަނެއްވެސް ކުރިއަށް ގެންދެވޭނެއެވެ. އަދި މިހާރު ތަންފީޒު ކުރާ އައިއެފްއާރްސްއެސް-އެސް 1 އަދި އައިއެފްއާރްސްއެސް-އެސް 2 މިންގަނޑުތަކާއި ގުޅޭގޮތުން މައުލޫމާތު ދޭނެއެވެ.
މިއަހަރުގެ އައިއެފްއާރްސް ފޯރަމުގައި 300 އަށް ވުރެ ގިނަ ފަރާތްތައް ބައިވެރިވެއެވެ. މީގެ ތެރޭގައި މާލީ ދައިރާގެ ތަޖުރިބާކާރުންނާއި ދިރާސާ ކުރާ ފަރާތްތަކާއި މާލީ އަދި އެކައުންޓިން ދައިރާގައި ހަރަކާތްތެރިވޭ ފަރާތްތައް ހިމެނެއެވެ.