ޚަބަރު

ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު 3 ޚިދުމަތެއް ރަސްމީކޮށް ފަށައިފި


  • އަލަށް ފެށީ ގެސްޓްރޯ، ނިއުރޯ އަދި ޔޫރޮލަޖީގެ ޚިދުމަތް

  • މި ޚިދުމަތްތައް ފައްޓަވައިދެއްވީ ވަޒީރު ޤީލާ

ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު 3 ޚިދުމަތެއް ރަސްމީކޮށް ފަށައިފިއެވެ. ހުޅުމާލެ ހޮސްޕިޓަލްގައި ފެށި 3 ޚިދުމަތަކީ ގެސްޓްރޯ، ނިއުރޯ އަދި ޔޫރޮލަޖީގެ ޚިދުމަތެވެ. މި ޚިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ސިއްޙަތާއި އާޢިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި މި ޚިދުމަތްތައް ފެށުމުގެ ގޮތުން ވަޒީރު ވަނީ ނިއުރޯ ސައިންސް ޔުނިޓް ހުޅުވާދެއްވާފައެވެ. މި ޚިދުމަތްތައް ހުޅުމާލޭ ހޮސްޕިޓލްގައި ފެށުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ވަޒީރު ޤީލާ ވިދާޅުވީ މި ޚިދުމަތްތަކަކީ އަތޮޅުތެރޭގެ ބައެއް ހޮސްޕިޓަލްތަކުގައިވެސް ދެމުންދާ ޚިދުމަތްތަކެއްކަމަށެވެ. ނަމަވެސް މި ޚިދުމަތް ހުޅުމާލޭ ހޮސްޕިޓަލުގައި ފެށުމުގެ މައިގަނޑު ބޭނުމަކީ އައިޖީއެމްއެޗްއަށް އޮންނަ ބާރު ކުޑަކުރުމުގެ ގޮތުންކަމަށެވެ. މިވަގުތުވެސް ވެއިޓްލިސްޓްގައި ގިނަ ބަޔަކު ތިބިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އަމާޒަކީ ވެއިޓްލިސްޓް ކުޑަކޮށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ދިއުން މަދުކުރުންކަމަށެވެ.

"މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު އަހަރެއްގެ މައްޗަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދަތުރުކުރޭ. އުންމީދުކުރަނީ އެކަން މިއަށް ވުރެ ފަސޭހަކަމާއެކު ރާއްޖޭގައި ތިބެގެން ފޯރުކޮށްދިނުން. ރައީސްގެ އަމާޒަކީ މިފަދަ ސްޕަޝަލިސްޓް ޚިދުމަތްތައް ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ޤާއިމްކޮށް ރައްޔިތުންނަށް ފަސޭހަތައް ފޯރުކޮށްދިނުން" ސިއްޙަތާއި އާޢިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވިއެވެ.

މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުން މިހާރުވެސް ގިނަ ސްޕެޝަލިޓީ ޚިދުމަތްތަކެއް ފޯރުކޮށްދެމުންދާކަމަށެވެ. ނަމަވެސް މިދިޔަ ދުވަސްތަކުގެ ތެރޭގައި ހުޅުމާލޭގައި މިއަދު ތަޢާރަފްކުރި ޚިދުމަތްތައް ހޯދުމަށް ދާން ޖެހެނީ އައިޖީއެމްއެޗްއާއި ދަރުމަވަންތައް ހޮސްޕިޓަލަށްކަން ސީއީއޯ ފާހަގަކުރެއްވިއެވެ.

"ނިއުރޮލޮޖީގެ ޚިދުމަތުގެ ތެރެއިން ކޮންސަލްޓޭޝަންގެ އިތުރުން އީއީޖީގެ ޚީދުމަތްވެސް ލިބޭނެ. ޔޫރޮލަޖީގެވެސް ކޮންސަލްޓޭޝަން އަދި ޔޫރޫފްލެމެޓަރީފަދަ ޓެސްޓްތައް ހެދޭނެ. ގޭސްޓްރޯއެންޓޮލަޖީގެ ޚިދުމަތުގެ ތެރެއިން ކޮންސަލްޓޭޝަންގެ ޚިދުމަތް ފަށައިގެން މިދަނީ. މީގެ ނަތީޖާއަކީ ކޮންސަލްޓޭޝަންގެ ޚިދުމަތް ހޯދާފައި އިންޓަރވެންޝަނެއް ހަދަންޖެހިއްޖެނަމަ އެކޮޅަނަށް ރިފާކުރެވޭނެ . ކައިރި މުސްތަޤުބަލެއްގައި ޕްލޭންއަކީ ގޭސްޓްރޯއިންޓޮލަޖީގެ އިންޑެސްކޯޕީ ކްލޮނޮސްކޮޕީގެ ޚިދުމަތަތއް ދެވޭނެ އިންތިޒާމަތައް މެދުވެރިވުން." މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.

ނިއުރޯ ސައިންސް ޔުނިޓްގައި ހިމެނޭ އީއީޖީގެ ޚިދުމަތް ކޮންމެ ދުވަހަކުވެސް ރަސްމީ ގަޑިތަކުގައި ލިބޭނެއެވެ. އަދި މެންދުރު 2 ޖެހުމާއަށް ނަންނޯޓް ކުރުމުގެ ފުރުޞަތު އޮންނާނެއެވެ. ނަމަވެސް އިމަޖެންސީ ހާލަތްތަކުގައި ކޮންމެ ގަޑިއަކުވެސް ޚިދުމަތް ފޯރުކޮށްދޭނެއެވެ.

ހުޅުމާލެ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި ޚިދުމަތްތައް އިތުރުކުރުމަށްޓަކައި މިދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ޒަމާނީ ވަޞީލަތްތަކާއެކު 4 އޮޕަރޭޓިންގ ރޫމް ހިމެނޭ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސްއެއް ވަނީ ޤާއިމްކޮށްފައެވެ. މީގެ އިތުރުން 10 އެނދާއެކު އިންޓެންސިވް ކެއަރ ޔުނިޓާއި، އައިސީޔޫ ރޫމެއްވެސް ވަނީ ޤާއިމުކޮށްފައެވެ. އައިސީޔޫގެ އިތުރުން 14 އެނދުގެ ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓެއްވެސް ޒަމާނީ ފެންވަރުގައި ހުޅުމާލޭ ހޮސްޕިޓަލްގައި މިހާރު ވަނީ ތަރައްޤީކޮށްފައެވެ.