ޚަބަރު

މ. މަޑުއްވަރީ އައުޓްޑޯ ވޮލީކޯޓް ހުޅުވައިފި


  • މިއީ އެރަށުގެ ފުރަތަމަ އައުޓްޑޯ ވޮލީކޯޓް

  • މިމަޝްރޫޢަށް ހޭދަވީ 6 މަސްދުވަސް

  • މިއީ ކުޅިވަރު ވުޒާރާއިން އަމިއްލަ ކުންފުންޏަކާ ހަވާލުކުރައްވައިގެން ކުރިއަށްގެންދެވި މަޝްރޫޢެއް

ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، މުލަކަތޮޅު މަޑުއްވަރީގައި އަލަށް ގާއިމުކުރެވުނު އައުޓްޑޯ ވޮލީކޯޓް ހުޅުއްވައިދެއްވައިފިއެވެ.

ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ވޮލީކޯޓް ކުޅިވަރު ވަޒީރު ހުޅުއްވައިދެއްވީ އެކަމަށްޓަކައި އެރަށުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅިވަރު ވަޒީރު ވިދާޅުވީ މަޑުއްވަރީގައި އަލަށް ޤާއިމުކުރެވުނު ޒަމާނީ ފެންވަރު ވޮލީ ކޯޓާއެކު އެރަށުން ބައިނަލްއަޤްވާމީ ފެންވަރުގައި ވިދާލާނެ ކުޅުންތެރިން އުފެދިގެންދާނެކަމަށް އުންމިދުކުރައްވާކަމަށެވެ. އަދި މިކޯޓުގެ ބޭނުން ރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުން ޒިންމާދާރުކަމާއެކު ހިފާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ވަޒީރުގެ ވާހަކައިގައި ވިދާޅުވިއެވެ.

ކުޅިވަރަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ބޭނުންކުރާ ވަސީލަތެއް ނޫންކަމަށާ ކުޅިވަރުގެ ސަބަބުން ހަށިހެޔޮކަމަށް ބާރު އަޅާ، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިވެގެންދާއިރު، ކުޅިވަރަކީ ސުލޫކު ރަނގަޅުކޮށްދީ މުޖުތަމަޢު އެއްބައިވަންތަކުރުވާ ވަސީލަތެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. މުލަކަތޮޅު މަޑުއްވަރީގައި އަލަށް ޤާއިމުކުރެވުނު ވޮލީކޯޓު ހުޅުވުމުގެ ގޮތުން އެކުވެރިކަމުގެ ވޮލީ މެޗެއްވެސްވަނީ ކުޅެފައެވެ.

އަލަށް ހުޅުވުނު ވޮލީކޯޓާ ގުޅޭގޮތުން މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ ރައީސް އިބްރާހިމް އަސްލަމް އަލީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މިއީ އެރަށުގައި ޤާއިމުކުރެވުނު ފުރަތަމަ އިންޑޯ ވޮލީކޯޓްކަމަށެވެ. އަދި އެރަށަކީ ކުޅިވަރަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ ރަށެއްކަމަށާ، ފުޓްސަލް އަދި ވޮލީއަށް ރަށުގެ ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބޭކަން އަސްލަމް ފާހަގަކުރެއްވިއެވެ.

"މިއީ ރަށުގެ ފުރަތަމަ އިންޑޯ ކޯޓް. ރަށަކީ ކުޅިވަރަށް ލޯބިކުރާ ރަށެއް. ފުޓްސަލް މުބާރާތެއް ކައިރިވެއްޖެނަމަ ފުޓްސަލްގެ ފޯރި އޮންނާނެ. ހަމަ އެފަދައިން ވޮލީ މުބާރާތެއް އޮންނަނަމަ ވަރަށް ފޯރީގައި ވޮލީވެސް ކުޅޭނެ" އަސްލަމް ވިދާޅުވިއެވެ.

މ. މަޑުއްވަރީގައި ސަރުކާރުން ޤައިމުކުރާ އައުޓްޑޯ ޖިމްގެ %97 މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށް އަސްލަމްވަނީ މައުލޫމާތުދެއްވާފައެވެ. ގާތްގަނޑަކަށް 6 މަސްދުވަހުން ނިންމާ ހަވާލުކުރެވުނު މިމަޝްރޫޢަކީ ކުޅިވަރު ވުޒާރާގެ ފަރާތުން އަމިއްލަ ކުންފުންޏަކާ ހަވާލުކުރައްވައިގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.