އިންޓަރ-ޕާލިމެންޓަރީ ސްޕީކަރސް ކޮންފަރެންސް ނިންމަވާލެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރާއްޖެ ވަޑައިގެންފިއެވެ.
މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް ކެމްބޯޑިއާއަށް ފުރާ ވަޑައިގެންނެވީ މި މަހުގެ 26ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ އަރިހުގައި މި ދަތުރުފުޅުގައި މަޖިލީހުގެ މެންބަރުންގެ ވަފުދެއްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
2 ވަނަ އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސް ކުރިއަށްގެންގޮސްފައިވަނީ މި މަހުގެ 26 އިން 28 އަށް ކެމްބޯޑިއާގެ ފްނޮމްޕެންގައެވެ. މި ކޮންފަރެންސްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله، ވަނީ "ޞުލްޙައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަޤުވާމީ ޤާނޫނުތައް ހަރުދަނާކުރުމާއި ޞުލްޙަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން" މި މައުޟޫއަށް، ވާހަކަފުޅުދައްކަވާފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ދުނިޔޭގެ ޞުލްޙައާއި ތަނަވަސްކަން ޤާއިމުކުރުމަށްޓަކައި، ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިހުތިރާމްކުރުމަށާއި، މަޝްވަރާކުރުން އިސްކުރުމަށް އެ މަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
2 ވަނަ އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކެމްބޯޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުاللهއާއި ވަފުދުގެ ބޭފުޅުން ރާއްޖެ ވަޑައިގެންފި pic.twitter.com/3Ew5nfJPHt
— People's Majlis (@mvpeoplesmajlis) August 29, 2026
ޞުލްޙަ ޤާއިމުކުރުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ޕާލިމެންޓަރީ ޑިޕްލޮމަސީގެ ސަބަބުން ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިވެ، މަޝްވަރާ ކުރުމަށް ފުރުޞުތު ލިބިގެންދާ ކަމަށެވެ. އަދި ހަމަނުޖެހުމާއި އަނިޔާވެރިކަމުގެ ބަދަލުގައި، އަބަދުވެސް އިސްކަންދޭންވާނީ މަޝްވަރާއާއި އެއްބާރުލުން ދިނުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ހަމަނުޖެހުންތައް ޞުލްޙަވެރިކަމާއެކު ޙައްލުކުރުމަށާއި ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ އިސްވެރިން އަލުން ޢަޒުމް ކަނޑައެޅުމަށްވެސް މަޖިލީހުގެ ރައީސް އިލްތިމާސްކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މައްޗަންގޮޅި ދެކުނު ދާއިރާގެ، މެންބަރު މުޞްޠަފާ ޙުސައިން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގެންނެވިއެވެ.
އިންޓަރ-ޕާލިމެންޓްރީ ސްޕީކަރސް ކޮންފަރެންސަކީ، ޞުލްޙައާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ހަމަނުޖެހުންތައް ޙައްލުކުރުމުގެ އިތުރުން، ގުޅިފައިވާ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ކޮންފަރެންސެކެވެ.