ޖަނަވަރީ މަހު އެމެރިކާގެ އަސްކަރިއްޔާއިން ހިންގި ޣައިރުޤާނޫނީ އޮޕަރޭޝަނެއްގައި ރަހީނުކޮށްގެން ގެންދިޔަ ވެނެޒުއެލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯގެ ފޮޓޯތަކެއް ފުރަތަމަ ފަހަރަށް ޢާންމުކޮށްފިއެވެ. ވެރިރަށް ކަރާކަސްގައި ހުންނަވަނިކޮށް އެމެރިކާގެ އަސްކަރިއްޔާއިން ހައްޔަރުކޮށްގެން ގެންދިޔަ މަދޫރޯގެ ފޮޓޯތައް ނަގާފައި ވަނީ އެމެރިކާގެ ޖަލެއްގެ ތެރޭގައެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ތުހުމަތުގައި މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ސީލިޔާ ފްލޮރޭސް ބަންދުކޮށްފައި ތިބީ ނިއު ޔޯކުގެ ބްރުކްލިންގެ ޖަލެއްގައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރަކާރުން އުފުލާފައިވާ ތުހުމަތުތަކަށް އެ ދެކަނބަލުން އިންކާރު ކުރައްވައެވެ.
ފޮޓޯތަކާއެކު މީސްޑިއާ މަންސަ އެކްސް އަދި މުއާޞަލާތީ މަންސަ ޓެލެގްރާމްގައި ޝާއިޢު ކުރެއްވި މެސެޖުގައި މަދޫރޯ ވިދާޅުވީ، މިއީ އޭނާގެ ކާފަދަރިކަލުންނާއި، ވެނެޒުއެލާގެ ކުޑަކުދިންނާއި، އެ ދެކަނބަލުން ދެކެ ލޯބިވާ ރައްޔިތުންނަށް ދެއްވި ހަދިޔާއެއް ކަމުގައެވެ. އަދި، ސާބިތުކަމާއި، މަޑުމަތިރިކަމާއި ހިތްވަރާއެކު ދެމިތިބޭނެ ކަމުގެ ޔަގީން ކަން މަދޫރޯ އެރުވިއެވެ. މީގެ އިތުރުން، ވެނެޒުއެލާ އަލުން އާރާސްތުކުރެވޭނެ ކަމުގެ ޔަގީން ކަން އޮތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މަސްރަޙުގެ ދާރިސުން ބުނީ، ފޮޓޯތަކުން މަދޫރޯގެ ބަރުދަން އިހުނަށްވުރެ ލުއިވެފައިވާ ކަން ފާހަގަ ކުރެވޭ ކަމުގައެވެ. އޮގަސްޓު 30 ވަނަ ދުވަހު މި ފޮޓޯތައް ޢާންމުކޮށްފައިވީ ނަމަވެސް، މިއީ ޖޫން 25 ވަނަ ދުވަހު ނަގާފައިވާ ފޮޓޯތަކެއް ކަން، އޭގައިވާ މަޢުލޫމާތުން ހާމަވެއެވެ. އެއީ، ވެނެޒުއެލާއަށް ބާރުގަދަ ބިންހެލުމެއް އައިސް 6,500 އެއްހާ މީހުން މަރުވި ހާދިސާއަށްވުރެ އެއް ދުވަސް ފަހެވެ. މަދޫރޯގެ ފޮޓޯތަކެއް ޢާންމުކޮށްފައި މި ވަނީ، ވެނެޒުއެލާގެ ތެޔޮ ވަޅުތަކުގެ ބޮޑު ބަޔެއްގެ ކޮންޓުރޯލު ހޯދުމަށް އެމެރިކާއިން ވެނެޒުއެލާގެ ވަގުތީ ސަރުކާރާއެކު އެއްބަސްވުމެއް އެކުލަވައިލިތާ ދެ ދުވަސް ފަހުންނެވެ.
ނިއު ޔޯކްގެ ޖަލުގައި ހުންނެވި މަދޫރޯއަށް އިންޓަރނެޓު ބޭނުން ކުރުމުގެ ފުރުޞަތު ދީފައެއް ނުވެއެވެ. ނަމަވެސް، އޭނާގެ ޢާއިލާގެ މެންބަރުންނާއި ވަކީލުންނާއި ފޯނުން ގުޅުއްވައި ވާހަކަދެއްކެވުމުގެ ފުރުޞަތު ދީފައިވެއެވެ. އެއީ، މަހެއްގެ މައްޗަށް 300 މިނެޓުގެ ވަގުތެވެ. އަދި، އެންމެ ދިގުވެގެން ކުރެވެނީ 15 މިނެޓުގެ ފޯނު ކޯލު ކަމުގައި މަސްރަޙުގެ ދާރިސުން ބުނެއެވެ. މަދޫރޯ ޢާންމު ކުރައްވާފައިވާ ފޮޓޯތަކުގެ ޞައްޙަކަން އެމެރިކާގެ ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. މަދޫރޯއާއި ފްލޮރޭސްގެ ސަރިޔަށް ފެށުމަށް ތާވަލު ކޮށްފައި ވަނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ.