ފަރުބަދަމަތީ ސަރަޙައްދުތަކުގައި ކުއްލިއަކަށް ފެންބޮޑުވި ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ނޭޕާލްގެ ހައިޑްރޯޕަވަރ ނުވަތަ ފެނުން ހަކަތަ އުފެއްދުމުގެ މަޝްރޫޢުތަކުގައި ބޭނުންކުރާ ހޮހަޅަތަކުގެ ތެރޭގައި ތާށިވެފައިވާ ކަމަށް ބެލެވޭ އެތައް ސަތޭކަ ބަޔަކު ސަލާމަތް ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަން ނޭޕާލްގެ އިދާރާތަކުން ހާމަކޮށްފިއެވެ. މި މަސައްކަތުގައި އިންޑިޔާއާއި ޗައިނާއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ސަލާމަތީ ބާރުގެ އޮފިސަރުންނާއި ޢާންމުން ހިމެނޭ ގޮތުގައި، 21,000 އަށްވުރެ ގިނަ މީހުން ހިމެނޭ ޓީމުތަކުން ދަނީ ގެއްލިފައިވާ ކަމަށް ބެލެވޭ މީހުން ހޯދައި، ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ނޭޕާލްގައި ފެންބޮޑުވުމުގެ ނުރައްކާތެރި ހާދިސާ ހިނގާފައި ވަނީ، އޮގަސްޓު 26 ވަނަ ދުވަހު އެ ޤައުމުގެ ފަރުބަދަމަތީ ސަރަޙައްދަކުން 'ގްލޭސިޔަރ' އެއް ނުވަތަ ބޮޑު ގަނޑުފެން ގަނޑެއްގެ ބަޔެއް ކަނޑައިގެން ދިޔުމާ ގުޅިގެން، ހިމާލަޔާ ފަރުބަދައާ ގުޅިފައިވާ ކޯރުތަކުގެ ނިޒާމުގައި ކުއްލިއަކަށް ފެންބޮޑުވެ، ހިލައާއި، ގަނޑުފެނާއި، ކިސަޑު ފޭބުމުގެ ސަބަބުންނެވެ. މި ހާދިސާގައި ނޭޕާލުން މަރުވި މީހުންގެ ޢަދަދު ވަނީ 903 އަށް އުފުލިފައެވެ. އަދި، ހައިޑްރޯޕަވަރ މަޝްރޫޢުތަކުގައި ބޭނުންކުރާ ހޮހަޅަތަކުގައި ތާށިވެފައިވާ ކަމަށް ބެލެވޭ 933 މީހުންނާއެކު، ޖުމުލަ 4,247 މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ނޭޕާލްގެ އިދާރާތަކުން ބުނެއެވެ.
ހޮހަޅަތައް ހުޅުވުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ތަންތަނުގައި ޖަމާވެފައިވާ ކުނިބުންޏާއި ހިލަތައް ކަމުގައި ނޭޕާލް އަސްކަރިއްޔާގެ ތަރުޖަމާނު ރާޖާ ރާމް ބޮސްނޭތު ވިދާޅުވިއެވެ. ބޮޑުވަޒީރު ބަލެންދްރަ ޝާހް ވިދާޅުވީ، މި ބޮޑު ޤުދުރަތީ ކާރިސާއާ ގުޅިގެން ކުރިމަތިވި ދަތިތަކާއެކު ވެސް ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ސާބިތުކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައެވެ. މި ކާރިސާގެ އަސަރު 90,000 އެއްހާ މީހުންނަށް ކޮށްފައިވާ ކަމުގައި ރެޑް ކްރޮސް ޖަމުޢިއްޔާއިން ލަފާކުރެއެވެ.
ފެންބޮޑުވުމާ ގުޅިގެން ޗައިނާގެ ޓިބެޓުން 16 މީހުން މަރުވެފައިވާއިރު، އިތުރު 546 މީހުން ވަނީ ގެއްލިފައެވެ. ގެއްލިފައިވާ މީހުންގެ ތެރޭގައި 23 ޤައުމަކަށް ނިސްބަތްވާ 261 މީހުން ހިމެނޭ ކަމުގައި ޗައިނާގެ ސަރުކާރުން ބުނެއެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވިދާޅުވީ، ގެއްލުނު މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާނެ ކަމުގައެވެ. އެ ޤައުމުން ވަނީ މީހުން ސަލާމަތްކުރުމަށް 2،100 އަށް ވުރެ ގިނަ މުވައްޒަފުން ނެރެ، އެހީގެ މަސައްކަތްތަކަށް 33 މިލިޔަން އެމެރިކާ ޑޮލަރު ކަނޑައަޅާފައެވެ.
މޫސުން ގޯސްވުމުގެ އިތުރުން، ފަރުބަދަމަތިން ފޭބި ފެނުގެ ސަބަބުން އުފެދިފައިވާ ބިޔަ ފެންގަނޑުތައް ބަންޑުންވެ، ފެންބޮޑުވުމުގެ އިތުރު ހާދިސާތައް ހިނގުމުގެ ނުރައްކާ ބޮޑު ކަމުގައި ނޭޕާލްގެ އިދާރާތަކުން އިންޒާރު ދިނެވެ. މި ކަމާ ގުޅިގެން، ގެއްލިފައިވާ މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ވެސް އެކި ފަހަރުމަތިން މެދުކަނޑައިލާފައިވެއެވެ. މި ހާދިސާ ހިނގަން މެދުވެރިވެފައި ވަނީ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކަމަށާއި، ނޭޕާލާއި ޓިބެޓުގެ ސަރަޙައްދުތަކުގެ ބިންގަނޑު އިތުރަށް ކަނޑައިގެން ދިޔުމުގެ ފުރުޞަތު ބޮޑު ކަމުގައި ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނެއެވެ.