މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ ހިއްސާއަކަށް 50 ލާރި ބަހަން ފާސްކޮށްފިއެވެ. އެމްޓީޑީސީއިން މިގޮތަށް ފާސްކޮށްފައިވަނީ ހޮޓެލް ޖެންްގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ. މިދިޔަ އަހަރުވެސް އެމްޓީޑީސީއިން ހިއްސާގެ ފައިދާގެގޮތުގައި ބަހާފައިވަނީ 60 ލާރިއެވެ.
އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވަނީ ފާސްކޮށްފައެވެ. އަދި 2025 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް އަދި ޑިރެކްޓަރުންގެ ރިޕޯޓުވެސް ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި އާނެސްޓް އެންޑް ޔަންގް ހަމަޖައްސާފައިވާއިރު، އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 28،350 ދިނުމަށްވެސް މި ޖަލްސާގައި ވަނީ ނިންމާފައެވެ.
އެމްޓީޑީސީގެ 2025 ވަނަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު އެ އަހަރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2 މިލިޔަން އެމެރިކާ ޑޮލަރު އެކުންފުންޏަށް ވަނީ ލިބިފައެވެ. މިއީ 2024 ވަނަ އަހަރު އެކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނު 1.9 މިލިޔަން އެމެރިކާ ޑޮލަރާއި އަޅާބަލާއިރު 6.5 އިންސައްތަ އިތުރު އަދަދެކެވެ.
ސަރުކާރާއި އާންމު ރައްޔިތުންގެ ހިއްސާ އޮންނަ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް، އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.