ޚަބަރު

"ދާޚިލީ ވުޒާރާގެ ނަމުގައި މީސްމިޑީއާގައި ދައުރުކުރަނީ އަސްލު ސިޓީއެއް ނޫން"


  • މީސްމީޑިއާގައި ދައުރުކުރާ ސިޓީގައި ބޭންކު އެކައުންޓުތަކުގެ މައުލޫމާތަށް އެދިފައިވޭ

  • ދާޚީލީ ވުޒާރާއިން އެއްވެސް އިދާރައަކަށް އެފަދަ މައުލޫމާތަކަށް ނޭދޭކަން ވަޒީރު ކަށަވަރުކޮށްދެއްވި

  • ދާޚިލީ ވުޒާރާއަކީ ތަހުޤީޤު ހިންގާ އިދާރާއެއް ނޫންކަމަށް ވަޒީރު ވިދާޅުވި

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ނަމުގައި މީސްމިޑީއާގައި ދައުރުކުރަމުންދަނީ އަސްލު ސިޓީއެއް ނޫން ކަމަށް ދާޚިލީ ސަލަމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކޮށްފައިވަނީ ވަޒީރު ސޮއިކުރައްވާ ފޮނުވި ކަމަށް ބުނާ ސިޓީއެއް މީސްމީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުންދިއުމާއި ގުޅިގެންނެވެ.

މީސްމީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުންދާ ސިޓީ އަކީ ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފަށް ރައްދުވާ ގޮތަށް ދާޚިލީ ސަލާމަތާއި ފަންނީއްޔާތާއި ބެހޭ ވަޒީރު ޢަލީ ޢިޙްސާންގެ ނަމުގައި ދައުރުކުރަމުންދާ ސިޓީއެކެވެ. މި ސިޓީގައި އެދިފައިވަނީ ބޭރުފައިސާގެ ޤާނޫނުގެ ދަށުން ތަހުޤީޤީ ބޭނުމަށް ބޭރުފައިސާގެ ވިޔަފާރި ކުރާ ފަރާތްތަކުގެ އެކައުންޓުތަކުގެ މައުލޫމާތު ހިއްސާކޮށްދިނުމަށެވެ. އަދި ސިޓީއާއެކު އެފަރާތްތަކުގެ ލިސްޓެއް ފޮނުވާފައިވާނެ ކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މިސިޓީ އާއި ގުޅިގެން މީސްމިޑީއާގައި ކުރެއްވި ޕޯސްޓެއްގައި ދާޚީލީ ވަޒީރު އިޙްސާން ވަނީ މިއީ އަސްލެއް ނޫންކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި އެ ވުޒާރާއަކީ ތަހުޤީޤު ހިންގާ އިދާރާއަކަށް ނުވާތީ އެފަދަ އެއްވެސް ލިޔުމެން ބޭންކަކަށް ނުވަތަ އެހެންވެސް އިދާރާއަކަށް ފޮނުވާފައި ނުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ދާޚިލީ ވަޒީރު ވަނީ ދައުލަތުގެ އިދާރާތަކުގެ ނަމުގައި މިފަދަ ކަންކަން ނުހިންގުމަށް އެއްމެހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ވެސް ވަނީ މިސިޓީއަކީ ސައްޚަ ސިޓީއެއް ނޫންކަން ކަށަވަރުކޮށްދެއްވާފައެވެ. ބީއެމްއެލްއިން ވިދާޅުވީ ކަސްޓަމަރުންގެ ބޭންކިންގ މައުލޫމާތު ބޭންކުން ހަމައެކަނި ފޯރުކޮށްދޭނީ ބޭންކިންގ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކޯޓު އަމުރެއްގެ ދަށުންނާއި އަދި ތަހުގީގީ އިދާރާތަކުން ލިޔުމަކުން އެދި ބޭންކަށް ހުށަހެޅުމުން އެކަނި ކަމަށެވެ.

ބޭރުފައިސާގެ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއި އެކު، ބޭރުފައިސާގެ ވިޔަފާރިކުރާ ފަރާތްތަކަށް ހަރުކަށި އަދަބުތައް ކަނޑައެޅި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅާފައިވާ ރޭޓަށް ވުރެ މަތިން ބޭރުފައިސާގެ ވިޔަފާރި ކުރުމަކީ ޤާނޫނީ ކުށެއް ކަމަށް ބަޔާންކޮށްފައިވެއެވެ. ޤާނޫނު ތަންފީޒު ކުރުމުގެ މަސައްކަތުގައި ދާޚިލީ ވުޒާރާއިން ހަރަކާތްތެރި ނުވެއެވެ. ނަމަވެސް އެ ވުޒާރާގެ ދަށުން ހިންގާ ތަންފީޒީ އެކި އިދާރާތަކުން ދަނީ ޤާނޫނުގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވަމުންނެވެ.

މިގޮތުން އެމްއެމްއޭ މަސައްކަތްތަކުގެ އިތުރުން ބިދޭސީން ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިފަދަ ވިޔަފާރިތައް ކުރާ ފަރާތްތައް ހޯދައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް އެއިދާރާތަކުން ކުރަމުން ދެއެވެ.

ސަރުކާރުން ވަނީ ބޭރުފައިސާގެ ޤާނުނުގައި ހިމެނޭ ކަންކަން ތަންފީޒުކުރާނެ ކަމަށާއި، ކަޅު ބާޒާރުގައި ބޭރުފައިސާގެ މުޢަމަލާތް ކުރާ ފަރާތްތައް ހުއްޓުވާނެކަމަށް ވިދާޅުވެފައެވެ.