ޚަބަރު

ފަލަސްތީނުގެ ގެއްލިފައިވާ މީހުންގެ އާއިލާތަކުން އިހުތިޖާޖުކޮށްފި


  • []

ޔަހޫދީ އިސްތިއުމާރީ ބާރުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޤަތުލުއާންމުގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ 11,200 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުންގެ މައުލޫމާތު ހާމަކުރުމަށް ގޮވާލައި، އެ މީހުންގެ އާއިލާތަކުން ވަރުގަދަ އިހުތިޖާޖެއް ކޮށްފިއެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހު ފާހަގަކުރާ، ގެއްލިފައިވާ މީހުންގެ ބައިނަލްއަޤްވާމީ ދުވަހާ ގުޅުވައިގެން، ޣައްޒާ ސިޓީގައި ހުންނަ އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ) ގެ އިމާރާތް ދޮށަށް ފަލަސްޠީނުގެ ގިނަ އަދަދެއްގެ އާއިލާތައް ވަނީ އެއްވެފައެވެ. މި އެއްވުމުގެ ބައިވެރިން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޔަހޫދީން ހިންގަމުންދާ ޤަތުލުއާންމުގައި ވަގަށް ނަގާފައިވާ އަދި ވީނުވީއެއް ނޭނގި ގެއްލިފައިވާ އެތައް ހާސް ބައެއްގެ މައުލޫމާތު ހޯދައިދިނުމަށް އެދި އާދޭސްކޮށްފައެވެ.

ފަލަސްޠީނުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާ ތަފާސްހިސާބުތަކަށް ބަލާއިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުންނާއި، ހަމަލާތަކުގެ ތެރޭގައި ގެދޮރު ގެއްލިގެން ދިޔަ މީހުން އަދި ޔަހޫދީންގެ ޖަލުތަކުގައި ގައިދުކޮށްފައިވާ މީހުން ހިމެނޭހެން، ޖުމްލަ 11,200 އަށްވުރެ ގިނަ މީހުންގެ އެއްވެސް ޚަބަރެއް އަދިވެސް ނުވެއެވެ.

މި އިހުތިޖާޖުގައި ބައިވެރިވި އާއިލާތަކުގެ ތެރޭގައި، މިއަހަރުގެ ރަމަޟާން މަހުގެ ތެރޭގައި (މާޗު 12 ގައި) ގެއިން ނުކުތް ފަހުން ޚަބަރެއް ނުވި އުމުރުން 25 އަހަރުގެ މަޙްމޫދު ބާސިމް މަތަރުގެ މަންމަ ހިމެނެއެވެ. ރެފިއުޖީ ކޭމްޕުގައި މިހާރު ދިރިއުޅެމުންދާ އެ މަންމަ ނޫހަށް މައުލޫމާތު ދެމުން ބުނީ، މަޙްމޫދަކީ ނަފްސާނީ ގޮތުން ޚާއްޞަ އެހީއަށް ބޭނުންވާ ޒުވާނެއް ކަމަށާއި، ހޮސްޕިޓަލްތަކާއި ރެޑް ކްރޮސް މެދުވެރިކޮށް ކުރި އެއްވެސް މަސައްކަތަކުން އޭނާގެ ހިލަމެއް ވެފައިނުވާ ކަމަށެވެ.

މީގެއިތުރުން، 2023 ޑިސެމްބަރުގައި ޔަހޫދީ ސިފައިން ޣައްޒާ ސިޓީއަށް އަރައިގެން ވަގުތު ބައްޕައަކާއި އޭނާގެ ދެ ފިރިހެން ދަރިން ޔަހޫދީން ހައްޔަރުކޮށްގެން ގެންގޮސްފައިވެއެވެ. އާއިލާއިން ބުނީ އެ މީހުން ދުނިޔޭގައި ތިބިކަން ނުވަތަ ޝަހީދުކޮށްލީކަންވެސް ޔަހޫދީން ހާމަނުކުރާތީ އެކަމުގެ ސަބަބުން އާއިލާއަށް ކުރިމަތިވެފައިވާ ހިތާމައާއި ކަންބޮޑުވުން އިންތިހާކަމަށެވެ.

ފަލަސްޠީނުގެ އެންޖީއޯ ނެޓްވޯކުގެ ޖެނެރަލް ކޯޑިނޭޓަރު މުޙައްމަދު ޞާލިޙާ ވިދާޅުވީ، ގެއްލިފައިވާ މީހުންގެ ތެރެއިން އެތައް ބަޔަކު އިމާރާތްތަކުގެ ދަށުގައި ޝަހީދުވެފައިވާއިރު، އަނެއްބަޔަކު ތިބީ ޔަހޫދީންގެ ޖަލުތަކުގައި ބަންދުކޮށްފައި ކަމަށެވެ. އަދި ޔަހޫދީން ގަސްދުގައި އެ މީހުންގެ މައުލޫމާތު ވަންހަނާ ކުރަމުންދާ ކަމަށް ތުހުމަތުކުރައްވައި، އާއިލާތަކަށް އެ މީހުންގެ ޙަޤީޤަތް އެނގުމުގެ ޙައްޤު ހޯދައިދިނުމަށްޓަކައި ޔަހޫދީންނަށް ޕްރެޝަރު ކުރުމަށް އޭނާ ވަނީ އދ. އަށާއި އައިސީއާރުސީއަށް ގޮވާލައްވާފައެވެ.
.
ފަލަސްޠީނުގެ ޖަސްޓިސް ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ގެއްލިފައިވާ މީހުންގެ ތެރޭގައި 4,700 އަށްވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އަދި ފަލަސްތިނުގެ ގެއްލިފައިވާ މީހުން ހޯދާ ޖަމާޢަތަކުން ބުނީ ޔަހޫދީން ގަދަކަމުން ގެއްލުވާލާފައިވާ މީހުންގެ އަދަދު 2,500 އާއި 3,000 އާ ދެމެދަށް އަރާކަމަށެވެ.

2023 އޮކްޓޫބަރު މަހުން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމުގައި މިހާތަނަށް 73,449 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 174,472 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުންތަކާ ޚިލާފަށް ޔަހޫދީން ދެމުންގެންދާ ހަމަލާތަކުގައިވެސް އެތައް ހާސް ބަޔަކު ދަނީ ޒަޚަމަވެ ޝަހީދުވަމުންނެވެ.