ބްރެޒިލްގެ ޕަލްމެއިރާސްއަށް ކުޅެމުންދިޔަ އެލަން އެލިއާސް އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީއަށް ސޮއިކޮށްފިއެވެ.
މަޢުލޫމާތުލިބޭގޮތުގައި އުމުރުން 22 އަހަރުގެ މިކުޅުންތެރިޔާ ސިޓީއަށް ސޮއިކޮށްފައިވަނީ 34.2 މިލިއަން ޕައުންޑްގެ އަގަކަށް 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ސިޓީއިން އެލަން އެޓީމަށް ގެންގޮސްފައިވަނީ ވަރަށް ފަހުން އެޓީމު ދޫކޮށް ޓޮޓްނަމް ހޮޓްސްޕަރއަށް ބަދަލުވި ސާވިއޯގެ ބަދަލުގައެވެ. ޕަލްމެއިރާސްގެ ޔޫތު ސިސްޓަމްގެ ތެރެއިން ސީނިއަރ ޓީމަށް ކުޅެންފެށި އެލަންވަނީ އެޓީމަށް މިހާތަނަށް ކުޅުނު 96 މެޗުގައި 9 ލަނޑު ޖަހައިދީ 12 އެސިސްޓް ކޮށްފައެވެ.
ސިޓީއަށް ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން އެލަން ބުނީ މިއީ ގަބޫލް ކުރަން ދަތި ހަގީގަތެއް ކަމަށެވެ. އަދި ސިޓީއިން ވޭތުވެދިޔަ 15 އަވަރަށް އަހަރު ހޯދާފައިވާ ކާމިޔާބީ ތަކަށް ބަލާއިރު މިއީ ކުޅުންތެރިން ކުޅުމަށް ޝައުގުވެރިވާނެ ދުނިޔޭގެ ފެންވަރުގެ ޓީމެއް ކަމަށެވެ. އަދި މިވަގުތު ސިޓީއަށް ސޮއިކުރި ވާހަކަ ބުނުން މިއީ އޭނާގެ ހަޔާތުގައި މިހާތަން އެންމެ ފަހުރުވެރި ވަގުތު ކަމަށްވެސް އެލަން ބުންޏެވެ.
އެލަން ބުނީ އޭނާގެ ހިތުގައި އަބަދުވެސް ޕަލްމެއިރާސްއަށް ހާއްސަ ޖާގައެއް ދެވިފައި އޮންނާނެ ކަމަށާއި ނަމަވެސް ސިޓީއަށް ބަދަލުވުމަކީ އޭނާއަށް ނިންމަން ވަރަށް ފަސޭހަވި ނިންމުމެއް ކަމަށެވެ. އަދި އޭނާ ބޭނުންވަނީ އޭނާއަށް ވެވުނު އެންމެ މޮޅު ކުޅުންތެރިޔާއަށްވާން ކަމަށާއި އަދި މިހާތަނަށް ސިޓީގެ އޮފިޝަލުންނާއި ދެކެވިފައިވާ ވާހަކަ ތަކަށް ބަލާއިރު މިކަން ހާސިލް ކުރުމަށް މިއަށްވުރެ ރަނގަޅު ކުލަބެއް ނެތް ކަމަށެވެ.
އެލަން އަކީ ސިޓީގެ ޓީމަށް އިތުރު ވަމުން އަންނަ އާކުޅުންތެރިގެ ތެރެއިން އެންމެ ފަހުގެ ނަމަށް މިވަގުތަށްވީ ނަމަވެސް މިފަހަރުގެ ޓްރާންސްފަރ މާކެޓްގައި މިލިސްޓަށް އަދިވެސް ބައެއް ކުޅުންތެރިން އިތުރު ވެދާނެކަމަށްވަނީ ބެލެވިފައެވެ. މިގޮތުން މިހާރު އެންމެ ބޮޑަށް ސިޓީ އާއި ގުޅުވައިގެން ވާހަކަ ދެކެވެނީ ލިވަޕޫލަށް ކުޅޭ ނެދަލަންޑްސްގެ ކޯޑީ ގަކްޕޯ އާއި ޗެލްސީގެ އާޖެންޓީނާ މިޑްފީލްޑަރ އެންޒޯ ފެނާންޑޭޒްއެވެ.
ސިޓީއިން މިހާތަނަށް ވަނީ 250 މިލިއަން ޕައުންޑް މިފަހަރުގެ ޓްރާންސްފަރ މާކެޓްގައި އާކުޅުންތެރިންނަށް ހޭދަކޮށްފައެވެ. އެއީ އެލިއޮޓް އެންޑަރސަންއަށް ހޭދަކުރި 116 މިލިއަން ޕައުންޑާއި އައްޔޫބު ބުއާދީ ހޯދުމަށް ހޭދަކުރި 85.6 މިލިއަން ޕައުންޑްވެސް ހިމެނޭގޮތަށެވެ. މީގެއިތުރުން ޖެރޮނީމޯ ރޫލީ، ޖެރެމީ މޮންގާ އަދި ޕިއަރސް ޗާލްސްވެސްވަނީ އެޓީމާއި ގުޅިފައެވެ. ނަމަވެސް އެޓީމާއި ގުޅުނު ކުޅުންތެރިންނަށްވުރެ އެޓީމު ދޫކޮށްދިޔަ ކުޅުންތެރިން ގިނަވެފައި ލިބުނު ފައިދާވެސް މިހާތަނަށް ކުރި ހަރަދަށްވުރެ ބޮޑެވެ.
މިގޮތުން 300 މިލިއަން ޕައުންޑާއި ގާތް ކުރާ އަދަދެއް ޔަގީންކޮށް ލިބޭނެކަމަށް ބެލެވިފައިވާއިރު އިތުރު ބައިތަކުގެ ގޮތުގައި ލިބޭ ފައިސާ ތަކާއެކު މިއަދަދު 400 މިލިއަން ޕައުންޑާއި ގާތް ކުރާ އަދަދެއް ލިބިގެންދިއުން ގާތްކަަމަށްވެއެވެ.