ފީބާ އޭޝިއާ ކަޕް ޕްރީ ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖޭގެ ޤައުމީ ޓީމުން ކިރިގިސްތާނާ ވާދަކުރި މެޗުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.
މި މެޗުން ރާއްޖެ ބަލިވީ 37-95 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 18 ޕޮއިންޓް ހޯދައިދިން މުހައްމަދު ޚުވައިލިދް އަލީއެވެ. އަދި ކިރިގިސްތާނުން އެންމެ ރަނގަޅަށް ކުޅުނީ ނާޒިމް އަދިލްބެކޯވްއެވެ.
މި މެޗާއެކު ގްރޫޕް ސްޓޭޖުގެ އެއްވެސް މެޗަކުން މޮޅުނުވެ ރާއްޖެ ބަލިވެފައިވާއިރު، މިއީ ކިރިގިސްތާނަށް މުބާރާތުގައި ހޯދުނު ހަމައެކަނި މޮޅެވެ.
ފީބާ އޭޝިއާ ކަޕް ޕްރީ ކޮލިފިކޭޝަން ބުރުގައި 4 ގްރޫޕެއްގައި 18 ޤައުމުން ވާދަކުރެއެވެ. ރާއްޖެއިން މުބާރާތުގައި ވާދަކުރަނީ ގްރޫޕް ބީގައެވެ. ރާއްޖޭގެ އިތުރުން ދެން ގްރޫޕްގައި ހިމެނެނީ ސްރީލަންކާ، ކިރިގިސްތާނު، ކަޒަކިސްތާނުގެ އިތުރުން ފަލަސްޠީނެވެ.
މި ގްރޫޕްގެ އެއްވަނައިގައި ފަލަސްޠީނު ހަމަޖެހިލާ މެއިން ކޮލިފިކޭޝަނުން ފުރުސަތު ހޯދިއިރު، އެޓީމުންވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައެވެ.
މުބާރާތުގެ ޕްރީ ކޮލިފިކޭޝަން ބުރުގެ ކުޅުން ކުރިއަށްދިޔައީ މިމަހުގެ 31 އާއި ހަމައަށެވެ. ފީބާ އޭޝިއާ ކަޕް ޕްރީ ކޮލިފިކޭޝަންގައި ސަރަހައްދީ ޓީމުތަކާ ވާދަކޮށް މޮޅުވާ ޓީމުތަކުން މެއިން ކޮލިފިކޭޝަން ބުރަށް ދަތުރުކުރާނެއެވެ. އެއަށްފަހު އެންމެ ވަރުގަދަ 16 ޤައުމަށް 2029 ވަނަ އަހަރު އޮންނަ ފީބާ އޭޝިއާ ކަޕުން ޖާގަ ކަށަވަރުވާނެއެވެ.
ފީބާ އޭޝިއާ ކަޕް ޕްރީ ކޮލިފިކޭޝަން ބުރު ހަ ވިންޑޯއަކަށް ދިގުދެމިގެންދާއިރު، ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެފައިވަނީ އެކި ޤައުމުތަކުގައެވެ. ގްރޫޕް އޭ ގެ މެޗުތައް ދުބާއީގައި ކުޅުނުއިރު، ރާއްޖެ ހިމެނޭ ގްރޫޕް ބީ ގެ މެޗުތައް ކުޅުނީ ކަޒަކިސްތާނުގެ އަލްމާޓީގެ ބުލަން ޝްލޮކް ސްޕޯޓްސް ޕެލެސްގައެވެ. އަދި ގްރޫޕް ސީ ގެ މެޗުތައް މެލޭޝިއާގައި ކުޅުނުއިރު، ގްރޫޕް ޑީ ގެ މެޗުތައް ކުޅުނީ މޮންގޯލިއާގައެވެ.