ޚަބަރު

ޕެންޝަންގެ ގޮތުގައި މިދިޔަ މަހު 173.36 މިލިޔަން ރުފިޔާ ދޫކޮށްފި


  • މައިގަނޑު 4 ދާއިރާއަކުން ޕެންޝަން ދޫކުރޭ

  • އެންމެ ގިނަ ފައިސާ ދޫކުރަނީ އަސާސީ ޕެންޝަނަށް

މިދިޔަ މަހު ޕެންޝަންގެ ގޮތުގައި 173.36 މިލިޔަން ރުފިޔާ ދޫކޮށްފިއެވެ. ޕެންޝަންގެ ގޮތުގައި އެންމެ ގިނަ ފައިސާ ރާއްޖޭގައި ދޫކުރަނީ އަސާސީ ޕެންޝަންގެ ގޮތުގައެވެ.

ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމު އެކުލެވިގެންވަނީ މައިގަނޑު ދެ ޕެންޝަނެއްގެ މައްޗަށެވެ. އެއީ ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރުމުގެ ފުރުޞަތު ފަހިކޮށްދޭ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) އާއި، ދައުލަތުން ޚަރަދުކޮށްގެން ދޭ އަސާސީ ޕެންޝަނެވެ.

ހަމައެއާއެކު، ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ ފަރާތްތަކަށް ދެވޭ ޢިނާޔަތްތަކާއި، ދައުލަތުގެ އެހެނިހެން ރިޓަޔަރމަންޓް ބެނެފިޓްތައް ދޫކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަނީ ޕެންޝަން އޮފީހުގެ ބެލުމުގެ ދަށުންނެވެ.

މިދިޔަ މަހު އަސާސީ ޕެންޝަންގެ ގޮތުގައި ދޫކުރި ފައިސާ:

* ޢިނާޔަތް ލިބޭ ފަރާތްތައް: 27,196
* އޮގަސްޓް މަހު ޚަރަދު: 127.91 މިލިޔަން ރުފިޔާ

އަސާސީ ޕެންޝަނަކީ ދޮށީ ޢުމުރުގެ ރައްޔިތުންނަށް އެކަށީގެންވާ އަސާސީ އާމްދަނީއެއް ކަށަވަރުކޮށްދީ، ފަޤީރުކަމުން ރައްކާތެރިކުރުމަށްޓަކައި ދައުލަތުން ފޯރުކޮށްދޭ އިޖުތިމާޢީ ރައްކާތެރިކަމުގެ ޢިނާޔަތެކެވެ.

މިދިޔަ މަހު ދިގުމުއްދަތުގެ ޚިދުމަތުގެ ޕެންޝަންގެ ގޮތުގައި ދޫކުރި ފައިސާ:

* ޢިނާޔަތް ލިބޭ ފަރާތްތައް: 2,216
* އޮގަސްޓް މަހު ޚަރަދު: 4.33 މިލިޔަން ރުފިޔާ

ދިގުމުއްދަތުގެ ޚިދުމަތުގެ ޕެންޝަނަކީ ދައުލަތުގެ މުއައްސަސާތަކުގައި 20 އަހަރާއި 40 އަހަރުގެ މުއްދަތަށް ޚިދުމަތްކޮށްފައިވާ ފަރާތްތަކަށް ދެވޭ ޕެންޝަނާއި ޢިނާޔަތްތަކެވެ.

ދައުލަތުގެ އެހެނިހެން ޕެންޝަން:

* ޢިނާޔަތް ލިބޭ ފަރާތްތައް: 4,861
* ޚަރަދު: 26.73 މިލިޔަން ރުފިޔާ

މިއީ ދައުލަތުގެ މުއައްސަސާތަކާއި ޔުނިފޯމް އެޅި ޚިދުމަތްތަކުން ވަކިވެފައިވާ، ޝަރުޠުހަމަވާ ކުރީގެ މުވައްޒަފުންނަށް ދެވޭ ރިޓަޔަރމަންޓް ޢިނާޔަތެވެ.

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް)

* ޕެންޝަން ލިބޭ ފަރާތްތައް: 2,749
* މަހަކު ގާތްގަނޑަކަށް ދޫކުރެވޭ ޢަދަދު: 14.39 މިލިއަޔަން ރުފިޔާ

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަކީ މުވައްޒަފުންނާއި ވަޒީފާދޭ ފަރާތްތަކުން ޖަމާކުރާ ކޮންޓްރިބިއުޝަންގެ މައްޗަށް ބިނާވެފައިވާ، ވަޒީފާ އަދާކުރާ މުއްދަތުގައި ފައިސާ ރައްކާކޮށް ރިޓަޔަރވުމަށްފަހު އާމްދަނީއެއް ހޯދުމުގެ ފުރުޞަތު ފަހިކޮށްދޭ ސްކީމެވެ.

ޕެންޝަނަކީ ދޮށީ ޢުމުރުގެ ރައްޔިތުންނާއި ދައުލަތަށް ޚިދުމަތްކޮށްފައިވާ ފަރާތްތަކުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް ދޭ އިނާޔަތެކެވެ.

ދިވެހިރާއްޖޭގެ އާބާދީގައި ދޮށީ އުމުރުގެ މީހުންގެ ނިސްބަތް އިތުރުވަމުން އަންނައިރު، ޕެންޝަން ޚިދުމަތުގެ މުހިންމުކަން އަންނަނީ އިތުރުވަމުންނެވެ. މަސައްކަތުގެ މައިދާނުގައި އުޅޭ ދުވަސްވަރު އެކަށީގެންވާ މިންވަރަކަށް ރިޓަޔަރމަންޓް ފައިސާ ރައްކާކުރުމަކީ، ރިޓަޔަރވުމަށްފަހު މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މުޅި ޕެންޝަން ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ކޮންމެހެން މުހިންމު ކަމެއްކަމަށް ޕެންޝަން އޮފީހުން ފާހަގަކުރައްވައެވެ.

މިހާރު އެއޮފީހުން މެނޭޖްކުރަމުންދާ ފަންޑުގެ ސާފު އަގު (ނެޓް އެސެޓް ވެލިއު) 27.94 ބިލިޔަން ދިވެހި ރުފިޔާއަށް އަރައެވެ. ޕެންޝަން އޮފީހުން 107,000 އަށްވުރެ ގިނަ މެންބަރުންގެ ޕެންޝަން ފަންޑު އަންނަނީ ބަލަހައްޓަމުންނެވެ.