ޚަބަރު

ނިމުނު ހަފުތާ: ޤާނޫނުތަކަށް ގިނަ އިސްލާހުތަކެއް، ކުރިމަގަށް ހެޔޮ ބަދަލެއް


  • ގިނަ ބިލުތަކެއް ތަސްދީޤުކުރައްވާފައިވޭ

  • ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޖިނޭރުންގެ ދުވަސް ފާހަގަކޮށްފައިވޭ

ނިމުނު ހަފުތާގައި ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޖިނޭރުންގެ ދުވަސް ފާހަގަކޮށްފައެވެ. ދިވެހިރާއްޖޭގައި އިންޖިނޭރުންގެ ދުވަހެއް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމަށް އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މިދިޔަ އަހަރު ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އޯގަސްޓް މަހުގެ 30ވަނަ ދުވަސް ޤައުމީ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމުމުގެ ފަހަތުގައި ވަރަށް މުހިންމު ސަބަބެއް އެބައޮތެވެ. އެއީ މި ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވުމެވެ.

(30 އޮގަސްޓު) ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ތިލަމާލެ ބުރިޖު ބައްލަވާލައްވައިފިއެވެ. ބުރިޖު ބައްލަވައިލެއްވުމަށް ކުރެއްވި މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފައިމަގުން މާލެއިން ވިލިމާލެއަށް ވަޑައިގެންފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ބުރިޖުގެ މަސައްކަތް ބައްލަވައިލެއްވުމަށް ކުރެއްވި މި ޒިޔާރަތުގައި ސަރުކާރުގެ ވަޒީރުންނާއި، ބައެއް އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނިމުނު ހަފުތާގައިވަނީ މުހިއްމު ބިލްތަކެއް ވަނީ ތަސްދީޤުކުރައްވާފައެވެ.

ނިމުނު ހަފުތާގައި ތަސްދީޤުކުރެއްވި ބިލުތައް:

- ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާގުޅޭ ބިލު ރައީސް ތަސްދީޤުކުރެއްވުން
- ޓެކުހުގެ ނިޒާމު ހަރުދަނާ ކުރުމަށް ގެނައި އިސްލާހުތައް ތަސްދީޤުކުރެއްވުން
- ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުން ލާޒިމުކުރާ ބިލު ތަސްދީޤުކުރެއްވުން
- މަސްވެރިކަމުގެ ޤާނޫނަށް ގެނައި އިސްލާޙުތައް ރައީސް ތަސްދީޤުކުރެއްވުން
- އެއްގަމު ދަތުރުފަތުރާ ބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުން
- ބޭރު ފައިސާއާ ބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރެއްވުން
- އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުއަށް ގެނައި އިސްލާހު ތަސްދީޤުކުރެއްވުން
- ދައުލަތުން ހިންގާ މަޝްރޫޢުތައް އަވަސްކުރުމަށް ގެނައި އިސްލާހާއެކު ލާމަރުކަޒީ ބިލު ތަސްދީޤުކުރެއްވުން

(3 ސެޕްޓެންބަރު) "ރައްޔިތުންގެ އަޑު"ގެ ޕްރޮގްރާމުގެ ހަތަރުވަނަ އެޕިސީޑު ގެނެސްދީފައިވަނީ ބުރާސްފަތި ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ވީހާވެސް ފުޅާދާއިރާއެއްގައި އެފުރުސަތު ދެއްވުމަށްޓަކައި ކުރިއަށްގެންދާ މި ސިލްސިލާ ޕްރޮގްރާމުގެ ހަތަރުވަނަ އެޕިސޯޑުގައިވެސް ގިނަ ބަޔަކު ވަނީ އެމީހުންގެ ހުރި ކަންބޮޑުވުންތައް އެމަނިކުފާނާ ހިއްސާކުރައްވާފައެވެ. މީގެ ތެރޭގައި އެންމެ ގިނަ ފަރާތްތަކުން ފާހަގަކޮށްފައިވަނީ ބޯހިޔާވަހިކަމާއި ސިއްޙީ ދާއިރާއިން ހުރި ކަންބޮޑުވުންތަކެވެ.


(31 އޮގަސްޓު) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ ތެލާއި، ގޭހާއި، މަޢުދަނުގެ އިތުރުން ދިރުންނެތް ކަނޑުގެ އެހެނިހެން ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާ ގުޅޭ ޚާއްޞަ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަން ސަރުކާރުން ހާމަކުރެއްވީ މިދިޔަ ހޯމަ ދުވަހުއެވެ. ވަޒީރުންގެ މަޖިލީހުން މިކަން ނިންމެވީ، އާދީއްތަ ދުވަހު ކުރިއަށްގެންދެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވި ހުށަހެޅުއްވުމަކަށް ބަހުސް ކުރެއްވުމަށް ފަހުގައެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ، ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހޯދައި ނެގުމުގެ ޤާނޫނީ އޮނިގަނޑެއް މިވަގުތު ނެތުމުން އެފަދަ އޮނިގަނޑެއް ތަޢާރަފު ކުރުމަށެވެ. ރާއްޖޭގެ ސަރަޙައްދުން ދިރުންނެތް ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާއި، އެކަމާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާ އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ފެއްޓެވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

(31 އޮގަސްޓު) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޖަމީލާ އަލީ ޚާލިދު އައްޔަން ކުރައްވާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ޖަމީލާ ޢަލީ ޚާލިދު ސަފީރުކަމަށް ޢައްޔަންކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތުގެ ސަފީރަކަށް ޖަމީލާ އައްޔަން ކުރެއްވީ ދިވެހިރާއްޖޭގެ ފޮރިިން ސަރވިސްގެ ޤާނޫނުގެ ދަށުން ރާއްޖޭން އެކި ޤައުމުތަކަށް ކަނޑައަޅުއްވާ ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރެއްވުމަށް ބަޔާންކޮށްފައިވާގޮތަށް މަޖިލީހުގެ ރުހުމާއެކުގައެވެ.

ވިޔަފާރީގެ ދާއިރާ:

(29 އޮގަސްޓު) ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާއިރު، މިފްކޯއަށް މަސްގަންނަ އަގު 21ރ އަށް ބޮޑުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

(30 އޮގަސްޓު) ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް، އެސްއެމްއީ ޑިޖިޓަލް މޮބައިލް އެޕް އިފްތިތާހުކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ. މި މޮބައިލް އެޕް މެދުވެރިކޮށް، ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހަ ޕްލެޓްފޯމެއްގެ ތެރެއިން ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެންވެސް އެސްއެމްއީ ޑިޖިޓަލްގެ ޚިދުމަތްތައް ހޯދޭނެއެވެ.

(31 އޮގަސްޓު) ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް، ޖޭޑީއެސްގެ ދަށުން އަންނަ އަހަރަށް ދިނުމަށް ހަމަޖެހިފައިވާ ސްކޯލަރޝިޕް އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޖަޕާނާއި ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުއެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ޖައިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޓް ރެޕްރެސެންޓެޓިވް ޓަކި މޮޓޫއެވެ. ޖަޕާން ސަރުކާރުން 2020 ވަނަ އަހަރުން ފެށިގެން އަންނަނީ ދިވެހީން ބިނާކުރުމަށް އެކި ދާއިރާތަކުން ޚާއްސަ ސްކޯލަރޝިޕްތަކެއް ފޯރުކޮށްދެމުންނެވެ.

(1 ސެޕްޓެންބަރު) މަސްވެރި އުޅަނދު ފަހަރަށް ތެލުގެ ސަބްސިޑީ ދޫކުރުމުގެ ނިޒާމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލައްތަކާއި ބެހޭ ބުޒާރާއިން މުހިންމު ބަދަލެއް ގެނެސްފައިވަނީ މިދިޔަ ހަފުތާގެތެރޭގައެވެ. މެދުއިރުމަތީގައި ހިނގަމުންދާ ނުތަނަވަސްކަމާއި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާއިރު، އޭގެ ސީދާ އަސަރު ރާއްޖެއަށްވެސް ދަނީ ކުރަމުންނެވެ. ނަމަވެސް، މި ދަތި އުނދަގޫ ދަނޑިވަޅުގައިވެސް މަސްވެރިންނަށް ލުއިފަސޭހަ މަގުތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ.

(1 ސެޕްޓެންބަރު) މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް މިފްކޯގެ ޗެއަރޕާސަން ކަމަށް ޢަބްދުﷲ ފާއިޒު އައްޔަންކުރައްވާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވިދާޅުވީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ޗެއަރޕާސަން ކަމުގެ މަޤާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް، މއ. ދޭލިޔާގެ ޢަބްދުﷲ ފާއިޒު އައްޔަންކުރައްވާފައިވާ ކަމަށެވެ. މިފްކޯގެ ޗެއަރޕާސަން ކަމަށް މިއަދު އައްޔަންކުރެއްވި ޢަބްދުﷲ ފާއިޒަކީ ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގެ 30 އަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ ޗެއަރމަން ކަމުގެ އިތުރުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ ބޯޑުގެ ޗެއަރމަންކަން ފާއިޒު ވަނީ ކުރައްވާފައެވެ.

(3 ސެޕްޓެންބަރު) ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ޑރ. އަޙްމަދު ރިޔާޒް އައްޔަނުކޮށްފައިވާކަން ހާމަކޮށްފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ޑރ. އަޙްމަދު ރިޔާޒް 23 އޮގަސްޓް 2026 އިން ފެށިގެން އައްޔަނުކުރައްވާފައިވާކަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވަނީ ހާމަކޮށްފައެވެ.

(3 ސެޕްޓެންބަރު) ދިވެހިންނަށް ޚާއްސަ ކުރެވިފައިވާ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ބޭރުގެ 28 ކުންފުންޏެއް އުވާލާފައިވާކަން ސަރުކާރުން ހާމަކޮށްފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން މި ކުންފުނިތައް އުވާލާފައިވަނީ ޤާނޫނުގެ ދަށުން ރަޖިސްޓްރަރ އޮފް ކޮމްޕެނީސްއަށް ލިބިފައިވާ ބާރުގެ ދަށުންނެވެ. އިޤްތިޞާދީ ވުޒާރާއިން ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމެންޓްސް ނުވަތަ ދިވެހި ރާއްޖޭގައި އިންވެސްޓް ކުރުމުގެ ޝަރުތުތައް ޝާޢިއުކޮށްފައި މިދިޔަ އަހަރު ވަނީ ޝާޢިއުކޮށްފައެވެ. މިއީ 2024ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވި އައު ފޮރިން އިންވެސްޓްމެންޓް ޤާނޫނޫގެ ދަށުން އެކުލަވާލެވުނު ޝަރުތުތަކެކެވެ.

އެހެނިހެން ޚަބަރުތައް:

(30 އޮގަސްޓު) ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ފޯރުކޮށްދޭ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގައި އަލުން ރަޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެންސްޕާއިން އަލުން ރަޖިސްޓްރީވާން ހުޅުވާލާފައިވަނީ އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީތައް އިތުރަށް ހަރުދަނާކޮށް، އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް މިއެހީތައް ފޯރުކޮށްދިނުމަށްޓަކައެވެ. އިޖްތިމާޢީ ރައްކާތެރިކަމުގެ އާންމު ގަވާއިދުގެ ދަށުން އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެހީ ހައްގުވާ ފަރާތްތަކަށް އެހީ ދެނީ 2 އަހަރުގެ މުއްދަތަށް މަހުން މަހަށެވެ.

(1 ސެޕްޓެންބަރު) ފުލުހުން މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި 22 އަހަރު ފުރުފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ނިމުނު ހަފުތާގައި ވަނީ ތިމާވެރި ޚަބަރުތަކެއްވެސް ލިބިގެންގޮސްފައެވެ. (29 އޮގަސްޓު) އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ހަތެއްގެ ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި އެކްސިޑެންޓުގައި ހާލު ސީރަސްވި އުމުރުން ނުވަ އަހަރުގެ ކުއްޖާ ވަނީ މިދިޔަ އަންގާރަ ދުވަހު ނިޔާވެފައެވެ.