ޚަބަރު

މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންގެ ޑިވައިސްތަކުން ލޮކޭޝަން ނުފެންނަގޮތް ހަދައިފި


މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ހަމަލާދިނުމުގައި، ވިޔަފާރި އުސޫލުން ލިބެންހުންނަ ލޮކޭޝަން ޑޭޓާ ބޭނުންކުރަމުންދާ ކަމުގެ ރިޕޯޓްތަކާ ގުޅިގެން، އެމެރިކާ ސިފައިންގެ ފޯނުތަކާއި ކޮމްޕިއުޓަރުތަކުގައި ހުންނަ އިޝްތިހާރު ޓްރެކްކުރާ ނިޒާމުތައް ބޭނުންނުކުރެވޭ ގޮތް ހަދައިފިއެވެ.

މިކަން ހާމަވެފައިވަނީ އެމެރިކާގެ ސެނެޓަރު ރޮން ވައިޑަން ހުކުރު ދުވަހު އާންމުކުރެއްވި ސިޓީތަކަކުންނާއި ރޮއިޓަރސް ނޫހަށް ދެއްވި މަޢުލޫމާތުތަކުންނެވެ.

އެމެރިކާގެ ވައިގެ ސިފައިން ވައިޑަންއަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، ކޮމްޕިއުޓަރުތަކާއި މޮބައިލް ފޯނުތަކުގައި ހުންނަ އެޑްވަޓައިޒިން އައިޑެންޓިފަޔާތައް ޑިސޭބަލްކުރީ މީގެ ދެ މަސް ދުވަސް ކުރިންނެވެ.

އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑުން ވިންޑޯޒް ޑިވައިސްތަކުގައި އެ ނިޒާމު މިފަހުން ޑިސޭބަލްކުރި ނަމަވެސް، އެއްގަމު ސިފައިން ވަނީ މޮބައިލް ޑިވައިސްތަކުގެ އެޑްވަޓައިޒިން އައިޑީތައް މި އަހަރުގެ ކުރީކޮޅުން ފެށިގެން ބޭނުންކުރުން ހުއްޓާލައިފައެވެ. މީގެ އިތުރުން ވިންޑޯޒް ކޮމްޕިއުޓަރުތަކުން 2021 ގެ ކުރިން މި ނިޒާމު ބްލޮކްކޮށްފައިވާއިރު، އެންޑްރޮއިޑް އަދި އެޕަލް ޑިވައިސްތަކުގައި އެ ނިޒާމު އޮޓޮމެޓިކުން ޑިސޭބަލްވާ ގޮތަށް މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ހަމަޖައްސާފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެއެވެ.

ނަމަވެސް މި މައްސަލައިގައި އިތުރު ތަފްޞީލު ދިނުމަށް ވައިގެ ސިފައިން އަދި ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑުން ވަނީ އިންކާރުކޮށްފައެވެ. އަދި ކަނޑުގެ ސިފައިން މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އިޝްތިހާރުކުރާ ކުންފުނިތަކަށް ޑޭޓާ ބްރޯކަރުން ވިއްކާ ލޮކޭޝަން މަޢުލޫމާތު ބޭނުންކޮށްގެން، ހަނގުރާމައިގެ މައިދާންތަކުގައި ޙަރަކާތްތެރިވާ ސިފައިންނަށް އަމާޒުކޮށް ހަމަލާދިނުމުގެ ބޮޑު ނުރައްކަލެއް އޮތްކަން މި ކަމުން ވަނީ ހާމަވެފައެވެ.

ޚާއްޞަކޮށް، މެދުއިރުމަތީގައި ތިބޭ ސިފައިން އިންޓަނެޓަށް ދޫކޮށްލާ ވީޑިއޯތަކުގެ ސަބަބުން އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދިނުމަށް މަގުފަހިވެދާނެ ކަމުގެ ބިރު ބޮޑުވުމާ ގުޅިގެން، ސިފައިންގެ އަތުން ފޯނު އަތުލުމަށްވެސް އަސްކަރިއްޔާގެ އިސް ވެރިން ވަނީ ވިސްނަވާފައެވެ.

އޮރެގަންގެ ޑިމޮކްރެޓިކް ސެނެޓަރު ރޮން ވައިޑަން އާއި ރެޕްރެޒެންޓެޓިވް ޕެޓް ހެރިގަން ވަނީ ހުކުރު ދުވަހު ދިފާޢީ ވުޒާރާއަށް ސިޓީއެއް ފޮނުއްވައި، ލޮކޭޝަން ޑޭޓާގެ ވިޔަފާރިން ކުރިމަތިވާ ނުރައްކާތައް ހުއްޓުވުމަށް އަސްކަރިއްޔާއިން އެކަށީގެންވާ ފިޔަވަޅު އަޅާފައިވޭތޯ ބެލުމަށް ތަހުޤީޤެއް ހިންގުމަށް އެދިވަޑައިގެންފައެވެ.

ވައިޑަން ވިދާޅުވި ގޮތުގައި އަސްކަރިއްޔާގެ ފިޔަވަޅުތަކުން މި ނުރައްކާ އަދިވެސް އެއްކޮށް ނައްތައެއް ނުލެވެއެވެ. އަދި ހެރިގަން ފާހަގަކުރެއްވި ގޮތުގައި، އެމެރިކާގެ ދުޝްމަނުންނަށް ކްރެޑިޓް ކާޑެއް ބޭނުންކޮށްގެން ސިފައިންގެ ހަރަކާތްތައް ދެނެގަނެވޭނެ ފަދަ މަޢުލޫމާތު ގަންނަން ލިބިގެން ނުވާނެއެވެ.

މި ސިޓީއާ ގުޅިގެން ދިފާޢީ ވުޒާރާއިން ބުނެފައިވަނީ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނަށް ސީދާ ޖަވާބުދާރީވާނެ ކަމަށެވެ.

މޮބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް މީހުން ތިބި ތަން ދެނެގަތުމަށް ބޭނުންކުރާ "މޮބައިލް އެޑްވަޓައިޒިން އައިޑީ" ޑިސޭބަލްކުރުމަކީ ރަނގަޅު ފިޔަވަޅެއް ކަމަށް ޕްރައިވެސީ އެޑް ޓެކް ކުންފުނިތަކުން ބުނެއެވެ. ނަމަވެސް، ޑިވައިސްގެ ޓެކްނިކަލް މަޢުލޫމާތާއި ނެޓްވޯކް ޑޭޓާ އަޅާކިޔައިގެން، އެޕްތައް މެދުވެރިކޮށް އަދިވެސް ސިފައިންގެ ޙަރަކާތްތައް ދެނެގަތުމުގެ ފުރުޞަތު އޮވެދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.