އޭޝިއާ ޕެސިފިކް މީޑިއާ ފޯރަމް ފަށައިފިއެވެ. މި ފޯރަމް އިންތިޒާމްކުރަނީ ޗައިނާގެ ސީޕީސީ ކެންޓްރްލް ކޮމިޓީއާއި، ޒިންހުއާ ނިއުސް އެޖެންސީ އަދި ގުއަންޑޮންގް ޕްރޮވިންޝަލް ގަވަރމަންޓް ގުޅިގެންނެވެ.
އޭޝިއާ ޕެސިފިކް މީޑިއާ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޗައިނާގެ ޝެންޖެންގައެވެ. ފޯރަމްގެ ހަވާސާގެ ތެރެއިން ކުރިއަށްދިޔަ ހަރަކާތްތައް ޗައިނާގެ 3 ސިޓީއެއްގައި މިމަހުގެ 3 އިން 4 އަކަށް ވަނީ ކުރިއަށްގެންގޮސްފައެވެ.
އޭޝިއާ ޕެސިފިކް މީޑިއާ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މި ސަރަޙައްދުގެ އެކި ޤައުމުތަކުގެ މީޑިއާ ކުންފުނިތަކާއި މީޑިއާ ދާއިރާއަށް ޚާއްސަ ޔުނިވަރސިޓީތަކާއި، ސަރުކާރުތަކުގެ މުވައްސަސާތަކާއި، އދ. ގެ އެޖެންސީތައް އަދި ބައިނަލްއަގުވާމީ ޖަމްޢިއްޔާތައް ތަމްސީލުކުރާ ފަރާތްތައް ވަނީ ވާހަކަދައްކަވާފައެވެ.
މި ފޯރަމްގެ ތެރެއިން 2 ޕެނަލް ޑިސްކަޝަނެއް ވަނީ ކުރިއަށްގެންގޮސްފައެވެ. ފުރަތަމަ ޕެނަލް ޑިސްކަޝަންގެ މަޢުޟޫއަކީ "އެކި މުޖްތަމަޢުތަކުގެ ވާހަކަތަކުން އުނގެނުން" މިއެވެ. 2 ވަނަ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކާފައިވަނީ ޤައުމުތަކުގެ ސިނާއީ ބަދަހިކަމާ ގުޅޭ ތަޖުރިބާތަކާއި ގުޅޭގޮތުންނެވެ.
މި ޕެނަލް ޑިސްކަޝަންގެ ފުރަތަމަ ޕެނަލްގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ޗެއަރޕާޝަން އައިމިނަތު ނަމްޒާ ވަނީ ވާހަކަދައްކަވާފައެވެ. ނަމްޒާ ދެއްކެވި ވާހަކައިގައި ތަރައްޤީވެފައިވާ ބޮޑެތި ޤައުމުތަކުގެ ޚަބަރުތައް ގެނެސްދޭގޮތަށް ކުދި ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކުން ހޯދާ ކާމިޔާބީތަކާއި އެ ޤައުމުތަކުން ރަނގަޅަށް ކުރާ ކަންތައްތަކުގެ ޚަބަރުތައް ގެނެސްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މި ސަމިޓުގައި އޭޝިއާ އަދި ފެސިފިކް ސަރަޙައްދުގެ 42 ޤައުމެއްގެ 220 މީޑިއާއަކުން ބައިވެރިވެއެވެ.
ބައިނަލްއަޤްވާމީ މީޑިއާ ކުންފުނިތަކާއި މީޑިއާ ދާއިރާއަށް ޚާއްސަ ޔުނިވަރސިޓީތަކާއި، މުއައްސަސާތަކާއި ބައިނަލްއަގުވާމީ ޖަމްޢިއްޔާތައް ހިމެނޭހެން 400 އަށްވުރެ ގިނަ މަންދޫބުން މިއަހަރުގެ ސަމިޓްގައި ވަނީ ބައިވެރިވެފައެވެ.