ޚަބަރު

ޣައްޒާގެ ހިޞާރު ފޫއަޅުވައިލަން "ފްރީޑަމް ފްލޮޓިއްލާ" އިން ދަތުރު ފަށައިފި


ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން އަޅާފައިވާ ޣައިރުޤާނޫނީ އަދި ފަނާކުރަނިވި ޙިޞާރު ފޫއަޅުވައިލައި، އެ ސަހަރުގައި ޙާލުގައި ޖައްސާފައިވާ ނިކަމެތީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 'ފްރީޑަމް ފްލޮޓިއްލާ' ހަރަކާތުން އަނެއްކާ ވެސް މަސައްކަތް ފަށައިފިއެވެ. މި ފްލޮޓިއްލާގައި ބައިވެރިވާ އުޅަނދުފަހަރު އޮކްޓޫބަރު މަހު ޣައްޒާއަށް ދިއުމުގެ ކުރިން ވިލާތުގެ ބައެއް ޤައުމުތަކުގައި ބަނދަރު ކުރާނެ ކަމުގައި މި ހަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ. މި ދަތުރުގައި ބައިވެރިވާ އެއް އުޅަނދު ކަމުގައިވާ 'ހަންދަލާ 2' މިހާރު ވެސް ވަނީ ސްކެންޑިނޭވިޔާ ސަރަޙައްދުން ފުރާފައެވެ. އަދި، 'ކޭޓް' ގެ ނަންދީފައިވާ އެހެން އުޅަނދެއް އިނގިރޭސިވިލާތުން ފުރައިގެން އަޔަލެންޑުގެ އިތުރުން ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތަށް ދަތުރުކޮށްފައިވާ ކަމުގައި، މި ހަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ. މި އުޅަނދުތައް ދެން ދަތުރުކުރާނީ ޕޯޗުގަލާއި ސްޕެއިންއަށެވެ.

މި ހަރަކާތުގައި، އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ މީހުންނާއި، ނޫސްވެރިންގެ އިތުރުން ޞިއްޙީ މާހިރުން ވެސް ބައިވެރިވެއެވެ. އައު ހަރަކާތެއް ފަށާފައި މި ވަނީ، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމާއި ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް ޤައުމުތަކުގެ ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދަތީ ކަމުގައި، މި ހަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ. އަދި، މި ފްލޮޓިއްލާގައި ބައިވެރިވާ އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި، ޣައްޒާއަށް ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އެތެރެކުރުމަށް ޔަހޫދީން އަޅާފައިވާ ހުރަސްތައް ނައްތައިލުމަށް އެ ފަރާތުން ވަނީ ގޮވައިލާފައެވެ. މީގެ އިތުރުން، ޔަހޫދީންގެ ޣައިރުޤާނޫނީ ޙިޞާރު ނިމުމަކަށް ގެނައުމަށް ޓަކައި ޔަހޫދީ ދައުލަތާ ދެކޮޅަށް ޚާރިޖީ އަދި އިޤުތިޞާދީ ގޮތުން ފިޔަވަޅުތައް އެޅުމަށް ވެސް އެ ފަރާތުން ވަނީ އެދިފައެވެ. މި ދަތުރުގައި ނުރައްކާތަކެއް އޮތް ނަމަވެސް، ހިމޭނުން ތިބުމުގެ އަގު މާ ބޮޑު ކަމުގައި، މި ހަރާތުގެ ބައިވެރިން ބުނެއެވެ.

ޔަހޫދީ އަނިޔާވެރި ސިފައިން މީގެކުރިން ވެސް ވަނީ މި ފަދަ ފްލޮޓިއްލާތަކުގެ އުޅަނދުފަހަރަށް ހަމަލާދީފައެވެ. މި ގޮތުން 2010 ގައި 'މާވީ މަރްމަރާ' ގެ ނަން ދީފައިވާ އުޅަނދަކަށް ހަމަލާދީ، ޔަހޫދީ ސިފައިން ވަނީ އޭގައި ދަތުރުކުރި 10 އެކްޓިވިސްޓުން މަރައިލާފައެވެ. އަދި، ހުސްވި އަހަރެއްހާ ދުވަހުގެ ތެރޭގައި 'ގްލޯބަލް ޞުމޫދު ފްލޮޓިއްލާ' ގައި ދަތުރުކުރި 450 އަށްވުރެ ގިނަ އެކްޓިވިސްޓުން ހައްޔަރުކޮށްފައިވެއެވެ. މި އަހަރުގެ އެޕްރީލު މަހު ވެސް ޔަހޫދީ ސިފައިން ވަނީ އެ ފްލޮޓިއްލާގައި ދަތުރުކުރި 175 މީހުން ހައްޔަރުކޮށް، ލާއިންސާނީ އަނިޔާތަކަށް ހުށަހަޅާފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފެށި ޤަތުލުޢާންމު ހުއްޓައިލުމަށް ޔަހޫދީން ހުސްވި އަހަރު އެއްބަސްވި ނަމަވެސް، ޣައްޒާގެ އިންސާނީ ޙާލަތު އޮތީ ނުރައްކާތެރި ކާރިސާއެއްގެ ޙާލަތުގައެވެ. އެކުވެރި ދައުލަތްތަކުގެ ކުޑަކުދިންނާ ބެހޭ ފަންޑުން (ޔުނިސެފް) ބުނާ ގޮތުގައި، ޣައްޒާގެ %82 އަށްވުރެ ގިނަ ޢާއިލާއަށް މިހާރު ސާފު ބޯފެން ލިބޭނެ ގޮތެއް ނެތެވެ. އަދި، އެ ސަހަރުގެ ނަރުދަމާ ނިޒާމުގެ %90 ވަނީ ހަލާކުކޮށް ސުންނާފަތި ކޮށްލާފައެވެ. މީގެއިތުރުން، ފާއިތުވި ހަފުތާތަކުގައި ވެސް ޔަހޫދީ ފައުޖުން ވަނީ ހަސްފަތާލުތަކަށާއި އެހީގެ ސާމާނު ރައްކާކުރާ ގުދަންތަކަށް ހަމަލާދީފައެވެ. 2025 ގެ އޮކްޓޫބަރުގައި ޤަތުލުޢާންމު ހުއްޓައިލަން އެއްބަސްވި ފަހުން ޔަހޫދީ ފައުޖުން ދީފައިވާ ހަމަލާތަކުގައި މިހާތަނަށް 1,300 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި، އެތައް ހާސް ބަޔަކު ވަނީ އިމާރާތްތަކުގެ ދަށުގައި ތާށިވެ، ނުވަތަ ވީނުވީއެއް ނޭނގި ގެއްލިފައެވެ.