އެމެރިކާގެ ހަތިޔާރުގެ ރިޒާވްއާ ގުޅޭ މަޢުލޫމާތު ލީކުވި މައްސަލައިގައި، އެމެރިކާ އަސްކަރިއްޔާގެ ޖޮއިންޓް ސްޓާފްގެ ގާތްގަނޑަކަށް 50 މެންބަރަކު، ދޮގު ހަދާކަން ދެނެގަންނަ މެޝިން (ޕޮލިގްރާފް) ބޭނުންކޮށްގެން ބަޔާން ނަގައިފިއެވެ.
ނިއުޔޯކް ޓައިމްސް (އެންވައިޓީ)އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ ހުއްދަނެތި މީޑިއާތަކަށް ސިއްރު މަޢުލޫމާތު ލީކުކުރަމުންދާ މައްސަލައިގައި ހިންގަމުންދާ ފުޅާ ތަޙުޤީޤެއްގެ ބައެކެވެ.
މި ތަޙުޤީޤު މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ، އެމެރިކާގެ އަސްކަރީ އަދި މަދަނީ މުވައްޒަފުން ޤައުމީ ސަލާމަތާ ގުޅުންހުރި މުހިންމު ސިއްރުތަކެއް، ޚާއްޞަކޮށް ހަތިޔާރުގެ ރިޒާވް ދަށްވަމުންދާ ކަމަށް ބުނެ ނޫސްވެރިންނަށް މަޢުލޫމާތު ފޯރުކޮށްދީފައިވޭތޯ ދެނެގަތުމަށެވެ.
މިދިޔަ މަހުގެ ތެރޭގައި ހަދާފައިވާ މި ޕޮލިގްރާފް ޓެސްޓްތަކަކީ، ދުރުރާސްތާ މިސައިލާއި ޕޭޓްރިއަޓް ވައިގެ ދިފާޢީ މިސައިލް ހިމެނޭހެން މުހިންމު ހަތިޔާރުގެ ސަޕްލައި ވަރަށް ބޮޑަށް މަދުވެފައިވާކަމަށް ބުނެ މީޑިއާތަކުން ޝާއިޢުކުރި ރިޕޯޓްތަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅެކެވެ. ނަމަވެސް އެމެރިކާގެ އިސް އޮފިޝަލުން ވަނީ އެ ރިޕޯޓްތައް ދޮގުކުރައްވައި، ޤައުމުގެ ދިފާޢުއަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ވެސް ހަތިޔާރުގެ ރިޒާވް އެބަހުރި ކަމަށް ވިދާޅުވެފައެވެ.
އެންވައިޓީއަށް ދެއްވި ބަޔާނެއްގައި އެމެރިކާގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނު ޝޯން ޕާނެލް، އެތެރޭގެ އިދާރީ އަދި ތަޙުޤީޤީ ކަންކަމާ ގުޅޭގޮތުން ސީދާ ޖަވާބެއް ދެއްވަން އުޒުރުވެރިވެވަޑައިގެންނެވި ނަމަވެސް، ޤައުމީ ސަލާމަތާ ގުޅުންހުރި މަޢުލޫމާތު ލީކުވުމުގެ މައްސަލަތައް އެ ވުޒާރާއިން ބަލަނީ ވަރަށް ސީރިއަސްކޮށް ކަމަށް ވިދާޅުވިއެވެ. އަދި ސިއްރު މަޢުލޫމާތުތަކުގެ ރައްކާތެރިކަން ދެމެހެއްޓުމަކީ މުޅި ދުނިޔޭގައި ޙަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ހަނގުރާމައިގެ ކޮމާންޑްތަކާ ގުޅިގެން އޮޕަރޭޝަނަލް ރޭވުންތަކާއި، ސިޔާސަތުތައް އަދި ހަނގުރާމައިގެ ޕްލޭންތައް އެކުލަވައިލުމުގައި އިސް ދައުރެއް އަދާކުރާ ޖޮއިންޓް ސްޓާފްގައި ގާތްގަނޑަކަށް 1,500 އާއި 2,000 އާ ދެމެދުގެ ޢަދަދަކަށް އަސްކަރީ އަދި މަދަނީ މުވައްޒަފުން މަސައްކަތްކުރެއެވެ.
މި ތަޙުޤީޤުގެ މަޢުލޫމާތު އެނގޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، މިފަދަ ހަރުކަށި ފިޔަވަޅެއް އެޅުމުގެ މައިގަނޑު ބޭނުމަކީ މަޢުލޫމާތު ލީކުކުރި ފަރާތްތައް ހޯދުމުގެ އިތުރުން، ކުރިމަގުގައި މިފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް އިންޒާރެއް ދިނުމެވެ.
ޤާނޫނީ އަދި އަސްކަރީ މާހިރުން ސިފަކުރާ ގޮތުގައި މިއީ އެމެރިކާގެ އަސްކަރިއްޔާގެ ތާރީޚުގައި ވެސް މީގެ ކުރިން ހިންގާފައިނުވާ ފަދަ ފުޅާ ތަޙުޤީޤެކެވެ. ސަބަބަކީ އެމެރިކާ އަސްކަރިއްޔާގެ އެންމެ މަތީ ފަންތީގެ އޮފިޝަލުންތަކެއް، މިފަދަ ގޮތަކަށް ޕޮލިގްރާފް ޓެސްޓަކަށް ހާޒިރުކޮށްފައި ނުވާތީއެވެ.
މި ތަޙުޤީޤު މިހާ ހަރުކަށިވެގެން ގޮސްފައިވަނީ، އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން އެމެރިކާގެ ހަތިޔާރުގެ ރިޒާވަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި، މި ހަނގުރާމައިގެ މިސްރާބާމެދު ދިފާޢީ ވުޒާރާގެ އެތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރުމާ ގުޅިގެންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހުއްދަނެތި މަޢުލޫމާތު ލީކުކުރާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ތަކުރާރުކޮށް އަންގަވައިފައެވެ. އަދި ހަތިޔާރު މަދުވުމާއި އީރާނުގެ މައްސަލައިގައި ސަރުކާރުގެ ސިޔާސަތުތަކަށް މީޑިއާތަކުން އަމާޒުކުރާ ފާޑުކިއުންތަކަކީ "ޚިޔާނާތްތެރި" ޢަމަލުތަކެއްގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ.
މަޢުލޫމާތު ލީކުވުމުގެ މި މައްސަލައާ ގުޅިގެން ދިފާޢީ ވުޒާރާގެ އެތެރޭގައި ވަނީ ނުތަނަވަސްކަމުގެ މާޙައުލެއް އުފެދިފައެވެ. ގިނަ އޮފިޝަލުން ޤަބޫލުކުރާ ގޮތުގައި، މިކަމުގެ ޒިންމާ ނަންގަވަންޖެހޭނީ، ދިފާޢީ ވަޒީރު ޕީޓް ހެގްސެތުއެވެ. ވަރަށް އަރިސް ކުޑަ ޓީމަކާއެކު މަސައްކަތްކުރައްވާ ހެގްސެތު ވަނީ އޭނާގެ ދައުރުގައި މަދުވެގެން 80 ޖެނެރަލުންނާއި އެޑްމިރަލުންގެ އިތުރުން، އެންމެ މަތީ ފަންތީގެ އޮފިޝަލުން މަޤާމުން ވަކިކުރައްވައި ނުވަތަ މަޤާމުގެ ކުރިއެރުން ހުއްޓުވައިފައެވެ.
މީގެ އިތުރުން، "ސިގްނަލް" ގްރޫޕް ޗެޓެއްގައި އަސްކަރީ ސިއްރު މަޢުލޫމާތުތަކެއް ޙިއްސާކުރެއްވި މައްސަލައިގައި ހެގްސެތަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވާއިރު، ދިފާޢީ ވުޒާރާއިން ދަނީ އޭނާގެ ލީޑަޝިޕާ ގުޅޭ ޚަބަރުތައް ލީކުވާ ގޮތް ބެލުމަށް ވެސް އިތުރު ތަޙުޤީޤުތައް ހިންގަމުންނެވެ.