ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުން ފާހަގަކުރުމަށް "ބްލޫސް ފެމެލީ ނައިޓް"ގެ ނަމުގައި ޚާއްސަ ޝޯވއެއް ބާއްވައިފިއެވެ. މި ޝޯވް ކުރިއަށް ގެންގޮސްފައިވަނީ، މިރޭ 8:30 އިން 11:00 އަށް ސޯޝަލް ސެންޓަރުގައެވެ.
"ބްލޫސް ފެމެލީ ނައިޓް"އަކީ ފުލުހުންނާއި ފުލުހުންގެ އާއިލާތައް އަދި އާންމު ރައްޔިތުން އެކުވެރި، އުފާވެރި މާހައުލެއްގައި ބައްދަލުވެ، ގުޅުން ބަދަހިކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.
"ބްލޫސް ފެމެލީ ނައިޓް"ގެ ތެރެއިން އެންޓަޓެއިންމަންޓާއި، ސަޤާފީ ހަރަކާތްތަކާއި، މިއުޒިކާއި، ނެށުންތަކުގެ އިތުރުން ފުލުހުންގެ އެކި ބަހާތަކާއި އެކި ފަންނާނުން ތައްޔާރުކޮށްފައިވާ ޚާއްސަ އައިޓަމްތައް ހުށަހަޅާފައިވެއެވެ.
އެގޮތުން ބާރަށު ޝިޔާމުގެ ހުށަހެޅުންތަކާއި، ހަބޭސް ބޮޑުބެރު ގްރޫޕުގެ ފޯރިގަދަ އައިޓަމްތަކުގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ސްޓޫޑެންޓް ޔޫނިއަންގެ ޑާންސް އަދި ބޮޑުބެރު ގުރޫޕުގެ ހުށަހެޅުންތަކާއި، މަޖާ ކޮމެޑީ އައިޓަމްތައްވެސް މި ޝޯވްގެ ތެރެއިން ގެނެސްދީފައިވެއެވެ.
ސްޓޭޖު ހަރަކާތްތަކުގެ އިތުރުން، ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ އިތުރުން އާންމު ރައްޔިތުންނަށް އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބޭއްވި މި ހަރަކާތް ކުރިއަށް ގެންދިޔަ ސަރަޙައްދުގައި ކާބޯތަކެތި ވިއްކާ ސްޓޯލުތައް ވެސް ވަނީ ހުއްޓެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް އަންނަނީ، ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މާލެ ސަރަޙައްދު ހިމެނޭހެން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައިވެސް ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިއަދު ހެނދުނު ފުލުހުންގެ އެކުވެރިކަމުގެ ހިނގާލުމެއް ބާއްވާފައިވާއިރު، މިއަދު ހަވީރުވަނީ ކުޑަކުދިންނަށް ޚާއްސަ ހަވީރެއްވެސް ބާއްވާފައެވެ.