ފަޅުރަށްތަކާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގައި، ކުއްޔަށް ދޫކުރާ ފަޅުރަށުގައި މަސްވެރިކަމާ ގުޅުންހުރި އެކި ވިޔަފާރިތައް އިންޓަރގްރޭޓެޑްކޮށް، ހިންގޭގޮތަށް ބަދަލުގެނައުމަކީ ޤާނޫނުގެ އެންމެ މުހިންމު ބަދަލުކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ކުރީގެ އޮތްގޮތުން، މިފަދަ މަސައްކަތްތަކަށް ކަނޑާއި ފަޅު ހޯދުންވެފައިވަނީ، ވުޒާރާއަށް ވަރަށް އުނދަގޫ ކަމަކަށެވެ.
ކުރީގެ ޤާނޫނުގެ ބައިތައް އޮންނަގޮތުން އެރަށެއް ބޭނުންކުރެވޭނީ، ކަނޑައަޅާ ވަކި މަސައްކަތެއް ކުރުމަށެވެ. ނަމަވެސް މިހާރު ގެންނަ ބަދަލާއެކު، ރަށުގައި ވަކި މަސައްކަތެއް އަދި ފަޅު ކުއްޔަށް ދީގެން އިޤްތިޞާދީ އިތުރު މަސައްކަތްތައް ކުރުމަށްވެސް މަގުފަހިކުރެވެއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނާއިފް ވިދާޅުވީ، ޤާނޫނަށް ގެނައި ބަދަލާއެކު މަސްވެރިކަމުގެ ސިނާޢަތުގެ މަސައްކަތްތަކަށް ފަޅުރަށްތަކާއި ފަޅުތައް ދޫކުރުމުގައި ބޮޑު ލުޔެއް ލިބިގެންދާކަމަށެވެ.
"އެގްރިކަލްޗަރ ނުވަތަ މެރިކަލްޗަރއަށް ރަށް ދޫކުރާއިރު، މިސާލަކަށް މެރިކަލްޗަރއަށް ދޫކުރާ ރަށުގައި އެގްރިކަލްޗަރ ނުވަތަ އެގްރިކަލްޗަރއަށް ދޫކުރާ ރަށެއްގައި މެރިކަލްޗަރގެ އެއްވެސް ކަމެއް ނުކުރެވޭ. ނަމަވެސް މިކަމަށް ހުރި ހުރަސްތައް މި ޤާނޫނާއެކު އެބަ ފިލުވައިދޭ." ސްޓޭޓް މިނިސްޓަރ ނާއިފް ވިދާޅުވިއެވެ.
އެވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ މަސްވެރިކަމާއި ގުޅުންހުރި ދާއިރާތަކުން ފަޅުރަށްތައް ކުއްޔަށް ދިނުމާއި، ފަޅާއި ފަޅުގެ ބައިތައް ކުއްޔަށްދިނުމުގައި ހުރި ދަތިތަކަށް، މި ޤާނޫނުގެ ދަށުން ޙައްލު ލިބޭނެކަމަށެވެ. އަދި ޚާއްސަކޮށް މެރިކަލްޗަރގެ ދާއިރާ ކުރިއަރައިގެންދާން ލިބޭ ބޮޑު ލުޔެއްކަމަށް މުއްޠަލިބް ވިދާޅުވިއެވެ. މިހާރު ރާއްޖޭގައި ކަންނެއްޔާއި ކަޅުބިލަމަހުގެ މަސްވެރިކަމުގެ އިތުރުން، ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފުމަށް މެރިކަލްޗަރ ފުޅާކުރުމަކީ ޤައުމަށް އެންމެ ފައިދާބޮޑު އެއް ވަސީލަތަށްވާނެކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
"ފުޑް ސެކިއުރިޓީއަށް މި ސިނާޢަތް ބޮޑު އެހީއަކަށްވޭ. މެރިކަލްޗަރ ސިނާޢަތެއް ޤާއިމުކުރުމަށް މިކަމުން އެބަ އެހީވެދޭ. ފަޅާއި ކަނޑުގެ ބައިތައް ދޫކުރުމުގައި ލުއިލިބުމަކީ މެރިކަލްޗަރ އިންޑަސްޓްރީ ފުޅާކުރަން ވަރަން މުހިންމު ބަދަލެއް." ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވިއެވެ.
މި ޤާނޫނުގެ ދަށުން މަސްވެރިކަމާ ގުޅުންހުރި ދާއިރާތަކުގެ ތެރެއިން މަސްވެރިކަމާއި މަސްވެރިކަމާގުޅޭ ހަރަކާތްތައް ހިންގުމާއި، އެކުއަރކަލްޗަރކުރުމާއި އެކުއަރކަލްޗަރއާ ގުޅުންހުރި ހަރަކާތްތައް ހިންގުމާއި މަސްވެރިކަމާގުޅޭ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، ފެސިލިޓީތައް ހިންގުން ހިމެނެއެވެ.
ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދު ސިންދަފާތުކުރުމަކީ ސަރުކާރުން މުހިންމު ޢަމާޒެކެވެ. މި ދާއިރާއިން އެހީވުމަށް، އެކަމާއި ގުޅޭ ތަމްރީންތައް ފޯރުކޮށްދީ، ވަސީލަތްތަކާއި މާލީ އެހީ ފޯރުކޮށްދިނުމުގެ ތަފާތު ޕްރޮގްރާމްތައްވެސް އަންނަނީ ކުރިއަށްގެންދަމުންނެވެ.