ފުލުހުންގެ ޚިދުމަތުން ވަނީ ޤާނުނީ މިންގަނޑުތަކަށް ކަމޭހިތާ، ޑިމޮކްރެޓިކް ހަމަތަކަށް ޖަވާބުދާރީވާނެ މުވައްސަސާއެއް ބިނާކުރުންމަތީ ދެމިތިބެފައިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ފުލުހުން މަދަނީ ވަކި މުއައްސާއެއްގެ ގޮތުގައި މި 22 އަހަރު ކުރި ދަތުރަކީ ގޮންޖެހުންތަކާ ކުރިމަތިލާ އިސްލާހީ ބަދަލުތަކަކަށް ކެރިގެން މަސައްކަތްކުރި ދަތުރެއްކަމަށެވެ.
ކުށްމަދު މުޖުތަމަޢުއެއް ބިނާކުރުމަށް، ސައިބަރ ކްރައިމްއާއި ޒަމާނީ ކުށްތަކަށް ކުރިމަތިލުމުގައި ތަމްރީންތައް ދެވި މަތީ މިންގަނޑުތަކަކަށް ވާސިލުވެފައިވާކަމަށެވެ.
ފުލުހުންގެ މަސައްކަތަކީ ފުލުންހުން އެކަނި ހާސިލްކުރާ ނަތީޖާއެއް ނޫންކަމަށާއި މިއީ ކައުންސިލްތަކާއި ޖަމްޢިއްޔާތަކާއި އާއްމު ފަރުދުންނާ ގުޅިގެން، ކުށް އުފެދޭ މާޙައުލު ނައްތާލުމަށް މަސައްކަތްކުރާ، އެ ހިތްވަރު ހުރި މުވައްސާއެއްގެ ގޮތުގައި ސީޕީ ފާހަގަކުރައްވަފައެވެ.
"ފުލުހުންގެ ޔުނީފޯމާއި ކޮނޑުގައިވާ ބެޖަކީ ރައްޔިތުންގެ އަމާނާތެއް. ރައްޔިތުންގެ އިތުބާރަކީ ބާރުގެ ބޭނުންކޮށްގެން ހޯދޭނެ އެއްޗެއް ނޫން. އިޙްލާސްތެރިކަމާ ނަޒާހަތްތެރިކަމާ އިންސާފުވެރިކަމުން ހޯދޭނެ އެއްޗެއް. ކޮންމެ ފުލުހަކީ މުއައްސަސާގެ ޝަރަފާއި އަބުރުގެ ރައްކާތެރިއެއް." ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ވަކި މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމުގެ ބޭނުމަކީ މި ޚިދުމަތް ޕްރޮފެޝަނަލް މިންގަނޑަށް ފޯރުކޮށްދިނުންކަމަށެވެ. އޭރު ޚިދުމަތުގައި މުވައްޒަފުންނާއި ވަސީލަތް މަދު ނަމަވެސް، މިއަދު ވަސީލަތާއި ޢުމްރާނީގޮތުންނާއި ޚިދުމަތުގެ ރޮނގުން ބޮޑެތި ކުރިއެރުންތައް ފުލުހުންގެ ޚިދުމަތުން ހޯދާފައިވާކަމަށް ސީޕީ ވިދާޅުވިއެވެ.
މިއަދު ހުރިހާ ރަށެއްގައި ފުލުހުން ޤާއިމުވެ ޚިދުމަތް ދެމުންދާއިރު، ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް ޚާއްސަ ޢުމްރާނީ ވަސީލަތް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވަނީ ފުލުހުންގެ މުއައްސަސާގައި ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައެވެ. ފުލުހުންގެ ޚިދުމަތުގައި 20 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ސީނިއަރ ސާޖަންޓް ރޭންކުން ފެށިގެން ދަށުގެ 95 މުވައްޒަފަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިހެވެ.
މީގެއިތުރުން، ފުލުހުންގެ ޚިދުމަތުގައި 25 އަހަރު، 30 އަހަރު އަދި 35 އަހަރު ފުރިހަމަކުރައްވާފައިވާ މުވައްޒަފުންނާއި، 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ 132 މުވައްޒަފަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.