ޚަބަރު

ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ


  • ދިރާގަކީ ސަރުކާރުގެ %51 ހިއްސާ އޮތް ކުންފުންޏަކަށް ހެދުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވި

ދިރާގުގައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ ހޯދައި، އެމްޑަބްލިޔުއެސްސީގެ ވިއްކާލާފައިވާ ހިއްސާ ސަރުކާރަށް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫތު ދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް މިއަދާ ހަމައަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާއިރު ކުންފުނިތައް ހިންގުން ހަރުދަނާކޮށް، ޚަރަދުކުޑަ ނިޒާމެއްގެ ދަށުން އެ ކުންފުނިތައް ހިންގުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ދިރާގުގެ މެޖޯރިޓީ ހިއްސާ ދޫކޮށްފައިވާއިރު އެ ހިއްސާ އަލުން ސަރުކާރަށް ނަގައި އެ ކުންފުންޏަކީ ސަރުކާރުގެ %51 ހިއްސާ އޮތް ކުންފުންޏަކަށް ހެދުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.

"ދިރާގަކީ ސަރުކާރުގެ މެޖޯރިޓީ ޝެއާ އޮއްވައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އެ ޝެއާ ވަނީ ވިއްކާލާފައި. ރައްޔިތުންގެ ވަރަށްބޮޑު ހަރުމުދަލެއް. އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި ދިރާގުގެ ޝެއާ %51 އަށް ބޮޑުކުރުމަކީ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށްޓަކައި އަދި އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިރާގުގެ އިތުރުން އެމްޑަބްލިޔުއެސްސީއަކީވެސް ސަރުކާރަށް މުހިންމު ކުންފުންޏެއް ކަމަށާއި އެ ކުންފުންޏަކީ %100 ދިވެހި ސަރުކާރުގެ ހިއްސާ އޮތް ކުންފުންޏަކަށް ހެދުމުގެ މަސައްކަތްވެސް ފައްޓަވާފައިވާ ކަމަށެވެ.

"މިކަމަކީވެސް ރައްޔިތުންނަށް ވަރަށް މުހިންމު ކަމެއް. ރައްޔިތުންނަށް ޚިދުމަތްދިނުމަށް އަދި އެމްޑަބްލިޔުއެސްސީ އިތުރަށް ހަރުދަނާކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް. އެހެންވީމަ ބޭރު ކުންފުންޏަކަށް ވިއްކާލާފައިވާ %20 ގެ ޝެއާ ގަނެ، %100 ސަރުކާރު ހިއްސާވާ ކުންފުންޏަކަށް އެމްޑަބްލިޔުއެސްސީ ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު އެވަނީ ފެށިފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު މިހާރު ދިރާގުގައި އޮންނަނީ ދިވެހި ސަރުކާރުގެ %41.8 ހިއްސާއެވެ. އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ ތަމްސީލް ކުރަނީ ބީޓީސީ އައިލެންޑް ލިމިޓެޑުންނެވެ. އަދި އެމްޑަބްލިޔުއެސްސީގެ %80 ހިއްސާ ދިވެހި ސަރުކާރުން ތަމްސީލް ކުރާއިރު ބާކީ %20 ހިއްސާ ތަމްސީލް ކުރަނީ ހިޓާޗީ ގްރޫޕުންނެވެ.