ޚަބަރު

"އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ"


  • އަދުލު އިންޞާފުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު އިތުރަށް ވަރުގަދަވެގެންދާނެ

  • ކޯޓުތަކުން ދޭ ޚިދުމަތްތަކުގެ ދުވެލި އަވަސްވާނެ

މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދާއެކު އެ ކޯޓުތަކުގެ ޝަރީޢަތް ހިންގުމުގެ ނިޒާމު އެތައް ގުނައެއް ހަރުދަނާވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދަށް މުވައްޒަފުން ތަމްރީން ކުރުމަށް ލ. ގަމުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުއްތަމަފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ ޝަރުޢީ ދާއިރާ ތަރައްޤީކޮށް ރައްޔިތުންނަށް ފަސޭހައިން އިންސާފު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ އަބަދުވެސް އެންމެ އިސް އަމާޒު ކަމަށާއި އަލަށް ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދަކީ އެ އަމާޒަށް ވާސިލުވުމަށް އެޅުނު ވަރަށް ވަރުގަދަ ބިންގަލެއް ކަމަށެވެ. އަދި މި ޤަވާއިދުގެ ސަބަބުން މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތްތައް ހިންގުމުގެ ނިޒާމު ކުރިއަށްވުރެ އެތައް ގުނައެއް ހަރުދަނާކަމާއެކު ތަރުތީބުވެގެންދާނެ ކަމަށާއި ކޯޓުތަކުން ދޭ ޚިދުމަތްތަކުގެ ދުވެލި އަވަސްވެ، ޢަދުލު އިންޞާފުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ މީގެ ކުރިން ފާހަގަކުރެވުނު އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މައްސަލަތައް ރެޖިސްޓަރކުރުމާއި ޝަރީޢަތް ކުރުމުގެ އިޖުރާއާތުތަކުގައި އަދި އިދާރީ ގޮތުން ނަގާ ފީތައް ނެގުމުގައި ތަފާތު ގޮތްތައް ހުރުން ކަމަށެވެ. ނަމަވެސް އައު ޤަވާއިދާއެކު އެ ތަފާތުތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"މީގެ ކުރިން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މައްސަލަތައް ރެޖިސްޓަރ ކުރު މުގައާއި ޝަރީޢަތް ކުރުމުގެ އިޖުރާއާތުތަކުގައި، އަދި އިދާރީ ގޮތުން ނަގާ ފީތައް ނެގުމުގައިވެސް ތަފާތު ގޮތްތަކެއް ގެންގުޅެމުން ދިޔަކަން. އެހެންނަމަވެސް، މި އައު ޤަވާއިދާއެކު މި ހުރިހާ ތަފާތުތަކަކަށް ނިމުން އަންނާނެ. އެކި ކޯޓުތަކުގައި ގެންގުޅެމުންދިޔަ އެކި ގޮތްތައް އެއްގޮތް ކުރެވި، މުޅި ރާއްޖޭގެ ހުރިހާ މެޖިސްޓްރޭޓް ކޯޓެއްގައިވެސް ޢަމަލުކުރާނީ އެއް އުޞޫލަކުން،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޯޓުތަކުން އަމަލުކުރަމުންދާ އުސޫލުތައް އެއްގޮތް ކުރެވުމުން ކޯޓުތަކުން ޚިދުމަތް ހޯދާ ރައްޔިތުންނަށް ފައިދާ ވެގެންދާނެ ކަމަށެވެ.

މި ގަވާއިދަށް އަމަލުކުރުމަށް ނިންމާފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ. އެހެން ވެ މި ގަވާއިދަށް އަމަލުކުރަން ފެށުމުން އެ ހެޔޮ ބަދަލުތައް ފެންނަން ފަށާނެ ކަމަށާއި ކޮންމެ މުވައްޒަފަކުވެސް މަސައްކަތް ކުރަންވާނީ އައު ޤަވާއިދުގެ ރޫޙާ އެއްގޮތަށް، އިންސާފުވެރިކަމާއި ހަލުވިކަމާއި އޯގާތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުން އަންނާ ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ ވިދާޅުވެފައެވެ.