ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިތުރު ޕްރޮވިންސަކަށް އިބޯލާ ވައިރަސް ފެތުރި، މި ބަލި ޖެހުނުކަން ކަށަވަރުވި މީހުންގެ ޢަދަދު 7،000 އިން މައްޗަށް އުފުލިއްޖެއެވެ. ކޮންގޯ ސަރުކާރުން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހަތް ޕްރޮވިންސަކުން ބަލި ޖެހުނުކަން ކަށަވަރުވި މީހުންގެ ޢަދަދު 7،022 އަށް އަރާފައިވާއިރު، މަރުވި މީހުންގެ ޢަދަދު ވަނީ 3،398 އަށް އުފުލިފައެވެ. ބަންޑިބޫޖޯ ވައިރަހުގެ ޒަރިއްޔާއިން ފެތުރޭ މި ބައްޔަކީ، 2018 އިން 2020 އަށް ހިނގި އިބޯލާ ބަލިމަޑުކަމަށް ވުރެ ވެސް ބޮޑުވެ، ކޮންގޯގެ ތާރީހުގައި އެންމެ ނުރައްކާތެރި އަދި އެންމެ ގިނަ ބަޔަކު މަރުވި ފަހަރު ކަމުގައި ސިއްހީ މާހިރުން ބުނެއެވެ.
މިއީ، ދުނިޔޭގެ ތާރީހަށް ބަލާއިރު، އިބޯލާގެ ސަބަބުން ދެވަނައަށް ކުރިމަތިވި އެންމެ ބޮޑު ބަލިމަޑުކަމެވެ. އިބޯލާގެ ސަބަބުން އެންމެ ބޮޑު ބަލިމަޑުކަމެއް ފެތުރިގެން ގޮސްފައި ވަނީ 2014 އާއި 2016 ވަނަ އަހަރާ ދެމެދުގައެވެ. އެ ފަހަރު ގިނީ، ލައިބީރިއާ، އަދި ސިއެރެ ލިއޯން ހިމެނޭހެން 28،600 އަށް ވުރެ ގިނަ މީހުންނަށް ބަލިޖެހި، 11،000 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.
ކޮންގޯގައި މިހާރު އެންމެ ހަލުވިކަމާއެކު ބަލި ފެތުރެމުންދާ ސަރަޙައްދާ ދުރުގައި، އެ ޤައުމުގެ ހުޅަނގު އުތުރުގައި އޮންނަ ދެކުނު އުބަންގީ ޕްރޮވިންސުން ވެސް އިބޯލާ ވޭދަނައެއް ފެނިފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ. މި ގޮތުން، ސެޕްޓެންބަރު 8 ވަނަ ދުވަހު މި ބަލީގައި މަރުވި 23 އަހަރުގެ ފިރިހެނަކު ބަންޑިބޫޖޯ ވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ހާމަކުރިއެވެ. އެ މީހާ ޖުލައި 10 ގައި އިރުމަތީ ކޮންގޯގެ ދެކުނު ކީވޫ ދޫކޮށް، ޤައުމުން ބޭރުގައި އުޅުމަށްފަހު އެނބުރި އައިސްފައި ވަނީ ކޮންގޯ ރިޕަބްލިކާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކާ އިންވެގެން އޮންނަ ދެކުނު އުބަންގީއަށް ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. ކޮންގޯގެ ސިއްހީ އިދާރާއިން ބުނީ، ފުރަތަމަ ވޭދަނައާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމުގައެވެ،
ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާއިން (ޑަބްލިޔުއެޗްއޯ) ބުނީ، މި ބަލިމަޑުކަން ޖޯގުރަފީ ގޮތުން ފުޅާވަމުންދާއިރު، އެ ކަމާ ދެކޮޅަށް އަޅާ ފިޔަވަޅުތައް އިތުރުކުރުމަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމުގައެވެ. މި ގޮތުން ތަމްރީނު ލިބިފައިވާ ޞިއްޙީ ޚިދުމަތްތެރިންނާއި، މަސައްކަތުގައި ބައިވެރިވާ އޮޕަރޭޝަނަލް ޕާޓްނަރުން އަދި ބޭނުންވާ ފައިސާގެ ދަތިކަމުގެ ސަބަބުން، އިބޯލާއާ ދެކޮޅަށް އަޅާ ފިޔަވަޅުތައް އިތުރަށް ފުޅާކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމުގައި ޑަބްލިޔުއެޗްއޯއިން ބުނެއެވެ.