ޚަބަރު

ނަޕޮލީ އަތުން އާސެނަލް އަށް ހަނި މޮޅެއް


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ނަޕޮލީ އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އާސެނަލް ކާމިޔާބުކޮށްފިއެވެ.

ނަޕޮލީގެ ޑިއެގޯ އާމަންޑޯ މެރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 75 ވަނަ މިނިޓުގައި އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ނިމިގެންދިޔަ ސީޒަނުގެ ފައިނަލުގައި ޕީއެސްޖީ އަތުން ބަލިވެފައިވާ އާސެނަލް އިން އައު ސީޒަނުގެ ފުރަތަމަ މެޗުގައި ނަޕޮލީ އާއި ދެކޮޅަށް ކުޅުނު މި މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކާ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އާސެނަލް އިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައިވާއިރު މި މެޗުގައި އެ ޓީމުން ވަނީ ޖުމްލަ 26 ފުރުސަތު ތަނަވަސްކޮށްފައެވެ. އޭގެ ތެރެއިންވެސް ފޯވަޑް މިކޭލް މެރީނޯ އާއި ބުކަޔޯ ސަކާ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

އާސެނަލް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު އޮޑެގާޑް ކާމިޔާބުކޮށްދިންއިރު މިއީ މި ސީޒަނުގައި އޭނާ ކުޅުނު ފަސް މެޗުގައި ޖެހި ހަތަރުވަނަ ލަނޑެވެ. މި ހަފްތާގައި ޗެލްސީ އަތުން މޮޅުވި ލަނޑުވެސް ޖަހާފައިވަނީ އޮޑެގާޑް އެވެ.