އޮގަސްޓުމަސް ނިމުނުއިރު އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލެސީމިއާ ޕޭޝަންޓުން ތިބިކަމަށް ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ ތެރޭގައި އަލަށް 4 ކުދިން ވަނީ އެޖެންސީގައި ރަޖިސްޓްރީކޮށްފައެވެ. ތެލަސީމިއާ ކުދިންނަށް ދޭ ޚާއްޞަ އެލަވަންސް ދޫކުރަން ފެށުމާ ގުޅިގެން، އެ ބައްޔަށް ފަރުވާ ހޯދަމުންދާ ގިނަ ފަރާތްތަކުން އަންނަނީ އެންސްޕާގައި ރަޖިސްޓްރީވަމުންނެވެ. އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން 535 މީހުން ރަޖިސްޓްރީވެފައިވާއިރު، އޮގަސްޓުމަހު އެކަނިވެސް 1.07 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ލޭ އަޅާ ކުދިންގެ ގޮތުގައި މޯލްޑިވިއަން ބްލަޑް ސަރވިސްގައި 981 މީހަކު ރަޖިސްޓަރކޮށްފައިވެއެވެ. ނަމަވެސް އޮގަސްޓުމަހުގެ 4 ވަނަ ދުވަހާ ހަމައަށް މީގެ ތެރެއިން ދުނިޔޭގައި ތިބީ 668 މީހުންނެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ލޭ އަލާ ކުދިންގެ ގޮތުން އެންމެ ގިނައިން މީހުން ތިބީ އަތޮޅުތެރެއިންނެވެ. އެއީ 505 މީހުންނެވެ. މާލެ ސަރަޙައްދުގައި ތިބީ 163 މީހުންނެވެ. މި ދަފްތަރުގައި ތިބި މީހުންގެ ތެރެއިން 319 މީހުންނަކީ ފިރިހެނުންނެވެ. އަދި 349 އަންހެނުން ތިބިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މި ދަފުތަރުގައި އެންމެ ގިނައީ 11 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިންނެވެ. މި އުމުރުފުރާގެ 215 ކުދިން ތިބިއިރު، ދެވަނައަށް އެންމެ ގިނައީ 21 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނެވެ.
އަތޮޅުތަކަށް ބަލާއިރު، އާބާދީގެ ނިސްބަތުން ތެލަސީމިއާ ބަލި ތަހައްމަލުކުރާ މީހުން އެންމެ ގިނައިން ތިބީ ނ. އަތޮޅުގައެވެ. އެ އަތޮޅުގެ 13 ރަށަކުން 53 މީހުން ދަފްތަރުގައި ހިމެނޭއިރު، މިއީ ކޮންމެ ރަށަކަށް އެވްރެޖްކޮށް 4 މީހުންނެވެ. އަދި ފ. އަތޮޅުގައި 18 މީހުން ތިބިއިރު، ލ. އަތޮޅުގައި 43 މީހުން ވަނީ ލިސްޓްކުރެވިފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ވ. އަތޮޅުގައި ތެލެސީމިއާގެ އެއްވެސް މީހަކު ނެތްއިރު، ދެވަނައަށް އެންމެ މަދީ މ. އަތޮޅެވެ. އެއީ އެންމެ 3 މީހުންނެވެ.
ތެލަސީމިއާއަށް އާންމުން ހޭލުންތެރި ކުރުވުމާއި، މިބަލި އިތުރުވަމުންދާ މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން ފެށްޓެވި އެންމެ މުހިންމު އެއް މަސައްކަތަކީ ސްކޫލު ކުދިން ތެލެސީމިއާއަށް ސްކްރީންކުރަން ފެށުމެވެ. އަދި ތެލެސީމިއާ ބައްޔަށް ފަރުވާ ކުރުމަށް ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ހަދައިދޭ ކުދިންގެ ޢަދަދުވެސް ވަނީ އިތުރުކޮށްފައެވެ.
ތެލަސީމިއާ ހުންނަ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ ތަޞައްވުރާއެކީ، ސަރުކާރުން ވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޚިދުމަތްތައް ހުޅުމާލޭ އޮރެންޖު ހިޔާގައި ދޭން ފަށާފައެވެ. އަދި ތެލަސީމިއާގެ އެކި ޓެސްޓްތައް ހެދޭ ޑީއެންއޭ ލެބޯރެޓަރީ ޤާއިމުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ. މިއާއެކު އެންޑޮކްރައިނޮލޮޖީ، އެތެރެ ހަށީގެ ބަލިތަކަށް ޚާއްސަ އަދި ހެމަޓޮލޮޖީ ކްލިނިކް ގާއިމުކުރުމާއި އަދި ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރުގެ ޚިދުމަތް ހިމެނެއެވެ
މި ދާއިރާއިން ކުރިއަށްގެންގޮސްފައިވާ އިތުރު މަސައްކަތްތަކަށް ބަލާއިރު ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމުގެ ފަރުވާ ހިމެނެއެވެ. އެގޮތުން ސަރުކާރުން ނިންމާފައިވަނީ މި 5 އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު 10 ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެހެންކަމުން މި 5 އަހަރުގެ ތެރޭގައި 50 ކުދިންނަށް ޖުމްލަ 50 މިލިޔަން ރުފިޔާ ޚަރަދުކުރެވޭނެއެވެ. މީގެއިތުރުން، ތެލެސީމިއާ ކުދިންނަށް 2000 ރުފިޔާގެ އެލަވަންސެއް ވަނީ ދޭން ފަށާފައެވެ.