ޚަބަރު

ގެދޮރު އަޅަން ބޭންކު ލޯނު ލިބޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަނީ


  • ގިނަ ބައެއްގެ އެންމެ ބޮޑު ޝަކުވާއަކީ ބެންކު ލޯނު ނެގުމަށް ދައްކަންޖެހޭ އިކުއިޓީ

  • އިކުއިޓީ ޕޭމަންޓް ދައްކަން އެހީވުމަށް ސިސްޓަމެއް ޤާއިމްކުރުމަށް މަސައްކަތްކުރައްވަމުންދާކަމަށް ރައީސް ވިދާޅުވި

ގެދޮރު ބިނާކުރުމަށް މާލީ ތަނަވަސްކަން ނެތް މީހުންނަށް އެހީވުމަށް ގެދޮރު އަޅަން ބޭންކު ލޯނު ލިބޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ 5 ވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ރައްޔިތުންގެ އަޑު" ޕްރޮގްރާމްއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއާ ވަކިން ބައްދަލުކުރައްވަން ބޭނުންފުޅުވާ ރައްޔިތުންނަށް އެ ފުރުސަތު ދެއްވުމުގެ ގޮތުން ފެއްޓެވި ޕްރޮގްރާމެކެވެ.

ހަފްތާއަކު އެއް ދުވަހު މި ބައްދަލުވުންތައް އޮންނައިރު، އެހެން ހަފްތާތަކަކެކޭ އެއްގޮތަށް މި ހަފްތާގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވި ރައްޔިތުންވެސް ވަނީ އެމީހުން ފާޅުކުރުމަށް ބޭނުންވި ކަންބޮޑުވުންތަކާއި އަދި އެނޫންވެސް ވާހަކަތައް ރައީސްއާ ހިއްސާކުރައްވާފައެވެ.

"ރައްޔިތުންގެ އަޑު" ޕްރޮގްރާމް އެޕިސޯޑް 5ގައި އާއްމު ރައްޔިތުންގެ ތެރެއިން 10 މީހަކާއި ރައީސް ބައްދަލުކުރެއްވިއެވެ.

މި ހަފްތާގައި ރައީސްއާ ބައްދަލުކުރެއްވި ގިނަ ރައްޔިތުންގެވެސް ޝަކުވާއަކަށްވީ، ބޯހިޔާވަހިކަމުގެ މައްސަލައެވެ. އެގޮތުން އެމީހުންގެ ދިރިއުޅުމުގެ ފެންވަރާއި ކުރީގެ ސްކީމްތަކުން ފްލެޓަށް ޝަރުތު ހަމަނުވުމުގެ ޝަކުވާ ވަނީ ރައީސަށް ދަންނަވާފައެވެ.

ބޯހިޔާވަހިކަމުގެ ކަންބޮޑުވުންތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން މިފަހަރު ހުޅުވާލާފައިވާ ހައުސިން ސްކީމަކީ ދެފުއްފެންނަ، އިންސާފުވެރި ސްކީމަކަށްވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އެގޮތުން މާކްސް ދިނުމުގެ ކަންކަންވެސް ގެންދަނީ، އެންމެ ޙައްގުވެރިންނަށް އެ ފުރުޞަތު ލިބޭނެކަން ކަށަވަރުވާގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ އަޑުގައި ބައިވެރިވި ފަރާތަކުން ވަނީ، ހުޅުމާލެއިން އަލަށް ހިއްކާފައި، ގޯތި ދިން ސަރަހައްދުތަކުގައި ފެންނާއި ނަރުދަމާއާއި މަގުތަކުގެ މަސައްކަތްތައް ކުރިއަށްނުދާތީ، ގޯތީގެ ކޮންސްޓަރަކްޝަން މަސައްކަތް ކުރިއަށްގެންދިއުމަށް ހުއްދަ ނުލިބޭކަން ފާހަގަކޮށްފައެވެ.

ރައީސްގެ ވިދާޅުވީ ހުލުމާލޭގައި އަލަށް ހިއްކި ސަރަޙައްދުތަކުގައި ގެދޮރު އެޅުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ރައްޔިތުން ބޭނުންވާއިރު، އެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން އެކަމަށް ޙައްލު ގެނައުމަށް އެޗްޑީސީން އެކި މަރުޚަލާގައި މަސައްކަތްކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ މަސައްކަތް އަވަސްކުރެވޭނެ ގޮތްތައް ބަލާ، އެކަމަށް މަގުފަހިކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

އިމާރާތްކުރުމުގައި މާލީ ތަނަވަސްކަން ނެތް މީހުންނަށް، ސަރުކާރުން އެހީވާގޮތަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމްތަކަށްވެސް ރައީސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ބޭންކަށް އިކުއިޓީ ދެއްކުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

"އިކުއިޓި ޕޭމަންޓް ދައްކަން އެހީވުމަށް ސިސްޓަމެއް ހެދޭތޯ މި އުޅެނީ. އެންމެ ގިނަ މީހުން ބޭނުންވާ ކަންތައް އެއީ. ވަރަށް ބައިވަރު ފަންޑިން އަދި ވަގުތު އެކަމަށް ބޭނުންވޭ." ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ އަޑުގައި ބައިވެރިވި އާއްމު ރައްޔިތަކު ވަނީ މާލޭގައި ލަކުޑި ފެރީގެ ޚިދުމަތްދޭ ފަރާތްތަކުގެ ޝަކުވާއެއް ރައީސްއަށް ހުށައަޅާފައިވެއެވެ. އެގޮތުން އެ ޚިދުމަތުގައި މިހާރުވެސް ގިނަ ދޯނިތަކެއް އޮޕަރޭޓްކުރަމުންދާއިރު، އެ ޚިދުމަތަށް ޓިކެޓް ނެގުމަށް ފަސޭހަ އިންތިޒާމެއް ނެތްކަން އެމީހާ ފާހަގަކުރިއެެވެ. އެ ޝަކުވާތައް އަޑު އެއްސެވުމަށްފަހު ރައީސް ވިދާޅުވީ އެކަން ޙައްލުކޮށްދެއްވާނެކަމަށެވެ.

ފެރީގެ ޚިދުމަތް ދޭ މީހަކު ވަނީ، އެ ސަރަޙައްދުގެ ބަނދަރާއި މަގު ތަރައްޤީކުރުމަކީ ޚިދުމަތް ފޯރުކޮށްދިނުމުގައި ލިބުނު ބޮޑު ލުޔެއްކަމުގައި ފާހަގަކޮށްފައެވެ.

"ކުރިން ހެންވޭރު ފެރީ ޓަރމިނަލްގެ ތަންކޮޅެއްގައި އެކަން ކުރީ. ނަމަވެސް މިހާރު އެތަނެއް ނެތް. އަދި ތަންކޮޅެއް ދޭން ކިޔަނީ ބޮޑު އަގެއްގައި. އަޅުގަނޑުމެންނަކީ މާ ބޮޑު އާމްދަނީއެއްގައި އުޅޭ ބައެއް ނޫން. އެކަމަށް ޙައްލު ބޭނުންވޭ." ރައްޔިތުންގެ އަޑު ޕްރޮގްރާމްގައި ބައިވެރިވި މީހަކު ފާހަގަކުރިއެވެ.

ކޮންމެ ދޯންޏެއްގައި 3 މުވައްޒަފުން ގެންގުޅޭއިރު، މި މަސައްކަތުގައި 60 އެއްހާ މީހުން ހަރަކާތްތެރިވެއެވެ. އަދި މިއީ އާމްދަނީއަކަށްވުރެ ބޮޑަށް، ރައްޔިތުންނަށް ޚިދުމަތެއް ދިނުމަށް ކުރާ މަސައްކަތެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ރައީސް ވަނީ ޓިކެޓު ދޫކުރުމުގައި އެ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައްޔިތުންގެ އަޑު ޕްރޮގްރާމްގެ ތެރެއިން ރައީސަށް ހުށަހެޅި އެހެން ކަންކަމުގެ ތެރޭގައި އެސްއޯއީތަކުގެ މުސާރައިގެ އޮނިގަނޑަށް ބަދަލު އަންނައިރު ދަށް މުސާރައިގެ މުވައްޒަފުންނަށް ގެއްލުން ނުވާނެހެން، ހަމަހަމަކަން ޤާއިމުކޮށްދިނުން ހިމެނެއެވެ.

މީގެއިތުރުންވެސް، ހިޔާ ފްލެޓްތަކުގެ މެއިންޓަނަންސް ކަންކަން ކުރެވޭނެ ފަސޭހަ ގޮތެއް ހަމަޖެއްސުމަށްވެސް ވަނީ އެދިފައެވެ. މީގެއިތުރުން ސިވިލް ސަރވިސްގެ ރެކްރޫމަންޓް ނިޒާމު ހަރުދަނާކޮށް، ވަޒީފާއަށް މީހުން ނަގާއިރު އެންމެ އެކަށީގެންވާ މީހުންނަށް ވަޒީފާ ދޭކަން ކަށަވަރުކޮށްދިނުމަށްވެސް ރައީސަށް ވަނީ ހުށަހަޅާގައެެވެ.