ޒުވާނުންގެ މާލީ އަދި ޒާތީ މުސްތަޤްބަލަށްޓަކައި ބޭނުންވާ ޢަމަލީ މަޢުލޫމާތާއި ހުނަރު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ޕެންޝަން އޮފީހާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، އެފްޕީއޭ ގުޅިގެން "ފިއުޗަރ ފައުންޑޭޝަންސް" ގެ ނަމުގައި ޚާއްޞަ ސެޝަނެއް ބާއްވައިފިއެވެ.
މީރުމާގައި ކުރިއަށްގެންދިޔަ މި ސެޝަންގައި 19 އަށްވުރެ ގިނަ ޒުވާނުން ވަނީ ބައިވެރިވެފައެވެ.
ޕެންޝަން އޮފީހުން ވިދާޅުވީ، މި ސެޝަނަކީ ވަޒީފާގެ މައިދާނަށް ނުކުންނަން ތައްޔާރުވަމުންދާ އަދި އަލަށް ވަޒީފާގެ މާހައުލުގައި ހަރަކާތްތެރިވާން ފަށާފައިވާ ޒުވާނުންނަށް އަމާޒުކޮށްގެން ފަރުމާކުރެވުނު ސެޝަނެއްކަމަށެވެ. މިގޮތުން، ދުޅަހެޔޮ އިޖުތިމާޢީ ގުޅުންތަކާއި މާލީ ހޭލުންތެރިކަމާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ދިނުމުގެ އިތުރުން، ޒުވާން އުމުރުގައި ވިސްނުންތެރިކަމާއެކު މުސްތަޤުބަލު ރޭވުމަށް ބޭނުންވާ ޢަމަލީ މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދެވުނެވެ.
ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ސެޝަންގެ ފުރަތަމަ ބައި ކުރިއަށްގެންދިޔައީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީންނެވެ. މި ބައިގައި ރަނގަޅު ގޮތުގައި ގުޅުންތައް ދެމެހެއްޓުމާއި، ހެޔޮގޮތުގައި މުޢާމަލާތުކުރުމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލިއެވެ. އަދި ހަރުދަނާ އިޖުތިމާޢީ ގުޅުންތަކެއް ބިނާކުރުމާއި، ފަހި މުސްތަޤުބަލަކަށް މަގުފަހިވާނޭ ފަދަ ނިންމުންތައް ނިންމުމާ ގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ.
'ސެކިއަރ ޓުމޯރޯ: އަންޑަސްޓޭންޑިންގ ޕާސަނަލް ފައިނޭންސް އެންޑް ޕްލޭނިންގ އަހެޑް'ގެ ނަމުގައި ސެޝަންގެ ދެވަނަ ބައި ކުރިއަށްގެންދިޔައީ ޕެންޝަން އޮފީހުންނެވެ. މި ބައިގައި މާލީ ލަނޑުދަނޑިތައް ކަނޑައެޅުމާއި، ބަޖެޓްކުރުމާއި، ކްރެޑިޓާއި ދަރަންޏާއި، ފައިސާ ރައްކާކުރުމާއި، އިންވެސްޓްކުރުމުގެ މަޢުލޫމާތު ހިއްސާކުރެވުނެވެ.
މީގެއިތުރުން، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާއި، ކޮމްޕައުންޑް ރިޓާންސް އަދި ފައިސާ ރައްކާކުރުމާއި އިންވެސްޓްކުރުމުން މާލީ ލަނޑުދަނޑިތައް ހާސިލުކުރެވޭނެ ގޮތްތަކުގެ މަޢުލޫމާތު ދެވުނެވެ. އަދި މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) އާބެހޭ އަސާސީ މަޢުލޫމާތު ދީ، މުސްތަޤުބަލުގައި މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވީހާވެސް ހަގު އުމުރެއްގައި ރިޓަޔަރމަންޓަށް ޕްލޭންކުރަން ފެށުމުގެ މުހިންމުކަން ފާހަގަކުރިއެވެ.
ދިވެހިރާއްޖޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަކީ ޕެންޝަން އޮފީހުގެ މުހިންމު އަމާޒެކެވެ. އެ އޮފީހުން ހާމަކުރި ގޮތުގައި، މި އަމާޒު ހާސިލުކުރުމަށްޓަކައި އެންމެ ޒުވާން އުމުރުފުރައިން ފެށިގެން ދޮށީ ޢުމުރުގެ ފަރާތްތަކާ ހަމައަށް، ތަފާތު އެކި އުމުރުފުރާތަކުގެ ދިރިއުޅުމުގެ ކަންކަމަށް ފެތޭ ގޮތަށް ޕްރޮގްރާމްތައް ފަރުމާކޮށް، ވިސްނުންތެރިކަމާއެކު މާލީ ނިންމުންތައް ނިންމުމަށް ބާރުއެޅުމުގެ ގޮތުން މިފަދަ ސެޝަންތައް ކުރިއަށް އޮތްތަނުގައިވެސް ބާއްވަމުން ގެންދާނެއެވެ.