މާލީ މުސްތަޤްބަލު ރޭވުމާއި، ރިޓަޔަރމަންޓް ޕެންޝަންގެ ފުރުޞަތުތަކަށް ޒުވާނުން އަހުލުވެރިކުރުމުގެ ޚާއްސަކޮށްގެން ސެޝަނެއް ބާއްވައިފިއެވެ.
މިއީ ޕެންޝަން އޮފީހާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ގުޅިގެން "ފިއުޗަރ ފައުންޑޭޝަންސް"ގެ ނަމުގައި ކުރިއަށްގެންދިޔަ ސެޝަނެކެވެ.
މި ސެޝަންގައި 19 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވިއެވެ.
މިއީ ވަޒީފާގެ މައިދާނަށް ނުކުންނަން ތައްޔާރުވަމުންދާ އަދި އަލަށް ވަޒީފާގެ މާހައުލުގައި ހަރަކާތްތެރިވަމުންދާ ޒުވާނުންނަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ސެޝަނެކެވެ. ސެޝަންގައި ދުޅަހެޔޮ ގުޅުންތަކާއި މާލީ ހޭލުންތެރިކަމުގެ މައުލޫމާތު ވަނީ ދީފައެވެ. އަދި ޒުވާން އުމުރުގައި ވިސްނުންތެރިކަމާއެކު މުސްތަޤުބަލު ރޭވުމަށް ބޭނުންވާ ޢަމަލީ މަޢުލޫމާތު ފޯރުކޮށްދިނުމަކީ ސެޝަންގެ މުހިންމު މަޤްސަދެކެވެ.
ސެޝަންގައި "ސެކިއަރ ޓުމޯރޯ: އަންޑަސްޓޭންޑިންގ ޕާސަނަލް ފައިނޭންސް އެންޑް ޕްލޭނިންގ އަހެޑް"ގެ ނަމުގައި ކުރިއަށްގެންދިޔަ ބައިގައި މާލީ ލަނޑުދަނޑިތައް ކަނޑައެޅުމާއި، ބަޖެޓްކުރުމާއި، ކްރެޑިޓާއި ދަރަންޏާއި، ފައިސާ ރައްކާކުރުމާއި، އިންވެސްޓްކުރުމުގެ މައުލޫމާތު ހިއްސާކުރިއެވެ. އަދި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާއި، ކޮމްޕައުންޑް ރިޓާންސް އަދި ފައިސާ ރައްކާކުރުމާއި އިންވެސްޓްކުރުމުން މާލީ ލަނޑުދަނޑިތައް ހާސިލުކުރެވޭނެ ގޮތްތައް ވެސް ބައިވެރިންނާ ހިއްސާކުރިއެވެ.
މީގެއިތުރުން، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) އާބެހޭ އަސާސީ މައުލޫމާތު ވެސް ވަނީ ފޯރުކޮށްދީފައެވެ. މުސްތަޤުބަލުގައި މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވީހާވެސް ހަގު އުމުރެއްގައި ރިޓަޔަރމަންޓަށް ޕްލޭންކުރަން ފެށުމުގެ މުހިންމުކަމުގެމައްޗަށް މިސެޝަންގައި އަލިއަޅުވާފައިވެއެވެ.
މި ސެޝަންގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ކުރިއަށްގެންދިޔަ ބައިގައި ރަނގަޅުގޮތުގައި ގުޅުންތައް ދެމެހެއްޓުމާއި، ހެޔޮގޮތުގައި މުޢާމަލާތުކުރުމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލިއެވެ. އަދި ހަރުދަނާ އިޖުތިމާޢީ ގުޅުންތަކެއް ބިނާކުރުމާއި، ފަހި މުސްތަޤުބަލަކަށް މަގުފަހިވާނޭ ފަދަ ނިންމުންތައް ނިންމުމާ ގުޅޭގޮތުން ވެސް ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ.
މާލީ ހޭލުންތެރިކަން އިތުރުކުރުމަކީ ޕެންޝަން އޮފީހުގެ މުހިންމު އަމާޒެކެވެ. މި އަމާޒު ހާސިލުކުރުމުގައި، އެންމެ ޒުވާން އުމުރުފުރައިން ފެށިގެން ދޮށީ ޢުމުރުގެ ފަރާތްތަކާ ހަމައަށް، ތަފާތު އެކި އުމުރުފުރާތަކުގެ ދިރިއުޅުމުގެ ކަންކަމަށް ފެތޭ ގޮތަށް ޕްރޮގްރާމްތައް ފަރުމާކޮށް އަންނަނީ ހިންގަމުންނެވެ. ވިސްނުންތެރިކަމާއެކު މާލީ ނިންމުންތައް ނިންމުމަށް ބާރުއަޅައި، ރިޓަޔަރމަންޓަށް ވީހާވެސް ހަގު އުމުރެއްގައި ޕްލޭންކުރުމުގެ މުހިންމުކަން ފަހިކޮށްދިނުމުގެ ގޮތުން، މިފަދަ އިތުރު ސެޝަންތައް ކުރިއަށްގެންދާނެކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ.