ޚަބަރު

ޔޫއެސް އޯޕަންގެ ފައިނަލުން ސަބަލެންކާ އާއި ރިބާކިނާ ޖާގަހޯދައިފި


  • ސަބަލެންކާ، ޕެގޫލާ ބަލިކުރި އިރު ރިބާކިނާވަނީ ގައުފް ސެމީ ފައިނަލްގައި ބަލިކޮށްފަ

ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުގެ ފައިނަލުން އެންމެ ފަހު ދެ އަހަރުގެ ޗެމްޕިއަން އަދި މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ އަރީނާ ސަބަލެންކާ އާއި ދެވަނައަށް ސީޑު ކުރެވިފައިވާ އެލޭނާ ރިބާކިނާ ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ފައިނަލުން ބެލަރޫސްގެ ސަބަލެންކާ ޖާގަހޯދީ ސެމީ ފައިނަލްގައި ތިންވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޖެސިކާ ޕެގޫލާ އާއި ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. މިއީ މިދެކުޅުންތެރިން މިމުބާރާތުގެ ސެމީ ފައިނަލްގައި ޖެހިޖެހިގެން ވާދަކުރި ދެވަނަ ފަހަރެވެ. އަދި 2024 ވަނަ އަހަރު ސަބަލެންކާ މިމުބާރާތުގެ ތަށި އެންމެ ފުރަތަަމަ ކާމިޔާބު ކޮށްފައިވަނީވެސް ޕެގޫލާ ފައިނަލްގައި ބަލިކުރުމަށްފަހުއެވެ.

މިހުރިހާ ކަމަކާއެކު މިމެޗުގެ ކުރިންވެސް ފޯރިގަދަވާނެކަމަށް ހީވި މިމެޗުގެ ފުރަތަމަ ސެޓުން މިދެކުޅުންތެރިންގެ ވާދަވެރިކަން ފެނުނެވެ. މިސެޓު ވަރަށް ވާދަވެރިކޮށް ދިއުމަށްފަހު ސަބަލެންކާ ކުރި ހޯދީ ހަތެއް ފަހަކުންނެވެ. ނަމަވެސް މިމެޗުގެ ދެވަނަ ސެޓު ދިޔައީ ގިނަ ބަޔަކު ހީކުރި ވަރަށް ވުރެ ވާދަވެރިކަން ކުޑަކޮށެވެ. މިގޮތުން މިސެޓު ސަބަލެންކާ ކާމިޔާބު ކޮށްފައިވަނީ 6-2 އިންނެވެ.

މިއަންނަ ހޯމަ ދުވަހު ދުނިޔޭގެ ރޭންކިންގ އަލުން އިޢުލާން ކުރާއިރު އެއްވަނަ މަގާމް ސަބަލެންކާގެ އަތުން ގެއްލޭނެކަން ކަށަވަރުވެފައިވާއިރު މިސީޒަން ގްރޭން ސްލޭމް ތަށްޓަކާއެކު ނިންމާލުމުގެ ފުރުސަތު ސަބަލެންކާއަށް މިވަނީ ތަނަވަސް ވެފައެވެ. އަދި މިމުބާރާތުގެ ފައިނަލް މެޗު ކާމިޔާބު ވެއްޖެނަމަ އޭނާ ވާނީ 2014 ވަނަ އަހަރު ސެރީނާ ވިލިއަމްސް މިމުބާރާތުގެ ތަށި ޖެހިޖެހިގެން ތިން ފަހަރަށް ކާމިޔާބު ކުރި ފަހުން މިމުބާރާތް ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބު ކުރާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސަބަލެންކާ ބުނީ އޭނާ މިމެޗުން މޮޅުވާން ވަރަށް ބޭނުންވެފައިވި ކަމަށެވެ. އަދި މިމެޗުގައި އޭނާ އަށް ދެއްކުނު ކުޅުމާމެދު އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި މިހިރީ ވަރަށް އުފަލުން ކަމަށެވެ. މިކާމިޔާބީއާއެކު ސަބަލެންކާ މިވަނީ މިމުބާރާތުގެ ފައިނަލުން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ޖާގަ ހޯދައިފައެވެ. އަދި 2023 ވަނަ އަހަރުގެ ފައިނަލް މެޗުގައި ކޯކޯ ގައުފް އަތުން ބަލިވި ފަހުން މިމުބާރާތުގައި މިހާތަނަށް ސަބަލެންކާ މެޗަކުން ބަލިވެފައެއް ނުވެއެވެ.

މިމުބާރާތުގެ ފައިނަލްގައި ސަބަލެންކާ ވާދަކުރާނީ މިމުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވުމުގެ އިތުރުން މިއަންނަ ހޯމަދުވަހު ސަބަލެންކާގެ ބަދަލުގައި އެއްވަނަ ހާސިލްކުރާނެކަން ކަށަވަރު ވެފައިވާ ރިބާކިނާ އާއެވެ. ކަޒަކިސްތާންގެ ރިބާކިނާ ޔޫއެސް އޯޕަންގެ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަހޯދީ ސެމީ ފައިނަލްގައި ހަތަރު ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ގައުފާއި ވާދަކޮށް ފަހަތުން އަރާ ދެ ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ.

ރިބާކިނާ އާއި ގައުފްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓު ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު 6-3 އިން ކާމިޔާބު ކޮށްފައިވަނީ ގައުފްއެވެ. ނަމަވެސް ރިބާކިނާ ވަނީ ޖެހިގެން އައި ދެވަނަ ސެޓު 7-6 އިން ކާމިޔާބުކޮށް މިމެޗު ތިން ވަނަ ސެޓަކަށް ގެންގޮސްފައެވެ. އަދި ފަހު ސެޓުގައި ވަރަށް ހަމަހަމަކޮށް ދެ ކުޅުންތެރިން ކުޅެމުންގޮސް 4-3އިން ރިބާކިނާ ކުރީގައި އޮވެ ގައުފް ސަރވް ކުރި އަށްވަނަ ގޭމް ބްރޭކްކޮށް 5-3ގެ ލީޑެއް ނަގައިފައެވެ. އަދި ރިބާކިނާ މެޗަށް ސާރވް ކުރަމުންދިޔައިރު އޭނާގެ ސާރވް ގައުފް ބްރޭކްކޮށް ހިތްވަރު އާކުރި ނަމަވެސް އަނެއްކާވެސް ފެނިގެންދިޔައީ ގައުފްގެ ސާރވް ބްރޭކްކޮށް ރިބާކިނާ މިމުބާރާތުގެ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރި ތަނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރިބާކިނާ ބުނީ ޔޫއެސް އޯޕަންގެ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަހޯދުމުން ވަރަށް އުފާކުރާ ކަމަށެވެ. އަދި ސަބަލެންކާ އަންނަނީ މިމުބާރާތުގައި ވަރަށް މޮޅު ކުޅުމެއް ދައްކަމުން ކަމަށާއި އެހެން ކަމުން ސަބަލެންކާ އާއި ދެކޮޅަށް ކުޅޭ ފައިނަލް މެޗު ފަސޭހަ ނުވާނެ ކަމަށާއި އެމެޗުގައި އޭނާގެ ކުޅުން އިތުރަށް ރަނގަޅު ކުރަން ޖެހޭނެ ކަމަށް ރިބާކިނާ ހާމަކުރިއެވެ. އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގެ ފައިނަލްގައި މިދެ ކުޅުންތެރިން ވާދަކުރި މެޗު ސަބަލެންކާ ބަލިކޮށް ކާމިޔާބު ކޮށްފައިވަނީ ރިބާކިނާއެވެ.