މިއަދަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުނު ދުވަހެވެ. ރާއްޖެ އިސްލާމްވިތާ 900 އަހަރު ވެގެންދިޔައިރު މި ދިގު މުއްދަތުގެ ތެރޭގައި ދީނުގެ ކަންކަން މި ރާއްޖޭގައި ދިޔައީ އަދި ދަނީ ތަންފީޒުކުރެވުމުނެވެ. ރީތި މިސްކިތްތަކާއި އިސްލާމީ ޔުނިވަރސިޓީއަކާއި ޤުރުޢާން އުނގަންނައިދޭ އެތަށް މަރުކަޒެއްގެ އިތުރުން ޤުރުޢާން އަދި މަދަހަ މުބާރާތްތަށް ކެނޑި ނޭޅި ކުރިޔަށް ދެއެވެ.
މި ދިގު ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ރާއްޖޭގެ މާލީ ނިޒާމަށް ރިބަވީ މުއާމަލާތްތަކާއި ނުލާ ހިންގޭނެ ނިޒާމެއް ތަޢާރަފްވެގެން ދިޔުމެވެ. އެއީ މީގެ 15 އަހަރުކުރިން ހަމަ މިދުވަހު ޤާއިމުވެގެން ދިޔަ ދިވެހި ރާއްޖޭގެ އިސްލާމިކް ބޭންކުގެ ދޮރު ދިވެހިންނަށް ހުޅުވުމެވެ. މިއީ ރާއްޖޭގެ ރައްޔިތުންނަށް އެ ރައްޔިތުންގެ މުއާމަލާތްތަށް އިސްލާމިކް ޝަރިޔާގެ އުސޫލުން ކުރިޔަށް ގެންދިޔުމަށް ހުޅުވުނު ފުރަތަމަ ދޮރެވެ.
އެމްއައިބީން ޚިދުމަތް ފެށި ދުވަސްވަރަކީ ރާއްޖޭގައި އިސްލާމީ މާލީ ނިޒާމަކަށް ބޭނުންވާ ޤާނޫނީ އަދި އިޤްތިޞާދީ ކަންކަން އެންމެ އެކަށީގެންވާ ގޮތެއްގައި ޤާއިމުވެފައި ނެތް ދުވަސްވަރެކެވެ. އާބާދީ ކުޑަވުމާއި ކުޑަ އިޤްތިޞާދެއް އޮތް ރާއްޖޭގައި މި ކަން ކުރެވިދާނެ ކަމާމެދު އަދި ވަކިން ޚާއްސަކޮށް ރިބަވީ ބޭންކިން ނިޒާމެއްގައި ފެށުނީއްސުރެ އޮތް ރާއްޖޭގައި އިސްލާމިކް ބޭންކިންއަށް ފުރުޞަތެއް އޮވެދާނެތޯ ޝައްކުގެ ނަޒަރަކުން އެއްބަޔަކު ބެލިނަމަވެސް އެމީހުންނަށް ދިވެހިން ޖަވާބު ދިނީ ބޭންކު ހުޅުވުނު ދުވަހުވެސް ދަމާލި ދިގު ކިއު ތަކުންނެވެ.
ރާއްޖެ އިސްލާމްވި ތާރީޚީ ދުވަހާ ގުޅުވައި ބޭންކު ހުޅުވައި، ޚިދުމަތް ފެށި ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ އިތުރުން ކޯޕަރޭޓްތަކުން 316 މިލިޔަން ރުފިޔާގެ ޑިޕޮޒިޓް އެމްއައިބީއަށް ވަނީ ޖަމާކޮށްފައެވެ. އަދި ފުރަތަމަ އަހަރު ނިމުނުއިރު އެމްއައިބީގެ ޖުމްލަ އެސެޓް ވަނީ 487 މިލިޔަން ރުފިޔާއަށް އަރާފައެވެ.
އޭރު އިސްތިސްނާ، މުރާބަހާ އަދި އިޖާރާގެ އުސޫލުން ފައިނޭންސިން ދޫކުރަން ފެށި ނަމަވެސް، އިސްލާމީ އުސޫލުތަކަށް ފެތޭ މަނީ މާކެޓާއި ކެޕިޓަލް މާކެޓް އިންސްޓްރުމެންޓްތައް ރާއްޖޭގައި ނެތުމުގެ ސަބަބުން، ލިބުނު ޑިޕޮޒިޓްގެ ބޮޑު ބައެއް ފައިދާއެއް ނުލިބޭ ގޮތަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ އެމްއެމްއޭގައި ބަހައްޓަންޖެހުނެވެ. މިއީ އޭރު ބޭންކުގެ އާމްދަނީއަށާއި ލިކުއިޑިޓީ މެނޭޖްކުރުމަށް އޮތް ބޮޑު ގޮންޖެހުމަކަށް ވި ނަމަވެސް، އެމްއައިބީން ވަނީ އެ ސާބިތުކަން ދަމަހައްޓާފައެވެ.
އެ ދުވަހު ކުރިމަތިވި މާލީ އަދި އުމްރާނީ ގޮންޖެހުންތަކުން އަރައިގަނެ، ފާއިތުވި 15 އަހަރުގެ ތެރޭގައި އެމްއައިބީން ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ.
ފުރަތަމަ އަހަރު 487 މިލިޔަން ރުފިޔާގައި ހުރި ބޭންކުގެ ޖުމްލަ އެސެޓް، 2026 ގެ މެދުތެރެއަށް އައިއިރު ވަނީ 19 ބިލިޔަން ރުފިޔާއަށްވުރެ މައްޗަށް އުފުލިފައެވެ. އެއީ %3,800 އަށްވުރެ ބޮޑު ކުރިއެރުމެކެވެ. އަދި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ އިތުރުން ކޯޕަރޭޓްތަކުން ބޭންކަށް ބަލައިގަތް ޑިޕޮޒިޓްގެ އަދަދު ވަނީ 16.22 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ ފުރަތަމަ އަހަރާ އަޅާބަލާއިރު %5,032 ގެ ކުރިއެރުމެކެވެ.
އެމްއައިބީގެ ޚިދުމަތް ދޭން ފެށިތާ 15 އަހަރު ވެފައިވާއިރު، ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ތަރުޙީބާއި މެދުކެނޑުމެއްނެތް އެއްބާރުލުމަކީ، ރާއްޖޭގައި ކުރީއްސުރެ ޤާއިމުވެފައިވާ ކޮންވެންޝަނަލް ބޭންކިން ނިޒާމަށް އޮތް ބަދަލެއްގެ ގޮތުގައި އިސްލާމީ ބޭންކިން ކުރިއެރުވުމަށް އޮތް ފުރުޞަތާއި އޭގެ ކާމިޔާބީ ހާމަކޮށްދޭ މުހިންމު ނިޝާނެކެވެ. މިއީ ކުރިމަގުގައި ރާއްޖޭގައި އިސްލާމީ މާލީ ނިޒާމު އިތުރަށް ފުޅާވެ، ކުރިއަރައިގެން ދާނެކަމުގެ އުއްމީދީ ނިޝާނެއްވެސް މެއެވެ.
މިއަދު 'އެޕްލައިނައު' ޕޯޓަލްއާއި، ފައިސާނެޓާއި، ފައިސާމޮބައިލް ފަދަ ޒަމާނީ ޑިޖިޓަލް ވަސީލަތްތަކާއެކު 218,000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ޚިދުމަތް ދެމުން އަންނަ އެމްއައިބީ ވަނީ، ޒަމާންވީ ބޭންކުތައް ފަހަތަށް ޖައްސާލުމަށްފަހު، ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ބޭންކުގެ މަޤާމު ހޯދާފައެވެ.
ރާއްޖެ އިސްލާމްވި ތާރީޚީ ދުވަހު ބިންގާ އަޅައި ފެށި މި ދަތުރަށް 15 އަހަރު ފުރުނުއިރު، ދިވެހިން ސާބިތުކޮށްދީފައިވަނީ ދިނަށް އޮތް ލޮތްބެވެ. ދީނީ ހަމަތަކުގެ މަތިން ކަންކަން ކުރުމަށް އޮތް ފަރުވާތެރިކަމެވެ. ގޮންޖެހުންތަކާއި މުޅިން އައު ބޭންކެއް ނަމަވެސް ދައްކުވައިދިނީ އިތުބާރެވެ. މިކަން ކުރިއަރުވަން ބޭނުންވެފައި ތިބިކަމެވެ. އެމްއައިބީއާއެކު ދިވެހިން ތިބި ކަމެވެ.