ޚަބަރު

"އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމިއޮތީ ދުސްތޫރީ ގޮތުން ދީން ހިމާޔަތްވެފައި އޮތުމުން"


  • 900 އަހަރު މިގޮތުގައި އޮތީ ދީނަށް އޮތް ލޯތްބެއްގެ ސަބަބުން

  • ޤާނޫނު އަސާސީން އިސްލާމްދީން ހިމާޔަތްކޮށްފައިވާކަން ފާހަގަކުރެއްވި

900 އަހަރު އިސްލާމީ ޤައުމެއްގެ ގޮތުގައި އޮތީ، ދިވެހި ރައްޔިތުންގެ ހިތުގައި އިސްލާމްދީނަށް އޮތް ލޯތްބެއްގެ ސަބަބުންނާއި ދުސްތޫރީ ގޮތުން ރާއްޖޭގައި އިސްލާމްދީން ހިމާޔަތްވެފައި އޮތުމުންކަމަށް އިސްލާމީ ކަންތައްތަކާ އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ހޭޔަންބޯ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، 900 އަހަރު ރާއްޖެ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމިއޮތުމަކީ އިލާހީ މަތިވެރި ނިޢުމަތެއް ކަމަށެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ރާއްޖެ އިސްލާމްވުމަށްފަހު، އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމިއޮތީ ދިވެހީންގެ ތެރޭގައި އޮތް އަދަބުވެރިކަމާއި، އެއްބައިވަންތަކަމުގެ ސަބަބުން ކަމަށެވެ. އަދި ސިޔާސީ ގޮތުން ފިކުރު ތަފާތުވިޔަސް ޤައުމުގެ މިނިވަންކަމާއި ދީނުގެ ކަންކަމުގައި ދިވެހީންގެ އެއްބައިވަންތަކަމާމެދު ޝައްކެއް ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.

900 އަހަރު އިސްލާމީ ޤައުމެއްގެ ގޮތުގައި އޮތީ، ދިވެހި ރައްޔިތުންގެ ހިތުގައި އެކަމަށް އޮތް ލޯތްބެއްގެ ސަބަބުންނާއި ދުސްތޫރީ ގޮތުން ރާއްޖޭގައި އިސްލާމްދީން ހިމާޔަތްވެފައި އޮތުމުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ރަސްރަސްކަލުންނާއި، ސަރުކާރުތަކުންނާއި، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން ޤާނޫނު އަސާސީން އިސްލާމްދީން ވަރަށް ބޮޑަށް ހިމާޔަތްކޮށްފައިވާ ކަމަށާއި މިކަން ދަމަހައްޓަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ، ޤާނޫނު އަސާސީގައި ދިވެހި ރައްޔިތުންނަކީ މުސްލިމުންކަން ބަޔާންކޮށްފައިވާ ކަމަށާއި، އިސްލާމްދީނާ ޚިލާފު ޤާނޫނެއް ނުހެދޭނެކަން ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހި ޤައުމަކީ ސުންނީ މުސްލިމު ޤައުމެއްކަން ބަޔާންކޮށްފައި އޮންނަ ކަމަށާއި، ޤައުމުގެ ވެރިއަކަށްވެސް އައްޔަން ކުރަންޖެހޭނީ ސުންނީ މުސްލިމެއްކަން ޤާނޫނު އަސާސީގައިވާކަން ވަޒިީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކައިގައިވަނީ، ދުނިޔޭގެ އެއްވެސް ޤާނޫނު އަސާސީއެއްގައި މިފަދައިން ކަންކަން ކަނޑައަޅާފައި ނެތްކަން ފާހަގަކުރައްވާ ރާއްޖެ އޮތީ، މާތްﷲ ލައްވާފައިވާ މަތިވެރި ނިއުމަތެއްގެ މަތީގައިކަން ފާހަގަކުރައްވާފައެވެ.

"ރާއްޖެ އިސްލާމްވުމަށްފަހު މިއަދާއި ހަމައަށް، މިޤައުމު އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމިއޮތުމަކީ ހަގީގަތުގައިވެސް އިލާހީ ވަރަށް މަތިވެރި ނިޢުމަތެއް. އެކަން މި ހިސާބަށް ގެނެވިފައި މިއޮތީ ދިވެހި ޤައުމުގައި އޮތް އެއްބައިވަންތަކަމުގެ ސަބަބުން. މިއަދުވެސް ސިޔާސީ ގޮތުން އެކި ފަޅިއަށް ބެހިފައި އޮތްނަމަވެސް ޤައުމުގެ މިނިވަންކަމަށާއި، ދީނުގެ ކަންކަމުގައި ޔަގީން ދިވެހީން ތިބޭނީ އެއްބަޔެއްގެ ގޮތުގައިކަން". އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، އިސްލާމީ ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮންނަތާ 900 އަހަރުވެފައިވާއިރު، ލިބިގަންނަންޖެހޭ އެންމެ މުހިންމު އެއް ފިލާވަޅަކީ ވެރިންނަށް ރައްޔިތުން ކުރި އިޙުތިރާމް ކަމަށެވެ. ރާއްޖެއަކީ އިސްލާމީ ޤައުމެއްގެ ގޮތުގައި އޭރު ހުންނެވި ރަސްގެފާނު ކަނޑައެޅުއްވި ހިސާބުން ފެށިގެން ހުރިހާ އެންމެންވެސް ދީނަށް ބޯލަނބައި، ދީން ޤަބޫލުކޮށް އިސްލާމީ ވަހުދަތު ދެމެހެއްޓުމަށް މަސައްކަތްކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މި ދުވަސް ފާހަގަކުރާއިރު ލިބިގަންނަންޖެހޭ އެންމެ މުހިންމު އެއް އިބުރަތަކީ ދިވެހީންނަށް ލިބިގެންދިޔަ މިނިވަންކަމާއި ކުރިއެރުން. އިސްލާމްދީނާ އެކީގައި ވެރިންނަށް ރައްޔިތުން ކުރި އިޙުތިރާމް. އޭރު ހުންނެވި ރަސްގެފާނު މިހާރު މިއީ އިސްލާމީ ޤައުމެއްގެ ގޮތުގައި ކަނޑައެޅުއްވި ހިސާބުން ހުރިހާ އެންމެންވެސް ދީނަށް ބޯލަނބައި، ދީން ޤަބޫލުކޮށް އިސްލާމީ ވަހުދަތު ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރަން ފެށި". ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މުސްލިމު ޤައުމެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުމަކީ ހަގީގަތުގައިވެސް ދިވެހީންގެ މެދުގައި އޮތް އިޙުތިރާމް ކުރުމާއި، އަދަބުވެރިކަމާއި ކުރީއްސުރެ ކާބަފައިންގެ ފަރާތުން ފެނިގެންދިޔަ ރިވެތި ނަމޫނާގެ މިސާލެއް ކަމަށެވެ. އަދި މިފަދަ ސިފަތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް ފަންނާއި ސަޤާފަތާއި ތަރިކައާއިބެހޭ ވުޒާރާއާއި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އަންނަނީ، މުޅި އަހަރަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވަމުންނެވެ.

މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، ރާއްޖޭގެ އިސްލާމީ ތަރިކަ ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމާއެކު އިސްލާމީ ފަންނުވެރިކަމާއި ޢިލްމީ ދިރާސާތައް ކުރިއަރުވައި، ބައިނަލްއަޤުވާމީ އިސްލާމީ އުއްމަތާއެކު އޮންނަ ގުޅުންތައް ބަދަހިކޮށް އަންނަން އޮތް ޖީލުތަކުގެ މެދުގައި އިސްލާމީ އަޤީދާއާއި ދީނީ ވަހުދަތު ހަރުދަނާ ކުރުމެވެ.