ތަރައްްޤީ

ކަނޑިތީމުގައި ޢިމާރާތްކުރައްވާ މިސްކިތުގެ މަސައްކަތް ނިމެނީ


ކަނޑިތީމު ނަރުދަމާ ނިޒާމްގެ ޢަމަލީ މަސައްކަތް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ކަނޑިތީމުގައި އަލަށް ބިނާކުރައްވާ މިސްކިތުގެ މަސައްކަތް 2017 ވަނަ އަހަރު ނިމޭނެ ކަމަށް އެރަށު ކައުންސިލުން ވިދާޅުވޭ -

ށ. ކަނޑިތީމުގައި އަލަށް ޢިމާރާތްކުރައްވާ މިސްކިތުގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ ތެރޭގައި ބޭނުންކުރަން ފެށޭވަރުވާނެ ކަމަށް ކަނޑިތީމު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ކަނޑިތީމު ކައުންސިލްގެ ރައީސް އަލީ ރިފާޒް ވިދާޅުވީ އެރަށުގައި އިތުރު މިސްކިތެއް ނެތުމާއެކު ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާއި ދިމާވަމުންދާ ކަމަށެވެ. އެހެންކަމުން މިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން އެރަށުގައި ޢިމާރާތް ކުރައްވަމުން ގެންދަވާ މިސްކިތުގެ މިހާރު ކުރިއަށްދަނީ ފިނިޝިންގ މަސައްކަތްތައް ކަމަށާއި، އަންނަ އަހަރުގެތެރޭގައި މިސްކިތް ބޭނުންކުރަން ފެށޭވަރުވާނެ ކަމަށް ވިދާޅުވިއެވެ.

704 މީހުންގެ ޖާގައިގެ މި މިސްކިތް ބިނާކުރަމުންދަނީ އެރަށުގެ ކުރީގެ ފުޓްބޯޅަ ދަނޑު ސަރަޙައްދުގެ ހުޅަނގު ފަޅީގައިކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވައެވެ. މި މިސްކިތަކީ އަލިފުޅުތުއްތު ފައުންޑޭޝަންގެ އެހީގެ ދަށުން ކަނޑިތީމުގައި ބިނާކުރާ މިސްކިތެކެވެ.