ޚަބަރު

ދިއްގަރުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށްފި


  • ޖަނަރޭޓަރު ސެޓު އޯވަރހޯލްކޮށް ބޭނުންކުރަން ވަނީ ފަށާފައި

  • މ.އަތޮޅުގައި ޚިދުމަތްދޭން ސްޓެލްކޯއާ ހަވާލުކުރީ ޖޫން މަހު

  • ހުރިހާ ރަށެއްގެ ކަރަންޓުގެ ޚިދުމަތް ސްޓެލްކޯއާ ހަވާކުރަން ވަނީ ނިންމާފައި

ދިއްގަރުގައި ސްޓެލްކޯއިން ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެރަށުގައި ހުރި ޖަނަރޭޓަރު ސެޓެއް އޯވަރހޯލްކޮށް ނިންމާ ބޭނުންކުރަން ފަށައިފިއެވެ. ސްޓެލްކޯއިން ވިދާޅުވީ ދިއްގަރުގައި އޯވަރހޯލްކޮށްފައިވަނީ 400 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއްކަމަށެވެ.

ސްޓެލްކޯގެ ދަށަށް މ.އަތޮޅުގެ ރަށްތަކުގެ ޔޫޓިލިޓީ ޚިދުމަތްތައް ބަދަލުކޮށްފައިވަނީ ޖޫން މަހުގެ ތެރޭގައެވެ. އެއާއެކު ސްޓެލްކޯއިންވަނީ ރަށްރަށުގެ ޔޫޓިލިޓީ ޚިދުމަތްތައް، ޚާއްސަކޮށް ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ފަށާފައެވެ. ސްޓެލްކޯއިން ވިދާޅުވީ އެމަސައްކަތުގެ ދަށުން، މ.ދިއްގަރުގައި ޤާއިމުކޮށްފައި ހުރި 400 ކިލޯވޮޓްގެ ޖެނެރޭޓަރު ސެޓެއް އޯވަރހޯލްކޮށް ނިންމާ މިހާރު ބޭނުންކުރަން ފަށާފައިވާކަމަށެވެ.

ސަރުކާރުންވަނީ 3 އަތޮޅެއްގެ ކަރަންޓުގެ ޚިދުމަތް ފެނަކައިގެ ދަށުން ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ. އޭގެފަހުން ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސަރުކާރުންވަނީ ބައެއް ކުންފުނިތައް އުވާލާ އެތަންތަނުން ދެމުންދިޔަ ޚިދުމަތް އެހެން ކުންފުނިތަކުގެ ދަށަށް ބަދަލުކޮށްފައެވެ. އެގޮތުން ފެނަކަ އުވާލާ އެކުންފުނީގެ ދަށުން ދެމުންދިޔަ ކަރަންޓު ޚިދުމަތް ސްޓެލްކޯގެ ދަށަށްވަނީ ބަދަލުކޮށްފައެވެ. މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު ދެމުންދާ ކަރަންޓުގެ ޚިދުމަތް ސްޓެލްކޯގެ ބެލުމުގެ ދަށުން ދިނުމަށް އަންނަނީ ތައްޔާރުވަމުންނެވެ.