ރާއްޖޭގެ ހުރިހާ ރަށެއްގަ ނަސޭޙަތުގެ ބޯޑުތައް ހަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި މަޝްރޫޢުގެ ދަށުން މާލެ އަތޮޅުގެ ރަށްތަކުގެ މަގުތަކުގައި ބޯޑު ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަމާޒުކޮށް ސަރުކާރުން އެއް އަހަރު ދުވަހަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ދިވެހީންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް ރިވެތި އާދަތަކާއި ގުޅޭ ނަސޭޙަތުގެ ބޯޑުތައް ބެހެއްޓުމުގެ ޤައުމީ މަޝްރޫޢެއް ފެއްޓެވުމަށް ނިންމަވައި، އެމަޝްރޫޢޫ ރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރޭ މުނާސަބާއާއި ދިމާކޮށް ހުރިހާ ރަށެއްގައި ކުރިއަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އިސްލާމީ ކަންތައްތަކާ އަޢުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވީ މިމަޝްރޫޢު ދަށުން އެންމެ ފުރަތަމަ މާލެ އަތޮޅުގެ ރަށްތަކުގެ މަގުތަކުގައި ބޯޑު ހަރުކުރަން ފަށާފައިވާކަމަށެވެ. އެވުޒާރާއިން ވިދާޅުވީ މިހާރު މާލެ އަތޮޅުގެ ހުރިހާ ރަށަކަށް ބޯޑުތައް ފޮނުވާފައިވާކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އެހެން އަތޮޅުތަކަށްވެސް ނަސޭޙަތުގެ ބޯޑުތައް ފޮނުވުމަށް ހަމަޖެހިފައިވާކަމަށެވެ.
ސަރުކާރުން މިމަޝްރޫޢު ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ އާންމު ހުރިހާ ސަރަޙައްދެއްގައާއި މައި ހުރިހާ މަގެއްގައެވެ. އާންމުކޮށް ފެންނާނެހެން ޒިކުރުތަކާއި ނަސޭޙަތުގެ ބަސްކޮޅުތައް ހިމެނޭ ބޯޑުތައް ބެހެއްޓުމަށްވަނީ ނިންމާފައެވެ. މިމަޝްރޫޢު ހިންގުމުގެ މައިގަނޑު ބޭނުމަކީ މިފަދަ ބޯޑުތަކާއެކު ހެޔޮކަންކަމުގެ ހަނދާން އައުކޮށްދީ ހެޔޮކަންކަން ކުރުމަށް ހިތްވަރުދީ ބާރުއެޅުމެވެ.
މިމަޝްރޫޢަކީ ސަރުކާރުގެ ބަޖެޓުންނާއި އާންމު ރައްޔިތުން އަދި މަދަނީ ޖަމާޢަތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅާއެކު ދިވެހީންގެ ހިތުގައި ދީނީ ލޯބި އަށަގެންނެވުމަށް މަސައްކަތް އެކި ގޮތްގޮތުން ކުރަމުންދާއިރު އެމަނިކުފާނު މާލެ ސިޓީގެ މޭޔަރަކަށް ހުންނެވިއިރު މާލޭގެ އެކި ސަރަޙައްދުތަކުގައިވެސް މިފަދަ ޒިކުރުތަކާއި ނަސޭޙަތްތައް ހިމެނޭ ބޯޑުތައް ބަހައްޓާފައިވާކަން ފާހަގަކޮށްލެވެއެވެ.