ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޕްރެޒިޑެންޓްސް ޗެލެންޖް ކަޕްގެ ފައިނަލްގެ ޖާގަތައް މާލޭ ސްޕޯޓްސް ކްލަބް އަދި ސީބީއެލްއިން ހޯދައިފިއެވެ.
ލީގުގެ އެންމެ ވަރުގަދަ ހަތަރު ޓީމުގެ މެދުގައި ކުޅޭގޮތަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި ވާދަކުރީ ލީގުގެ އެއްވަނަ ޓީމުކަމަށްވާ މާލޭ ސްޕޯޓްސް ކްލަބް އަދި ލީގުގެ ދެވަނަ ޓީމުކަމަށްވާ ސީބީއެލްއެވެ. ދެ ޓީމުގެ ފަރާތުން ފޯރިގަދަ ހަމަހަމަކުޅުމެއް ފެނުނު މިމެޗު ކާމިޔާބުކުރީ މާލޭ ސްޕޯޓްސްއިންނެވެ.
20 އޯވަރަށް ކުރިއަށްދިޔަ މިމެޗުގެ ނަތީޖާ ނެރެފައިވަނީ ސުޕާ އޯވަރަށް ކުޅެގެންނެވެ. އެއީ 20 އޯވަރުތެރޭ ކޮންމެ ޓީމަކުންވެސް 156 ލަނޑު ހަދާ އެއްވަރުގެ ނަތީޖާއެއް ނެރެމުގެ ސަބަބުންނެވެ. އެހެންކަމުން ސުޕާ އޯވަރަށް ކުޅެ މިމެޗު ކާމިޔާބުކޮށްފައިވަނީ މާލޭ ސްޕޯޓްސް ކްލަބުންނެވެ.
މުބާރާތް ހަމަޖެހިފައި އޮތް ގޮތުން ފުރަތަމަ ސެމީއަށްފަހު ކުޅޭނީ އެލިމިނޭޝަން ބުރެކެވެ. މިމެޗުގައި ވާދަކޮށްފައިވަނީ އަނާކީ އެސްސީ އަދި ނިއު ސްޓާއެވެ. މިމެޗު އަނާކީއިން ނިއު ސްޓާރގެ ގެ މައްޗަށް 115 ލަނޑުގެ ފަރަގަކުން ކުރި ހޯދާ، ދެވަނަ ސެމީގައި ސީބީއެލްއާ ވާދަކުރަން އޮތް އޮތްނަމަވެސް ރާއްޖެއަށް މިދުވަސްވަރު މޫސުންގޯސްވުމާ ގުޅިގެން ކުރަމުންދާ ވިއްސާރައިގައި ދެވަނަ ސެމީ ކުޅެވޭގޮތް ނުވިއެވެ. އެހެންކަމުން މުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާގޮތުން ލީގު ބުރުގައި ސީބީއެލް އަދި އަނާކީ ވާދަކުރި މެޗު ސީބީއެލްއިން ކާމިޔާބުކޮށްފައިވުމުން، ފައިނަލުގެ ފަހު ޖާގަ ސީބީއެލްއަށް ލިބުނީކަމަށް ސީބީއެމްއިންވަނީ މައުލޫމާތުދީފައެވެ.
ޕްރެޒިޑެންޓްސް ޗެލެންޖް ކަޕްގައި ކުޅެވުނު ހަމައެކަނި މެޗުކަމަށްވާ ފުރަތަމަ ސެމީގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާލޭ ސްޕޯޓްސް ކްލަބްގެ މުހައްމަދު ޝިޔާމްއެވެ. އޭނާވަނީ 62 ލަނޑު ހަދާފައެވެ.
މާފަންނު ކުޅިވަރު އެކުވެނީގައި ކުރިއަށްދާ ޕްރެޒިޑެންޓްސް ޗެލެންޖް ކަޕްގެ ފައިނަލް މެޗު މިމަހުގެ 19 ވަނަ ދުވަހުގެ މެންދުރު 01:30 އަށް ތާވަލުކޮށްފައިވާއިރު، މިއީ ސީބީއެމްއިން މިއަހަރަށް ތާވަލުކޮށްފައިވާ ޓީ 20 ފަހު މުބާރާތެވެ.