ބްލެކްމާކެޓުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ސަރުކާރުން އެޅި ފިޔަވާޅުތަކާއެކު ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ދަނީ ދަށްވަމުންދާތަން ފެންނަމުންދާކަމަށް، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގައި ކުރިއެރުން ލިބެމުންދާކަން ސަރުކާރުން ފާހަގަކުރެއެވެ. އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، އަރޓިފިޝަލީ މެނިޕިއުލޭޓްކޮށްގެން ޑޮލަރުގެ އަގު ވަރަށް ބޮޑަށް އުފުލަން އެކަމުގައި އުޅޭ ފަރާތްތަކުން މަސައްކަތްކޮށްފަވާކަމަށެވެ.
ވަޒީރު ވިދާޅުވީ ބޭރުފައިސާ މާރުކުރުމުގެ ލައިސަންސާއި ހުއްދަތައް އޮތްގޮތާއި ޚިލާފަށް ރަސްމީ ރޭޓުގެ ބޭރުން ފައިސާ މާރުކުރުމުގެ މައްސަލަ އޮތީ ވަރަށް ބޮޑުވެފައިކަމަށެވެ. ނަމަވެސް ބޭރު ފައިސާއާއި ގުޅޭ ޤާނޫނަށް ގެނައި ބަދަލުތަކާއި ބްލެކް މާކެޓް ހުއްޓުވުމަށް އެޅި ފިޔަވަޅުތަކާއެކު މިހާރު ބޭރު ފައިސާ ބްލެކް މާކެޓްގައި ބޮޑެތި އަގުގައި ވިއްކާ އަގު ދަށްވަމުންދާކަން ފާހަގަވާކަމަށެވެ.
"މިހާރު މަޢުލޫމާތު ލިބޭގޮތުން، ސަރުކާރު ހަވާލުވިއިރު ހުރި ރޭޓަށްވުރެ ދަށަށް ގޮސްފަވަނީ. ކުރިން ނިމިދިޔަ ސަރުކަރުގައި ހުރި މިންވަތަށް އޭ ރޭޓާ ބޭންޑާ ހަމައަށް ޖެހިއްޖެ. މިއީ ކުރިއެރުމެއް." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިފަދަ ކުޑަކުޑަ އިޤްތިޞާދެއްގައި މިގޮތަށް މިކަން އޮވެގެން ނުވާނެކަމަށެވެ. ބްލެކް މާކެޓް މައްޗަށް ދިޔަ މިންވަރަށް އިޝާރަތްކޮށް ވަޒީރު ވިދާޅުވީ، ބައެއް ބޮޑެތި ކުންފުނިން މުސާރަ ދޭއިރުވެސް ބްލެކް މާކެޓް ރޭޓަށް ރިޢާޔަތްކޮށް މުސާރަ ދެމުންދިޔަކަން ހާމަވާކަމަށެވެ.
ވަޒީރު ވިދާޅުވީ މިކަން ޙައްލުކުރުމަށް ބޭރު ފައިސާގެ އާމްދަނީ ލިބޭ މީހުންނާ ވަރަށް ގާތުން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ސަރުކާރުން މިކުރާ މަސައްކަތް ހުއްޓާނުލާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
ލައިސަންސް ނުނަގާ އަދި ލައިސަންސާ ހިލާފަށް، ބްލެކް މާކެޓުގައި ޑޮލަރު ވިއްކާ ވިޔަފާރިތައް ހުޓުވުމަށް ތަންފީޒީ އިދާރާތަކުން ވަނީ ޚާއްސަ އޮޕަރޭޝަންތަކެއް ފަށާފައެވެ. އެގޮތުން މިދިޔަ މަހު ހާމަކުރި ބައެއް މަޢުލޫމާތަށް ބަލާއިރު، ނުގަވައިދުން ހިންގާ މިފަދަ 7 ތަނަކުން 76 މިލިޔަން ޑޮލަރު ކަޅު ބާޒާރުގައި މާރުކޮށްފައިވެއެވެ. މީގެތެރޭގައި ރިސޯޓް ޗެއިންތަކާއި ސިޔާސީ ދާއިރާގެ މީހުންވެސް ޝާމިލުވާކަމަށް ހާމަކޮށްފައިވެއެވެ.