ޚަބަރު

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލައިފި


  • އެއްވަނައަށް ހޮވޭ ލޯގޯއަކަށް 60،000 ރުފިޔާގެ އިނާމެއް

  • 16 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށްވެސް ލޯގޯ ފަރުމާކޮށް ހުށަހެޅޭނެ

  • ސުންގަޑިއަކީ މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 14:00

"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ ލޯގޯ ފަރުމާކުރުމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ދިވެހިންގެ ތެރެއިން ގެއްލެމުންދާ އިހްތިރާމް ކުރުމުގެ ރީތި އާދަ އަލުން އަށަގެންނެވުމަށް ޤައުމީ ފެންވަރުގައި ބޮޑު ކެމްޕެއިނެއް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި، އެމަސައްކަތްތައް ވަނީ ފައްޓަވާފައެވެ.

5 އަހަރު ދުވަހުގެ މި މަޝްރޫޢަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ޝިޢާރަކީ "އިޙުތިރާމުގެ އުފާ - މުޖުތަމަޢުގެ ނަފާ" އެވެ. މި މަޝްރޫޢުގައި ބޭނުންކުރާނެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލާ މިކަމާގުޅޭ އުޞޫލު ފަންނާއި ސަގާފަތާބެހޭ ވުޒާރާއިން މިހާރު ވަނީ އާންމުކޮށްފައެވެ.

ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ ކަންކަން:

• އިސްލާމްދީނާއި، ދިވެހި ސަގާފަތުގެ ތެރެއިން ލޯތްބާއި ކުލުނު ރަމްޒުކޮށްދިނުން
• ދިވެހި ޤައުމާއި އަދި ދިވެހިންގެ މާހައުލާގުޅޭ ކުލަތައް ބޭނުންކުރުން
• ލޯގޯއަކީ ބެޖު، ސްޓިކަރ، ބޭނަރ އަދި ޗާޕުކުރެވޭ ފަދަ ލިޔުންތަކުގެ އިތުރުން ޓީޝާޓުގައިވެސް ބޭނުންކުރަން ފަސޭހަ ފަރުމާއަކަށް ވާންވާނެ
• އިލެކްޓްރޯނިކް މީޑިއާއާއި، އެނިމޭޝަނާއި ވީޑިއޯތަކުގައި ބޭނުންކުރެވޭފަދަ ލޯގޯއަކަށްވުން

ލޯގޯއަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް:

• ކޮލިޓީ އަދި ޓެކްނިކަލް ފެންވަރު (ކޮމްޕޮޒިޝަން އަދި ޑިޒައިން އެލެމެންޓްސް ބޭނުންކުރެވިފައިވާ ގޮތް) - 30 މާކްސް
• އަސްލުވަންތަކަމާއި އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން - 20 މާކްސް
• ދިވެހިވަންތަކަން - 20 މާކްސް
• އިޙުތިރާމު އަދާކުރުން ރަމްޒުކޮށްދީފައިވާ މިންވަރު

ވުޒާރާއިން އާންމުކޮށްފައިވާ އުޞޫލުގައިވާގޮތުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް، ޖަމްޢިއްޔާ ޖަމާޢަތްތަކާއި އުމުރުން 16 އަހަރުން މަތީގެ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ލޯގޯ ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އެވެ. ލޯގޯ ތައްޔާރުކުރުކޮށް ހުށަހެޅުމުގައި ލޯގޯގެ ހާޑް އަދި ސޮފްޓް ކޮޕީ ހުށަހަޅަންޖެހޭނެއެވެ.

އެއްވަނައަށް ހޮވާ ލޯގޯ ފަރުމާކުރާ ފަރާތަކަށް އިނާމެއްގެ ގޮތުގައި 60،000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އެއްވަނަ ލޯގޯ އިޢުލާންކުރުން އޮންނާނީ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރަސްމީކޮށް ފެށުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތުގައިކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.