ހޯމް އެންޑް އަވޭ އުސޫލުން ލީގު މެޗުތައް ކުޅޭ މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދިވެހި ލީގުގައި އަތޮޅުތަކުގެ ޓީމުތައް ވާދަކުރި ނަމަވެސް އޭރުވެސް މެޗު ކުޅެމުން އައީ މާލޭ ގައުމީ ފުޓުބޯޅަ ދަނޑުގައެވެ. އެކަމަކު މި ފެށުނު ދިވެހި ޕްރިމިއާ ލީގާއެކު އެކަން މިވަނީ ބަދަލުވެފައެވެ. މި ފަހަރު މެޗުތައް ކުޅޭނީ ހަމައެކަނި މާލެއަކު ނޫނެވެ. ހޯމް އެންޑް އަވޭ އުސޫލުން މާލެއިން ބޭރުގައި އަތޮޅުތެރޭގައި ވެސް މެޗުތައް ކުޅޭނެއެވެ. އޭގެ ތެރެއިން ގދ. ގައްދޫގައި މިހާރު އެއް މެޗު މި ވަނީ ކުޅެފައެވެ. މިއީ ފުޓުބޯޅަ އާއިލާގެ ގިނަ ބަޔަކު ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވި ސީޒަނެކެވެ.
ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން މަސައްކަތްކުރާ ކޯޗުންނާ ޓެކްނިކަލް ޑިރެކްޓަރުން އަދި ކަމާބެހޭ އެންމެހާ ފަރާތްތައްވެސް މިއަދާ ހަމައަށްވެސް ގަބޫލުކުރާ އެއް ކަމެއް އޮވެއެވެ. އެއީ ރާއްޖޭގައި ތިބި ހުނަރުވެރި ޒުވާން ކުޅުންތެރިން ދެނެގަނެވޭނީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅަ މުބާރާތްތަކެއް ބޭއްވިގެންކަމެވެ. އެކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ ހައްލު ހޯދަން މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން އެއް ކަމަކީ އެޓޯލް ފުޓުބޯޅަ މުބާރާތްތަކުގައި ވާދަކޮށް ސީދާ ލީގުގައި ވާދަކުރެވޭނެ ފުރުސަތު އަތޮޅުތަކުގެ ޓީމުތަކަށް މަގުފަހި ކުރުމުވެ. އެގޮތުން މި ފަހަރުގެ ލީގުގައި އަތޮޅުތަކުގެ ދެ ޓީމެއް ވާދަކުރާނެއެވެ. އެއީ ގައްދޫ ރެކްރިއޭޝަން ކްލަބްގެ އިތުރުން ހއ. ދިއްދޫއަށް ނިސްބަތްވާ ދިއްދޫ ސްޕޯޓްސް ކުލަބެވެ.
މީގެ އިތުރުން ފުޓުބޯޅަ މުޅި ރާއްޖެއަށް ފުޅާކުރުމަށް އެފްއޭއެމް އިން ފަށާފައިވާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ހަތަރު ހިސާބެއްގައި ރީޖަނަލް ފުޓުބޯޅަ އެސޯސިއޭޝަންތަކެއް ހެދުމަށް ވަނީ ނިންމާފައެވެ. އެއީ ނޯތު ރީޖަން، ސެންޓްރަލް ރީޖަން، މާލެ ރީޖަން އަދި ސައުތު ރީޖަންއެވެ.
މި އެސޯސިއޭޝަންތަކާއެކު، ރާއްޖޭގެ ހަތަރު ސަރަހައްދުގައި ފުޓުބޯޅަ މުބާރާތް ބާއްވާ ފުޓުބޯޅައިގެ ކަންކަން ރޭވުން އެ ހަތަރު އެސޯސިއޭޝަނަށް ވަނީ މަތިކޮށްފައެވެ. އެފްއޭއެމް އިން ދެކޭގޮތުގައި މިއީ މުޅި ރާއްޖެއަށް ފުޓުބޯޅަ ފުޅާކުރުމަށް އޮތް އެންމެ ފަހި މަގެވެ.
ލީގު ހޯމް އެންޑް އަވޭ އުސޫލަށް ބަދަލުކުރުމާއެކު، އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބުނީ ފުޓުބޯޅައިގެ ހިދުމަތްތެރިންނަށެވެ. އެގޮތުން ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ލީގު ހޯމް އެންޑް އަވޭ އުސޫލަށް ބަދަލުވެގެންދިޔުން މިއީ އޭނާ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ. އަދި އުންމީދަކީ ކުރިއަށް އޮތްތަނުގައި އަތޮޅުތެރެއިން މިހާރަށްވުރެ ގިނަ ޓީމުތައް ފެނުންކަމަށާއި، އަދި އެ ޓީމުތަކުގެ ފެންވަރު މަތިވެގެންދިޔުން ކަމަށް މޯހަން ބުންޏެވެ.
މި ސީޒަނުގެ ލީގާއެކު ދިވެހި ފުޓުބޯޅައިގައި މުޅިން އައު ސޮފުހާއެއް މިވަނީ ލިޔެވިފައެވެ. އަދި މި ސޮފްހާ ރަން އަކުރުން ފެވޭނެކަމީ ޝައްކެއް ނެތް ކަމެކެވެ.