ޤަވައިދާ ޚިލާފަށް ބޮޑު އަގުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ 2 ބިދޭސީއަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ދެމީހުން ބަންދުކޮށްފައިވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތާ ގުޅިގެން ކަމަށެވެ. ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރި މަސައްކަތުން، ހުއްދަނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝަށް ނިސްބަތްވާ 2 މީހަކު އިމިގްރޭޝަންގެ ބަންދަށް ވަނީ ގެންގޮސްފައެވެ.
މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ. ފުލުހުން ވިދާޅުވީ މީގެ ތެރެއިން އެމްޑީ މަސްއޫދު މިމަހުގެ 11 ވަނަ ދުވަހު ދުވަހު ބަންދުކޮށްފައިވާއިރު، އަބޫ ތާހިރު ބަންދުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރުވެސް ކުރިއަށް ގެންދާއިރު، މި ދެ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ކަޅު ބާޒާރުގައި ޑޮލަރު ނުއަގުގައި ވިއްކުމަކީ ބޭރުފައިސާއާއި ބެހޭ ޤާނޫނުގެ ދަށުން ކުށެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވަނީ މިމައްސަލަ ހައްލުކުރުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 12 ބިދޭސީއެއްގެ މައްސަލަ ތަހުޤީޤު ކުރަމުންނެވެ.